ސުވަރުގެ އެދިގެން ކުރަން ހުރި ވަރަށް ގިނަ ޢަމަލުތައް ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. މިގެނެސްދެނީވެސް އެފަދަ ޙަދީޘްފުޅެކެވެ.
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވެވިއެވެ.
(يَا أَيُّهَا النَّاسُ ، أَفْشُوا السَّلامَ ، وَأَطْعِمُوا الطَّعَامَ ، وَصِلُوا الأَرْحَامَ ، وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ ، تَدْخُلُوا الْجَنَّةَ بِسَلامٍ)
މާނައަކީ: "އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން އެކަކު އަނެކަކަށް ސަލާމްގޮވާ އުޅޭށެވެ. އެކަކު އަނެކަކަށް ކާންދީ ހަދާށެވެ. މީސްތަކުން ނިދާފައި ތިއްބާ ރޭގަނޑު ނަމާދު ކުރާށެވެ. އޭރުން ސަލާމަތްތެރިކަމާއި އެކު ސުވަރުގެ އަށް ވަދެވޭނެއެވެ".
ވީމާ އެކަކު އަނަކަށް ސަލާމް ގޮވައި، އެކަކު އަނެކަކަށް ކާންދީ، އަދި ދަމުނަމާދުކުރާ މީހާއަށް ނަރަކައިން ސަލާމަތްވެވި ސަލާމަތްކަމާއިއެކު ސުވަރުގެ ވަދެވޭނެކަން މިއޮތީ އެނގޭށެވެ!
މިހާރަކަށް އައިސް އެއްގެއެއްގައި ދިރިއުޅުނު ނަމަވެސް ވަކިން ކައްކާ ކައިހަދާ ޢާއިލާތައް ބައިވަރެވެ! އުޚުތާ ބަލިވެ އޭނާއަށް ނުކެއްކޭ ދުވަހު އޯޑަރުކޮށްގެން ކާތަކެތި ގެނުވަން ނުޖައްސައި އޭނާއަށާއި އޭނާގެދަރިންނަށް އަދި ފިރިމީހާއަށް ކާނެ އެތިކޮޅެއް ރޯފިލުވާފައި ދިނުމުގެ ފައިދާ ނިކަން ދެކިބަލާށެވެ.
ދެން އެއޮތީ ރޭއަޅުކަންކުރުމުގެ ވާހަކައެވެ. އެކަމަކީވެސް ކުރަން މީހަކު ޝައުޤުވެރިވެއްޖެނަމަ ތަކްލީފަކަށްނުވެ ކުރެވޭނެ ކަމެކެވެ. ދަންވަރުގެ ކޮންމެ ވަޤުތެއްގައި ހޭލެވުނަސް އެންމެ 2 ރަކްޢަތް ނަމަވެސް ކޮށްލާށެވެ! އެވަރުވެސް ބޮޑުވާނަމަ ފަތިސްވުމުގެ ކުރިން ހޭލައިގެން ކޮށްލިޔަސް އެއޮތީ ރޭއަޅުކަން ކުރެވިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން