ދިރިއުޅުމަށް ހެޔޮ ބަދަލު ގެނެވޭނީވެސް، ދީނަށް ޢަމަލުކުރެވޭނީވެސް ޤުރްއާނުގެ މާނައިގެ އިތުރުން ތަފްސީރުވެސް ކިޔައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ދިރިއުޅުމަށް ހެޔޮ ބަދަލު ގެނެވޭނީވެސް، ދީނަށް ޢަމަލުކުރެވޭނީވެސް ޤުރްއާނުގެ މާނައިގެ އިތުރުން ތަފްސީރުވެސް ކިޔައިގެން!

އަޅުގަނޑުމެންނަށް އޮތީ ހަމައެކަނި ކީރިތި ޤުރްއާނުގެ ދެލިގަނޑު ކިޔުމެއް ނޫނެވެ. ވިސްނައި ފިކުރުކުރުމެވެ. އެކަންކުރެވޭނީ މާނަ ކިޔައިގެންނެވެ. ތަފްސީރުވެސް ކިޔައިގެންނެވެ. ކީރިތި ޤުރްއާން ބާވައިލެއްވެވުނުތާ 1450 އަހަރުވެގެންދާއިރު އަދި އެފޮތުން ކުށެއް ހޯދަން ދުނިޔޭގެ އެތައް ހާސް ޕްރޮފެސަރުން މަސައްކަތްކުރުމުން މިއަދާއި ހަމައަށްވެސް އެންމެ ކުށެއްވެސް ހޯދިފައި ނެތްކަން އެއީ އެފޮތުގައި ﷲ ތަޢާލާ ލައްވަވާފައިވާ އެންމެ ބޮޑު އެއް މުޢްޖިޒާތެވެ.

ކީރިތި ޤުރްއާނުގައިވާ ކޮންމެ ކަލިމައަކީވެސް ތެދުކަން ޔަޤީންކުރެވޭ އެންމެ ބޮޑު އެއް ސަބަބަކީ ކީރިތި ޤުރްއާނުން ކޮށްހޯދަން މަސައްކަތްކުރާ ދުނިޔޭގެ ބޮޑެތި ޢިލްމްވެރިން ކުރާ ދިރާސާތަކުން ޞައްޙަކަން ޔަޤީންކުރެވި އެމީހުން ޤުރްއާން ޤަބޫލުކޮށް އިސްލާމްވަމުން އަންނަ އައުމެވެ.

މީރިތި ޤުރުއާން ބާވައި ލެއްވެވުނުތާ 1450 އަހަރުވަނީއެވެ. ކީރިތި ޤުރްއާން ބާވައިލައްވަވަން ފެށްޓެވީންސުރެ މިއަދާއި ހަމައަށްވެސް ކީރިތި ޤުރްއާން ދޮގުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަވެސް ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ހަމަ އެންމެ ކަމެއްވެސް ދޮގު ނުކުރެވުނުތަނުގައި ދޮގުކުރަން މަސައްކަތްކުރި އެތައް ބައަކަށް ކީރިތި ޤުރްއާނުގެ ޙަޤީޤަތް އެނގުމުން ވަނީ އިސްލާމް ދީން އިޚްތިޔާރުކޮށްފައެވެ.

އިންސާނާ ވެސް އަދި އެހެން މަޚްލޫޤުންވެސް، އެންމެހައި މަޚްލޫޤުންވެސް އުފައްދަވަނީ ﷲ ތަޢާލާ ކަމަށް ކީރިތި ޤުރްއާނުގައި ވަނީ ބަޔާން ކުރައްވަވައިފައެވެ. މިއަދުގެ ސައިންސުން މިވަނީ އެކަމަށް ފުރިހަމަ ދަލީލު ލިބިފައެވެ.

މީގެ 1400 އަހަރު ކުރިން، ސްކޭން ކުރުމެއް، އެކްސްރޭއެއް ނުހެދޭއިރު އެންމެ ކުޑަމިނުން ލޭޓެސްޓެއްވެސް ނުހެދެއެވެ. އެފަދަ ޒަމާނެއްގައި ބާވައި ލެއްވެވި ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަނީ އެކަލާނގެ އިންސާނާ އުފައްދަވަނީ ފެންތިއްކަކުން (މަނިތިއްކަކުން) ކަމާއި މައިމިހާގެ ބަނޑުގައި އުފެދި ބޮޑުވާ ގޮތް ބަޔާން ކުރައްވަވައިފައެވެ. އަދި މަރުވެ ނެތިދާ ގޮތް ވެސް ވަނީ ބަޔާން ކުރައްވަވައިފައެވެ.

މިފަދަ އެތައް ކަމަކުން އެނގި ޔަޤީންވަމުން މިދަނީ އިންސާނާ އުފެއްދެވީ ﷲ ތަޢާލާ ކަމެވެ. އެހެން ނޫންނަމަ ސައިންސްގެ ޒަރެއްގެ މިންވަރުވެސް ނެތް ޒަމާނެއްގައި މިކަންކަން މިހައި ތަފްޞީލުކޮށް ކީރިތި ޤުރްއާނުގައި އޮންނާނެ އެއްވެސް ގޮތެއް ނެތްކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް ވިސްނޭނެއެވެ. އިންކާރު އެކުރަނީ އަލިފާނުން ހޫނު ނުވާނެ ކަމަށްވެސް ދަޢުވާ ކުރާނެ މީހުންނެވެ.

ދިރިއުޅުމަށް ހެޔޮ ބަދަލު ގެނެވޭނީވެސް، ދީނަށް ޢަމަލުކުރެވޭނީވެސް ޤުރްއާނުގެ މާނައިގެ އިތުރުން ތަފްސީރުވެސް ކިޔައިގެންނެވެ. ޤުރްއާނުގެ ޙަޤީޤީ ފައިދާ ލިބިގަންނަން ބޭނުންވާނަމަ މާމނައާ ތަފްސީރުކިޔާށެވެ!

ގުޅުންހުރި ލިޔުމެއް!:

ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނީ ކީރިތި ޤުރްއާނުން ކުށް ހޯދުމުގެ މަސައްކަތް ކުރެއްވި ޕްރޮފެސަރ ގެރީ މިލަރގެ ނިންމެވުމެވެ. ވިދާޅުވެލައްވާށެވެ! ކީރިތި ޤުރްއާނުގެ ފުރިހަމަކަން އިތުރަށް ޔަޤީންކޮށްލައްވާށެވެ!

ޕޮރޮފެސަރ ގެރީ މިލަރ ކީރިތި ޤުރްއާނުން ކުށް ހޯއްދަވަން ކުރެއްވި މަސައްކަތުގެ ނިމުމަކަށްވީ ކީރިތި ޤްރުއާނުގެ ފުރިހަމަކަން ޤަބޫލުފުޅު ކުރައްވައި ޢަބްދުލް އަހަދުއަށްވެވަޑައިގަތުމެވެ.

 

ގުޅުންހުރި ލިޔުން ވިދާޅުވުމަށް:

http://www.islamforchristians.com/gary-miller-man-challenged-quran/

މިއަދު އޮންލައިން