ޒިނޭގެ ދަރިންނަކީ އެންމެ ނިކަމެތި ކުދިން ކަމުގަ ބުނަނީ ކީއްވެތަ؟
"ޒިނޭގެ ދަރިންނަކީވެސް އަޞްލަށް ބަލައިފިނަމަ ހަމަ އެހެންކުދިންފަދަ ކުދިންނެވެ. ތަފާތަކަށްވަނީ ޝަރުޢީ ބައްޕައަކު ނެތުމެވެ. ބެލެނިވެރިއަކީވެސް ބަލަދުވެރިއަކީވެސް ހަމައެކަނި މަންމަ ކަމަށްވާތީއެވެ.
ދެން އުފެދޭނެ ސުވާލަކީ ބައްޕައަކު ހުރިނަމަވެސް އަޅައިނުލާނަމަ ނުވަތަ ލޮލަށް ނުފެންނަނަމަ ތަފާތަކީ ކޮބައިހެއްޔެވެ؟ މިސުވާލުގެ ޖަވާބަކީ ބައްޕައަކު އެބަހުރިކަން ޤަބޫލުކުރެވުމުން ލިބޭ ހިތްހަމަޖެހުމެވެ.
ސަބަބުތައް މިފަދައިން ހުރިނަމަވެސް އެކުދިންނަކީ އެންމެ ނިކަމެތި ކުދިންކަމަށް ބުނެގެން ނުވާނެއެވެ. އެގޮތަށް ވިސްނައިގެންވެސް ނުވާނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގަ އެކުދިންނަކީވެސް ހަމަ އެހެންކުދިން ފަދަ ކުއްޖެކެވެ. އެކުއްޖާ އުފަންވުމުގައި ކުއްޖާގެ އެއްވެސް ކުށެއް ނެތެވެ. ފާފަކުރުމުން ފާފަވެރިވާނީ ފާފަކުރި މީހެކެވެ. އެހެން ބައަކު ކުރި ކުށެއް ނުވަތަ ފާފައެއްގެ ސަބަބުން ތިމާއަށް ލިބޭނެ އެއްވެސް އުނިކަމެއް ނެތެވެ.
މިކަންކަމަށް ވިސްނާނުލައި ބައެއް މީހުން ބަސްބުނެއެވެ. އެފަދަ ކުދިންގެ ހިތުގައި ޖެހޭނެފަދަ ބަސްތައްވެސް ބުނެއެވެ. އެއީ ފާފަވެރިވާނެ ކަމެކެވެ. ބަދަލުދޭންޖެހޭނެވެސް ބޮޑު ފާފައެކެވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން:
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ޒިނޭގެ ދަރިންނަކީ އެކުދިންނަށް އެހީވާނޭ ބަފައަކު ނެތް ކުދިބައެކެވެ. އެކުދިން ބޮޑެތިވަމުން އަންނަނީ ތަރުބިއްޔަތު ކުރާނޭ މުރައްބީއަކު ނެތިއެވެ. އެކުދިންގެ ކަންތައްތައް ބަލަހައްޓާނޭ ބަލަދުވެރިއަކު ނެތިއެވެ. މިރޮގުން ބަލާއިރު ދިރިއޮއްވާ ވަޅުލެވޭ ކުދިންނެކޭ މިކުދިންނެކޭ ހަމަހަމައެވެ.
ވީމާ ހަތަރުވަނަ ވަޞިއްޔަތުގައި ވަނީ ޒިނޭ ނުކުރުމަށާއި، އަދި އެހެނިހެންފާހިޝް ކަންތައްތަކަށް އަރައިނުގަތުމަށް އަންގަވާފައެވެ. މިފަދަ ކަންތައްތައް ކުރާބައެއްމީހުންނަކީ ފާޅުގައި ޖެހިލުމެއްނެތި ކުރާމީހުންނެވެ. އެއީ އޭގެ އެންމެ ނުލަފާ މީހުންގެ ގޮތެވެ. އަނެއްބަޔަކު އެފަދަ ފާހިޝް ކަންތައްތައް ކުރަނީ ސިއްރުންނެވެ. މިހެންވެ މިއާޔަތުގައި އަންގަވާފައިވަނީ ފަޙިޝް ކަންތައްތަކުގެ ތެރެއިން ފާޅުވެގެންވާ ކަންތައްތަކާއި، ވަންހަނާ ވެގެންވާ ކަންތައްތަކާ ގާތް ނުވުމަށެވެ.
އެހެން އާޔަތެއްގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. "وَلَا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا (32) " (الإسراء: 32) މާނައީ: " ތިޔަބައިމީހުން ޒިނޭއާ ގާތްވެސް ނުވާށެވެ! ހަމަކަށަވަރުން ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކަމުގައި އެކަންތައް ވެއެވެ. އަދި ހިނގުމަށް ނުބައިވެގެންވާ މަގެއްކަމުގައި އެކަންތައްވެއެވެ."
ޒިނޭއަކީ ސަމާވީ އެއްވެސް ދީނެއް ހުއްދަކުރާ ކަމެއް ނޫނެވެ. ޒިނޭއަކީ އާޚިރަތުގެ ޢަޛާބުގެ އިތުރަށް ދުނިޔެމަތީގައި އޭގެ ގެއްލުމާއި، ނުރައްކާތެރިކަން އެހާބޮޑުކަމެކެވެ. ޞިއްޙީ ގޮތުން ބަލާއިރު އެކަމަކީ ނުރައްކާތެރި ބަލިތައް ފެތުރުމުގެ ސަބަބެކެވެ. ޒިނޭގެ ނަތީޖާ އެއްގެ ގޮތުން ދަރިއަކު ލިބިއްޖެނަމަ، އެ ޢަމަލުކުޅަމީހެއްގެ ނިތްކުރީގައި އެޖެހުނީ ދުވަހަކު ނުފިލާނޭ ލައްގަޑެކެވެ. އެކުއްޖަކު ދުނިޔޭގައި ހުރިހާ ދުވަހަކު އެކަން ކުޅަމީހާގެ ފާޙިޝް ޢަމަލުގެ ނިޝާން ފެނިފެނި ހުންނާނެއެވެ. އެދަރިއަކީ އެއްވެސް ކުށެއްނެތް އިންސާނަކު ކަމުގައި ވިޔަސް އޭނާއަށް ތަންދޮރު އެނގޭއިރު އޭނާގެ ނަފްސާނީ ޙާލަތު އޮންނާނީ ކޮންފަދަ ނިކަމެތި ދަރަޖައަކަށް ވެއްޓިފައިތޯއެވެ؟ ކުޅަދާނަ ނަފްސާނީ ޑޮކްޓަރަކަށްވެސް ފަސޭހައިން މޮހާ ނުލެވޭފަދަ ނަފްސާނީ ގޮށްތަކެއްޖެހި އޮޅުން ބޮޅުންވެފައެވެ.
ޒިނޭގެ ނަތީޖާއެއްގެ ގޮތުން އަންހެނަކު ބަލިވެ އިނދެއްޖެނަމަ އެކަމުގައި ބައިވެރިވި ފިރިހެންމީހާ ގިނަފަހަރަށް ނޫންކަމަށް ހަދާފައި ސަލާމަތްވެގެން ދަނީއެވެ. އެކަމުގެ ހުރިހާ ބުރައެއް އުފުލަންޖެހެނީ އަންހެންމީހާ އަށެވެ. އަންހެންމީހާ އަށް އެކަމުން ސަލާމަތްވެގެން ދެވޭނެ މަގެއްވެސް ނޯންނާނެ އެވެ. ހަމައެކަނި މިނުކުތާގެ މައްޗަށް އަންހެންކުދިން ޚިޔާލު ބަހައްޓާ ނަމަވެސް އެ ފާޙިޝް ޢަމަލު ކުރުމަށް ފިރިހެނުންނަކަށް ތަނެއް ނުދިނީހެވެ. ކިތަންމެ އޯގާވެރި ފޮނިބަސްތަކަކުން އެކުދީންގެ ހިތްތައް ފުރާލިއަސް އެއަކަށް ހެއްލިގެނެއް ނުދިޔައީހެވެ. ކަމުގެ ފަހުކޮޅަށް ވިސްނާލާނަމަ އެ ފާޙިޝް ޢަމަލާ ކައިރިވެސް ނުވީހެވެ.
މާތް ﷲ ޙަރާމް ކުރައްވާފައިވާ ޒިނޭގެ ފާޙިޝް ޢަމަލަށް އަރައިގަންނަންވީ ސަބަބަކީ ކޮބައިތޯ އެވެ؟ ކައިވެނީގެ ގުޅުމަކުން ގުޅާލެވިގެން ޙަލާލު ގޮތުގައި ތިމާގެ އެދުން ފުއްދޭނޭ މަގު އިސްލާމްދީންވަނީ އަޅުގަނޑުމެންނަށް ތަނަވަސް ކޮށްދީފައެވެ. ކައިވެނި ކުރުމުގެ މައްޗަށް އެދުންވެރި ކުރުވައި އެކަމަށް ވަނީ ވަރަށް ވަރުގަދަ ތަރުޙީބެއް ދީފައެވެ.
ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. وَأَنكِحُوا الْأَيَامَىٰ مِنكُمْ " (النور 32) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ފިރިޔަކު ނެތިތިބި އަންހެނުން މީހުންނާ ދެވާށެވެ." ސަލާމާއި ޞަލަވާތް ލެއްވި ކައުއިތުރު ރަސޫލާ ޙަދީޘް ކުރައްވާފައި ވަނީ " " مَنْ أَحَبَّ فِطْرَتِي فَلْيَسْتَسَنَّ بِسُنَّتِي ، وَمِنْ سُنَّتِي النِّكَاحُ " (رواه لبيحقى) "މާނައީ: ތިމަންކަލޭގެފާނުންގެ ފިޠުރަތުގެ ދީނަށް ލޯބިކުރާ ކޮންމެ މީހަކު ތިމަން ކަލޭގެފާނުންގެ ސުންނަތުގައި ހިފަހައްޓައި އެސުންނަތަށް تبع ވާހުށިކަމެވެ. ކައިވެންޏަކީ ތިމަން ކަލޭގެ ފާނުންގެ ސުންނަތުގެ ތެރެއިންވާ ކަމެކެވެ."
އާދޭހެވެ! ޢާއްމު ގޮތެއްގައި ކައިވެންޏަކީ މުޞްތަޙައްބު ކަމެކެވެ. ނަމަވެސް ޒިނޭއަކަށް އަރައިގަނެވިދާނެ ކަމަށް ބިރުވެތިވާމީހަކަށް ކައިވެންޏަކީ ވާޖިބު ކަމެކެވެ. ކަން މިހެން ހުރިއިރު، ޙަލާލު ކައިބެންޏަކުން ތިމާގެ ޣަރީޒާ ރުއްސާނޭމަގު ފަހިކަމާއެކު ދައްކަވާ ތަނަވަސް ކޮށް ދެއްވާފައި ވަނިކޮށް ދުނިޔެއާއި އާޚިރަތުގައި ތިމާއަށް އެފަދަ ގެއްލުންހުރި އެހައި ނުރައްކައުތެރި ކަމަކަށް އަރައި ގަންނަންވީ އެއްވެސް ސަބަބެއް ނެތެވެ.
ޒިނޭ އަކީ މީހާގެ އީމާންކަން ނަގާލާ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވެވި ކަމަށް އަބޫ ހުރައިރަތުގެ ފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. " لا يَزْنِي الزَّانِي حِينَ يَزْنِي وهو مُؤْمِنٌ، ولا يَسْرِقُ السَّارِقُ حِينَ يَسْرِقُ وهو مُؤْمِنٌ، ولا يَشْرَبُ الخَمْرَ حِينَ يَشْرَبُها وهو مُؤْمِنٌ".(روواه البخارى ومسلم) މާނައީ: ޒިނޭކުރާ މީހާ ޒިނޭކުރާ އިރު މުއުމިނެއްކަމުގައި ހުރެ، އޭނާ ޒިނޭއެއް ނުކުރާނެއެވެ. އަދި ވައްކަންކުރާމީހާ ވައްކަންކުރާއިރު، މުއުމިނެއް ކަމުގައި ހުރެ އޭނާ ވައްކަމެއް ނުކުރާނެއެވެ. އަދި އޭނާ ރާބޯހިނދު މުއުމިނެއްކަމުގައި ހުރެ، އޭނާ ރާއެއް ނުބޯނެއެވެ.
- ފަޟީލަތުއްޝައިޚް މޫސާ ފަތުޙީގެ ލިޔުއްވުމަކުން