ރާއްޖޭގެ އެކިސަރަހައްދުތަކުގައި ޤާއިމްކުރާ ހައުސިންގ މަޝްރޫޢުތައް ޑިޒައިން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: އެޗްޑީސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ރާއްޖޭގެ އެކިސަރަހައްދުތަކުގައި ޤާއިމްކުރާ ހައުސިންގ މަޝްރޫޢުތައް ޑިޒައިން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: އެޗްޑީސީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ މަޝްރޫޢުތައް ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ތަރައްޤީގެ އިތުރު މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ލިބުނު ފުރުޞަތަކީ އެ ކުންފުންޏަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

އަލީ ޒުހައިރު ވިދާޅުވީ، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއާ ގުޅިގެން ހައުސިން ޔުނިޓްތައް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނިން ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މިހާރު އެޗްޑީސީއާ ހަވާލުކޮށްފައި ހުރި މަޝްރޫޢުތަކުގެ ތެރޭގައި ފެށުމަށްފަހު ހުއްޓިފައި ހުރި މަޝްރޫޢުތައް ހުރިކަން ފާހަގަކުރައްވައި ޒުހައިރު ވިދާޅުވީ، އެ މަސައްކަތްތައްވެސް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަލަށް ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި ޑިޒައިން ކުރުމުގެ މަސައްކަތާއި ބިން ވަކިކުރުމުގެ މަސައްކަތް ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ޑިޒައިން ކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަކަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ހާމަކުރައްވާފައެވެ. މަޝްރޫޢުތަކަށް ފައިނޭންސް ހަމަޖެއްސުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ ޒުހައިރު ވިދާޅުވީ، މަސައްކަތް ރޭވިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ ގޮތުގައި ކުރިއަށްގެންދިޔުމަށް ކަމަށެވެ.

އަލީ ޒުހައިރު ވިދާޅުވީ، "މަސައްކަތް ރޭވިފައި މިއިނީ ކޮންޓްރެކްޓަރ ފައިނޭންސްގެ ގޮތުން ކުރިއަށްގެންދިޔުމަށް. ޚާއްސަކޮށް ބޮޑެތި މަޝްރޫޢުތައް. ޚާއްސަކޮށް 1000 ނުވަތަ 2000 ހައުސިން ޔުނިޓްތައް. ކުދި 50 ނުވަތަ 100 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް އެހެން ގޮތަކަށް ފައިނޭންސް ރޭވިގެން މަސައްކަތް ކުރަމުން ގެންދަނީ." މިގޮތަށް ފައިނޭންސްގެ އިންތިޒާމް ހަމަޖައްސާފައި ވަނީ ބޮޑެތި މަޝްރޫޢުތަކާއި ކުދި މަޝްރޫޢުތައް ވަކިކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން