މުސްލިމް އަޚުންނޭވެ! ކީރިތިވަންތަ، މާތް ﷲ މި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗެއް އުފައްދަވައި، ފުޅާ ދާއިރާއެއްގައި އެ ތަކެތީގެ ބޭނުންހިފުން އިންސާނުންނަށް ހުއްދަކުރެއްވިއެވެ. ޙަރާމްކުރައްވައިފައިވަނީ، ނިސްބަތުން ވަރަށް މަދު އެއްޗެކެވެ. އެއީ، އެ ތަކެތީން ލިބިދާނޭ ބޮޑު ގެއްލުމަކަށް ޓަކައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން ޙަލާލު ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބަޢަނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ ޝައިޠާނާއީ، ތިޔަބައިމީހުންނަށް ހުރި ކަނޑައެޅި ބަޔާންވެގެންވާ ޢަދާވާތްތެރިއެކެވެ."
އަދި ވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި ﷲ ތިޔަބައި މީހުންނަށް ދެއްވި ތަކެތީގެ ތެރެއިން، ޙަލާލު ރަނގަޅު ތަކެތި ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން، އީމާން ވެގެންތިބި ﷲއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ!"
މުސްލިމް އަޚުންނޭވެ! ދުންފަތަކީ، ވަރަށް ގިނަ ގޮތްގޮތުން ގެއްލުން ހުރި އެއްޗެއްކަން، ކަމާ ގުޅޭ ގޮތުން ކުރެވިފައިވާ އެންމެހައި ދިރާސާތަކުން ސާބިތުވެފައިވެއެވެ. އެހެނަސް، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން، އެކަމާމެދު މާބޮޑު ފަރުވާލެއް ނުބަހައްޓައި، އެ ކަން ކުރެއެވެ. ތިމާމެންގެ އަމިއްލަ އަތްތަކުން ތިމާމެންގެ އަމިއްލަ ހަށިތައް ހަލާކުގެތެރެއަށް ވައްޓައިލައެވެ. ބުރަ މަސައްކަތުން، ހޯދާ ފައިސާ، ބޭކާރު ގޮތުގައި ހޭދަކޮށް، އަމިއްލަ ހަށިގަނޑަށް ގެއްލުންދެއެވެ. އަމިއްލަ ބޭނުންތަކަށާއި، އަނބިދަރީންނަށާއި ގާތްތިމާގެ މީހުންނަށާއި، ޙާޖަތްތެރީންނަށް، އެ ފައިސާ ހޭދަކުރުމުގެ ބަދަލުގައި، އެއްވެސް ފިކުރެއް ނެތި، ތިމާގެ އަމިއްލަ އަތުން އަލިފާންޖަހައި، އަންދައިލާން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟
މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފުސުތައް ހަލާކުގެ ތެރެއަށް އެއްލައިނުލާށެވެ!" ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، ފުއްޕާމެއަށް ކެންސަރުޖެހުމަށް ދިމާވާ އެންމެ ބޮޑު ސަބަބެވެ. މީގެ އިތުރަށް، މި ކަމަކީ ހިތާ ގުޅިފައިވާ ލޭނާރުތަކުގައި ސަރުބީޖަހައި، ލޭހިނގުމަށް ދަތިވެ ހޮޅިތައް ބެދުމަށް މެދުވެރިވާ ކަމެކެވެ. އެތެރެހަށީގެ ބައެއް ގުނަވަންތަކަށް ކެންސަރުޖެހި މަރުވުމުގެ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހިމެނެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުން، މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރިފުޅު ބައިގެންދިއުމަށާއި، ވިހެއުމުގެ ކުރީން ދަރިފުޅު މަރުވުމަށާއި، ގޮހޮރު ފާރުވުން ފަދަ ކަންތައްތަކަށް މަގުފަހިވެއެވެ.
މުސްލިމް އަޚުންނޭވެ! ދުންފަތުގެ އިސްތިޢުމާލުކުރުމުން ގެއްލުންލިބެނީ ހަމައެކަނި އެކަން ކުރާ ބަޔަކަށް ނޫނެވެ. މީހުން އެއްވެއުޅޭ ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލު ކުރުމުން، އެ ތަނެއްގައި ތިބި ދުންފަތުގެ އިސްތިޢުމާލުނުކުރާ މީހުންނަށް ވެސް ބޮޑެތި ގެއްލުން ލިބެއެވެ. އެހެންކަމުން، ދުނިޔޭގެ ގިނަ ޤައުމުތަކުގައި، މިއަދު ވަނީ މީހުން އެއްވެއުޅޭ ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށްފައެވެ. މަތިންދާބޯޓުތަކާއި އެއަރޕޯޓުތަކާއި، ސަރުކާރުގެ އޮފީސްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި މަދަރުސާ ފަދަ ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވިފައި ވެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ސިނގިރޭޓެއް ބޮއި ނިމެންދެން، އެ މީހަކާ އެއް މަޖިލީހެއްގައި ހުރި މީހަކަށް، ސިނގިރޭޓެއްގެ ދެބައިކުޅަ އެއްބައި ބުއިމުން ލިބޭނޭ ގެއްލުން ހުންނާނީ ލިބިފައެވެ. އެހެންކަމުގައިވާ ނަމަ، ތިމާގެ ވަށައިގެން އުޅޭ މީހުންނާއި ތިމާއަށް ވުރެ ޢުމުރުން ދޮށީ މީހުންނާއި، އަނބިދަރީންނާއި، ގާތްތިމާގެމީހުންގެ މޫނާ ދިމާއަށް، ދުންފަތުގެ ވިހަ ދުން ދޫކުރުން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ޝައްކެއްނެތެވެ. ކޮންމެ މީހެއްގެ ވެސް އެންމެ ގާތުގައިވާނީ، އެ މީހެއްގެ ދެ ކޮނޑުގައިވާ ދެ މަލާއިކަތްބޭކަލުންނެވެ. ރަސޫލު ﷲ z ޙަދީޘްކުރައްވައިފައި ވެއެވެ. (فَإِنَّ الْمَلَائِكَةَ تَتَأَذَّى مِـمَّا يَتَأَذَّى مِنْهُ بَنُوْ آدَم)[1] މާނައީ: "ހަމަކަށަވަރުން، އާދަމުގެދަރީންނަށް އުނދަގޫވާ ކަންތައްތަކުން މަލާއިކަތްބޭކަލުންނަށް ވެސް އުނދަގޫފުޅު ވެއެވެ."
މުސްލިމް އަޚުންނޭވެ! ގޭތެރޭގައްޔާއި، މީހުން އެއްވެ އުޅޭ ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުމުން، އެތަންތާނގައި ދިރިއުޅެމުންދާ އަހަރެމެންގެ ކުޑަކުދީން ދުޅަހެޔޮކަމާ އެކު ސާފު ވެއްޓެއްގައި ދިރިއުޅުމުގެ ޙައްޤު ގެއްލޭކަން އިޙްސާސުކުރެވޭ ބާވައެވެ! އެ ކުދީންނަކީ، މި ޙައްޤު ހޯދުމަށް ނުކުމެ، އެ ކަމާ ވަކާލާތު ކުރެވޭވަރުގެ ޤާބިލު ބަޔަކަށްނުވާ ހިނދު އެ ކުދީންގެ މި ޙައްޤުތައް ހޯދައިދިނުމީ ކޮންބަޔެއްގެ މަސްއޫލިއްޔަތެއްބާވައެވެ! މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ޙަލާލު ރަނގަޅު ތަކެތީން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި ﷲއަށް އަޅުކަންކުރާކަމުގައިވާ ނަމަ އެކަލާނގެއަށް ތިޔަބައިމީހުން ޝުކުރުވެރިވާށެވެ!"
