އެއްވެސް މީހަކު ދެކެ ރުޅި އައުމެއް ނެތެވެ. ރުޅި އަންނަން ޖެހޭނީ މީހުން ކުރާ ގޯސް ކަންކަމަށެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ތަބަޢަ ނުވާނަމަ އެކަމަށެވެ. ކީރިތި ޤުރްއާނަށް އަމަލު ނުކުރާނަމަ އެކަމަށެވެ. ރަސޫލް (ﷺ) ގެ ސުންނަތަށް ތަބަޢަ ނުވާނަމަ އެކަމަށެވެ. ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ކުރާނަމަ އެކަމަށެވެ.
ނަމަވެސް މިފަދަ އެއްވެސް ކަމަކާއި ހުރެ އެއްވެސް މީހަކު ދެކެ ރުޅި އައިސްގެން އުޅޭތަނެއް ނުފެނެއެވެ. އެންމެ ކުޑަމިނުން ބަންގި ގޮވުމުން މިސްކިތަށް ނުއަރައި މިސްކިތް ކައިރިން ލާފައި ހިނގާތީ ނުވަތަ ދުއްވާތީ ވެސް މީހަކު ރުޅި އަންނަ ތަނެއް ނުފެނެއެވެ. އެފަދަ މީހުން ހުއްޓުވައި ﷲ ތައާލާގެ އަމުރުފުޅަށް ކިޔަމަންވެ މިސްކިތަށް އަރަން ނަޞޭޙަތް ދޭ މީހަކުވެސް ނުފެނެއެވެ.
އަބަދުވެސް މިފެންނަނީ ބޭކާރު ކަންކަމުގައި ރުޅި އައިސްގެން އުޅޭތަނެވެ. ދުނިޔަވީ ކޮންމެ ވެސް ކަމެއްގައި ރުޅި އައިސްގެން އުޅޭތަނެވެ. އަނެކާގެ އަނބިމީހާ ރިތިވެގެން، އަނެކާގެ ފިރިމީހާއަށް ލިބޭ އާމްދަނީ އިތުރުވެގެން އެކަމަށް ހަސަދަ ލައިގެން އުޅޭތަނެވެ.
ނިކަން ވިސްނައިލަބަލާށެވެ! ފިރިމީހާ ލައްވައި ނަމާދުކުރުވުމަކީ އަނބިމީހާ ކުރަން ޖެހޭނެ ކަމެކެވެ. ނަމާދު ނުކުރާނަމަ އެމީހަކާއިއެކު ދިރިއުޅުމެއް ވެސް ނެތެވެ. ހަމަ އެފަދައިން އަނބިން ލައްވައި ނަމާދުކުރުވުމަކީ ފިރިމީހާގެ މަސްއޫލިއްޔަތެކެވެ. އަދާކުރަންޖެހޭ ވާޖިބެކެވެ. އަނބިމީހާ ދެކެ ލޯބިވާނަމަވެސް ކުރަންޖެހޭނެ ކަމެކެވެ. އެހެނީ ކައިވެނީގެ ޙަޤީޤީ ބޭނުމަކަށް ވާންޖެހޭނީ އެކުގައި ސުވަރުގެ ދިއުމެވެ. ވީމާ ނަމާދު ނުކުރާނަމަ އަންތބެއްގެ ގޮތުގައި ބެއިންދުމެއްވެސް ނެތެވެ.
ކަންކަން މިފަދައިން އޮތް އިރު ފިރިން އެންމެ ގިނައިން ރުޅިއަންނަ ކަންކަމުގެ ތެރޭގައި މިހިމެނެނީ ގެއަށް އައިއިރު ކާންހަދާފައި ނެތުން، އިސްތިރިކުރިއިރު ރޫ ފިލުވާފައި ނެތުން ފަދަ ކޫސަނި ކަންކަމެވެ. ގެއަށް އައިސް ނަމާދު ކޮށްފިންތޯ ސުވާލުކުރަނީ ކިތައް ފިރިން ހެއްޔެވެ؟ ހަމަ އެފަދައިން ބަންގި ގޮވީމާ މިސްކިތަށް ނުގޮސް ފިރިމީހާ ނިދަން އޮންނާތީ ނުވަތަ ގޭމްކުޅެން އިންނާތީ ނުވަތަ ސޯޝަލް މީޑިއާގައި އިންނާތީ ރުޅި އަންނަނީ ކިތައް އަނބިން ހެއްޔެވެ؟ ނަމަވެސް ފިރިމީހާއަށް ލިބޭ އާމްދަނީ މަދުވެއްޖެ ނަމަ ގިނަ ފަހަރު އޮއޮތީ ހަތަރު އުދަރެސް ފެނުޖެހިފައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިހާރު ތިއަ ރުޅި އަންނަ ކަންކަން ބަދަލުކުރާށެވެ! އަންނަ ރުޅީގެ ތެރެއިންވެސް އާޚިރަތް ހޯދަން މަސައްކަތް ކުރާށެވެ! ލިބޭ އާމްދަނީ އިތުރުވެ އުފަލުގައި ދިރިއުޅެވޭނީ އެއިރުންނެވެ. ހަމަ އެއާއިއެކު އެކަކު އަނެކަކަށް މާފުކުރާ މީހުން ކަމުގައިވާށެވެ! ދެ ދުނިޔެ އުޖާލާ ކުރެވޭނީ އެއިރުންނެވެ.
އެހެނަސް މިހާރަކަށް އައިސް ރުޅި އަންނަންޖެހޭ ކަންކަން މީސްތަކުންނަށް މިވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. އެހެންކަމުން ރުޅި އަންނަން ޖެހޭ ކަންކަމުގައި ރުޅި ނައިސް ރުޅި އަންނަނީ ރުޅި އަންނަން ނުޖެހޭ ކަންކަމުގައެވެ. މިއި އިޞްލާޙްކުރަންޖެހިފައިވާ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން