ކިތަންމެ ލޯބިން އުޅުނަސް ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް ޚިޔާލްތަފާތުވުންތައް އުފެދޭނެއެވެ. މައްސަލަތައްވެސް ޖެހޭނެއެވެ. ދެބަސްވުންތައްވެސް ހިނގާނެއެވެ. ވީމާ އޮތީ އަބަދުވެސް ޙައްލާއިމެދު ވިސްނައިގެން ތިބުމެވެ.
ފުރަތަމަ ކަމަކީ ދެމީހުން އެކަކު އަނެކަކު ދެކެ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް މިބަޔާންކުރި ފަދަ ކަންކަން މެދުވެރިވާނެކަމަށް ޤަބޫލުކޮށް އަބަދުވެސް ތައްޔާރުވެގެން ތިބުމެވެ. ރުޅިއަންނަ ހިނދު އެކަކަށް ނުބައި ބަހެއް ބުނެވުމުން ރައްދުގައި އެއަށްވުރެ ނުބައިކަންބޮޑު ބަހެއް ނުބުނެ އެއަށްވުރެ ރިވެތި ބަހެއް ބުނުމެވެ. އެގޮތަށް ޢަމަލުކުރަންޖެހެނީ އެޙާލަތުގައި ޢަމަލުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަކީ އެއީ ކަމުގައިވާތީއެވެ.
ބުނަންހެއްޔެވެ؟ ދެމްފިރިންގެ މައްސަލަތައް ޖެއްސުވުމަކީ ޝައިޠޯނާ އެންމެ ބޮޑަށް ކުރަން ބޭނުންވާ ކަންތަކެވެ. ވީމާ ދެމަފިރިންގެ މެދުގައި ކިތަންމެ ކުޑަކުޑަކަމަކާއި ގުޅިގެން ނަމަވެސް ޒުވާބެއް އުފައްދުވަން ޝައިޠޯނާ މަސައްކަތްކުރާނެއެވެ. ބަސްމަގު ހުތުރުކޮށް، ނުބައި ބަސްތައް ބުނެވޭ ސަބަބަކީ ޝައިޠޯނާ އެކަމަށް ހިތްވަރުދިނުމެވެ.
ވީމާ ވިސްނަންޖެހޭނީ ޝައިޠޯނާއަށް ކާމިޔާބުވިޔަ ނުދިނުމަށެވެ. އެކަމަށް ކުރަން އޮތްކަމަކީ ނުބައި ބަސް ބުނުމުގައި އެކަކު އަނެކަކަށް ވާދަކުރުމުގެ ބަދަލުގައި ހެޔޮބަސް ބުނުމުގައި ވާދަކުރުމެވެ. އެއިރުން ޒުވާބު ހޫނުވުމުގެ ބަދަލުގައި ދާނީ ފިނިވަމުންނެވެ. ޝައިޠޯނާ ދާނީ ދެރަވެ ނިކަމެތިވަމުންނެވެ. އިން ޝާ ﷲ
އަދި ކީއްހެއްޔެވެ؟ ދެމީހެއްގެ މެދުގައި ޒުވާބެއް އުފެދިއްޖެނަމަ، ތިމާ ހުރީ ޙައްޤުމަގުގައި ކަމަސްވީނަމަވެސް ޒުވާބު ހުއްޓައިލުމަކީ ސުވަރުގެއިން ބިނާއެއް ދެއްވަވާނެ ކަމެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއީ އެކަމުގެ ސަބަބުން ކުރާނެ ފައިދާ މާބޮޑުވާނެތީއެވެ. އިން ޝާ ﷲ
ވީމާ ދެމަފިރިންގެ މެދުގައި ނަމަވެސް ޒުވާބެއް ފެށިއްޖެނަމަ އަވަސްވެގަންނަންވީ ސުވަރުގެއިން ބިނާއެއް ލިބިގަތުމަށެވެ. އަދި ކީއްހެއްޔެވެ؟ އެއިރުން އެމީހަކު ވެގެންދާނީ ދެމަފިރިންގެ ގުޅުން ހިމާޔަތްކުރަން މަސައްކަތްކުރި މީހަކަށެވެ. އެކަމަށްވެސް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން