ޤިޔާމަތް ދުވަހު ތިބާގެ ޢަމަލުތައް ކިރައިލެވޭހިނދު މީޒާން ފާފައިގެ ކޮޅަށް ކިތަންމެ ކުޑަތަންކޮޅަކުން ނަމަވެސް ބަރުވެއްޖެނަމަ ސަލާމަތަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ޤިޔާމަތް ދުވަހު ތިބާގެ ޢަމަލުތައް ކިރައިލެވޭހިނދު މީޒާން ފާފައިގެ ކޮޅަށް ކިތަންމެ ކުޑަތަންކޮޅަކުން ނަމަވެސް ބަރުވެއްޖެނަމަ ސަލާމަތަކީ ކޮބާ؟

ޤިޔާމަތް ދުވަހުގެ ހިސާބު ބެއްލެވުމުގެ ވާހަކަ ދައްކާއިރަށް ގިނަ ބައަކަށް މާނަ ނެގޭނީ ތިލަފަތެކެވެ. އެއްކޮޅަށް ހެޔޮ އަމަލެވެ. އަނެއްކޮޅަށް ކުރި ފާފަތަކެވެ. ދިނީ ޢިލްމުވެރިންވެސް މިމޭރުމުން ސިފަވެސް ކުރައްވަވައެވެ.

 

ޤިޔާމަތް ދުވަހުގެ ހިސާބު ބެއްލެވުމަކީ މުޅިން ތަފާތު ކަމެކެވެ. އެންމެ ބޮޑު ތަފާތަކީ ހުރިހާ އެންމެންނަށް އިންޞާފުން ޖަޒާ ލިބުމެވެ. ޛައްރެއްގެ މިންވަރުވެސް މަދުނުވާނެ ގޮތަށެވެ. މީހާގެ ހެޔޮ އަމަލުތައް ގިނަވެއްޖެނަމަ ﷲ ތަޢާލާ ދެއްވަވާނެ "ބޯނަސް" އެއީ މުޅިން ތަފާތު ކަމެކެވެ.

މީޒާނުގައި ތިބާގެ ޢަމަލުތައް ކިރައިލެވޭނެ ވަގުތަކީ އެންމެ ބިރުހުރިވަގުތެވެ. ހެޔޮކަމުގެ ކޮޅަށް ކިތަންމެ ކުޑަމިންވަރެއް ނަމަވެސް ލުއިވެއްޖެނަމަ އެމީހާ ހިމެނިގެންދާނީ ގެއްލެނިވެގެންވާ މީހުންގެތެރެއިންނެވެ. ކިރިޔާވެސް ސަލާމަތްކަމެއް ލިބޭނީ ދެކޮޅު އެއްވަރުކުރެވިގެންނެވެ. ދެކޮޅު އެއްވަރުކުރެވޭނީ ވެސް ހެޔޮކަމުގެ ކޮޅަށް ބަރުކުރަން އިންތިހާއަށް މަސައްކަތް ކުރެވުނު މީހަކަށެވެ.

ދުނިޔޭގެ ކޯޓުތަކުގައި ކުރާ ޝަރީޢަތް ކާމިޔާބު ކުރެވުމުގައި މޮޅަށް ވަކާލާތުކުރުން މުހިންމު ދައުރެއް އަދާކުރެއެވެ. މޮޅަށް ވާހަކަ ދައްކައިގެން މީހުންގެ ޙައްޤުތައް ދަމައިގަނެއެވެ. ކުށުން ބަރީޢަވެސް ވެއެވެ. އެއީ ޤާނޫނެއް އޮންނާތީއެވެ. ޤާނޫނީ ހަމަތަކުން ޝަރީޢަތް ކުރަން ޖެހޭތީ އެވެ. އަދި މައްސަލައިގައި ފޮރުވިފައިވާ ބައިތައް ފަނޑިޔާރަށް ނުއެނގޭތީއެވެ. ބޭރުފުށަށް ޝަރީޢަތްކުރަންޖެހޭތީއެވެ.

ނަމަވެސް ޢާޚިރަތް ދުވަސް މުޅިން ތަފާތެވެ! ކުށްވެރިންނަށް ލޯޔަރުންނެއް ނުލިބޭނެއެވެ. ހިސާބު ބައްލަވައި ފައިޞަލާ ކުރައްވަވާނީ އިންސާނާ ކުރި ހުރި ހުރިހާ އަމަލުތައް އޭނާއަށްވުރެވެސް މާ ފުރިހަމައަށް ދެކެ ދެނެވޮޑިގެންވާ ﷲ ތަޢާލާއެވެ. މީހާ ކިތަންމެ ވަރަކަށް ނުރުހުނަސް ފާފަކުރި އޭނާގެ ގުނަވަންތައް އެކަންކަމަށް ހެކިދޭނެއެވެ. ވީމާ އެއްވެސް ކުށްވެރިއަކަށް ކުށުން ބަރީޢަ ވުމަށް ދެއްކޭނެ އެއްވެސް ޙުއްޖަތެއް ނުއޮންނާނެއެވެ.

މީސްތަކުންނޭވެ! ކަންކަން މިހެން ހުރުމުން ދުނިޔޭގައި ހުންނަން ލިބޭ މަދު ވަގުތުކޮޅުގެ ބޭނުން ފުރިހަމައަށް ހިފާށެވެ! ހެޔޮކަމުގެ ކޮޅަށް ބަރުވާނެ އަމަލެއް ނޫނީ ނުކުރާށެވެ! ކުރެވޭ މަދު ހެޔޮ އަމަލުކޮޅުން އެހެން މީހުންގެ ޙައްޤުތައް އަދާކުރަން ޖެހޭނެ ފަދަ އެއްވެސް ކަމެއް ނުކުރާށެވެ! އެންމެ ކުޑަމިނުން އެފަދަ ބަހެއްވެސް ނުބުނާށެވެ!

ބުނެވޭ އެފަދަ ބަސްތައް މަތިން ދުވަސްކޮޅަކުން ތިބާ ހަނދާނެއް ނުހުންނާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު އެފަދަ ހުރިހާ ބަސްތަކަށް ބަދަލުދޭން ޖެހޭނެއެވެ. ދުލަކީ އެންމެ ފަސޭހައިން މީހާ ނަރަކައަށް ފޮނުވައިލާ ގުނަވަންކަމަށް ބުނެވެނީ ވެސް މި ސަބަބަށްޓަކައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން