ހުޅުމާލެ ދެފިޔަވަހީގެ ބައެއް މަގުތައް ތަރައްޤީކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހުޅުމާލެ ދެފިޔަވަހީގެ ބައެއް މަގުތައް ތަރައްޤީކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 3ވަނަ ދުވަހުއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރުއެވެ. އަދި ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޒޫ ވީޑޮންގ އެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 1.1 ކިލޯމީޓަރުގެ މަގު ތާރު އަޅައިގެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާ ކުންފުންޏާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލެ ފޭސް 1 ގައި މިހާރު ނުނިމި ހުރި 5 މަގެއް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގު ތަރައްޤީކުރުމުގެ މަސައްކަތް ވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެއެވެ. މި މަޝްރޫޢު ނިމޭއިރު، ފޭސް 1 ގައި މިހާރު ތާރު އަޅާފައި ނެތް ހުރިހާ މަގެއް ތަރައްޤިކުރެވޭނެއެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި މީގެކުރިން ހަދާފައިވާ މަގުތަކުގެތެރެއިން ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން ހުޅުމާލޭގެ ފިތުރޯނު މަގާއި އެހެން ބައެއް މަގުތައް މަރާމާތުކުރެވޭނެއެވެ. ފޭސް 1 އަދި 2 ގެ މަގުތައް ހެދުމުގެ މި މަޝްރޫޢުގެ މަސައްކަތް 6 މަސް ދުވަހުގެތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

މިއަދު އޮންލައިން