މުސްލިމް އަޚުންނޭވެ! ދުންފަތުގެ އިސްތިޢުމާލުކުރުމީ، ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމައަށް ކުރެވޭ ބޮޑު އަނިޔާއެކެވެ. ވީއިރު، މި ސުންޕާ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ޓަކައި، ވަރުގަދަ ޢަޒުމަކާއެކު ކުރިމަތިލާށެވެ! ފުރަތަމަ ތިމާގެ އަމިއްލަ ނަފުސެވެ. ދެން ޢާއިލާއެވެ. އެއަށްފަހު މުޖުތަމަޢެވެ. ދަންނާށެވެ! ޙަޤީޤީ ރަޙުމަތްތެރީންނަކީ، ހެޔޮ ކަންކަމަށް މަގުފަހިކޮށްދީ، ހެޔޮ ނަސޭހަތްދޭ މީހުންނެވެ. ނުބައި ކަންކަންކަމަށް ހިތްވަރުދޭ މީހުން ރަޙުމަތްތެރީންކަމުގައި ނުބަލާށެވެ! ގެއްލުންދޭ، އަދި ގެއްލުމަށް މަގުފަހިކޮށްދޭ ކޮންމެ އެއްޗަކުން ދުރުހެލިވާންޖެހޭކަމާއި، އެފަދަ ކަމެއް ކުރުމީ ޙަރާމްކަމެއްކަމުގައި، ޢިލްމުވެރީން އިއްތިފާޤުވެވަޑައިގެންފައި ވެއެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (لَا ضَرَرَ وَلَا ضِرَارَ)[2] މާނައީ: "ގެއްލުންދިނުމެއް އަދި ގެއްލުންލިބިގަތުމެއް ވެސް ނުވެއެވެ." އެތެރެހައްޓަށް ޖެހޭ ގިނަ ބަލިތަކުގެ އަޞްލަކީ، ދުންފަތުގެ އިސްތިޢުމާލުކުރުންކަމުގައިވީ ހިނދު، ދުންފަތުގެ އިސްތިޢުމާލުކުރުމަށް، ލަސްލަހުން އަމިއްލަނަފްސު މަރައިލުމޭ ވެސް ކިޔައެވެ. އަމިއްލައަށް މަރުވެގަތުމީ ބޮޑުވެގެންވާ ފާފައެއްކަން ކަށަވަރެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ތިޔަބައިމީހުން ޤަތުލުނުކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި اللهވޮޑިގެން ވެއެވެ." އަމިއްލަ ނަފުސު ޤަތުލުކުރުމުގެ ނުބައިކަން ބަޔާންކޮށްދެއްވަމުން، ރަސޫލުالله ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (وَمَنْ تَـحَسَّى سَـمًّا فَقَتَلَ نَفْسَهُ، فَسَمُّهُ فِيْ يَدِهِ يَتَحَسَّاهُ فِيْ نَارِ جَهَنَّمَ خَالِدًا مُـخَلَّدًا فِيْهَا أَبَدًا)[3] މާނައީ: "ވިހައެއް ބޮއިގެން، މަރުވެގަތް މީހާ، ޤިޔާމަތް ދުވަހު އެ ވިހަ އޭނާގެ އަތުގައި ވާނެއެވެ. އަދި އެ ވިހަ ބޮމުންދާ ޙާލު ނަރަކައިގައި ތާއަބަދަށް އޭނާ ދެމި އޮންނާނެއެވެ."
މުސްލިމް އަޚުންނޭވެ! ދުންފަތުގެ އިސްތިޢުމާލުކުރުމީ ބޮޑު އިސްރާފެކެވެ. އިސްރާފުކުރުމީ އިސްލާމް ދީނުގައި ޙަރާމް ކުރައްވައިފައިވާ ކަމެކެވެ. މި ކަން ބަޔާންކުރައްވައި، މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި ވިޔާނުދާ ޚަރަދުތައްކޮށް އިސްރާފުނުކުރާހުށިކަމެވެ! ހަމަކަށަވަރުން އިސްރާފުކުރާ މީހުންނީ ޝައިޠާނުންގެ އަޚުންކަމުގައި ވޫއެވެ. އަދި ޝައިޠާނާ، އޭނާގެ ވެރި ރަސްކަލާނގެއަށް ވަރަށް ބޮޑަށް ކާފިރުވާކަމުގައި ވިއެވެ."
މުސްލިމް އަޚުންނޭވެ! ގެއްލުންދެނިވި އެންމެހައި ތަކެތީން ދުރުހެލިވުމަށް، އިސްލާމް ދީނުގައި ވަނީ އަންގަވައިފައެވެ. ރަނގަޅުހައި ތަކެތި ޙަލާލުކުރައްވައި އަދި އެންމެހައި ނުބައި ތަކެތި ވަނީ ޙަރާމްކުރައްވައިފައެވެ. މާތް ﷲ އެންމެހައި ނުބައި ކަންތައްތަކުން އަހަރެމެން އެންމެން ރައްކާތެރިކުރައްވާށިއެވެ! އަދި ނުބައިކަންތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު އަހަރެމެން އެންމެންނަށް ދެއްވާށިއެވެ! އާމީން!