ބޮޑުތަކުރުފާނު މަގުގަ އަލަށް ތާރުއެޅި ސަރަހައްދު އަންނަ ހޯމަ ދުވަހު އާއްމުކޮށް ހުޅުވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ބޮޑުތަކުރުފާނު މަގުގަ އަލަށް ތާރުއެޅި ސަރަހައްދު އަންނަ ހޯމަ ދުވަހު އާއްމުކޮށް ހުޅުވާލަނީ

ބޮޑުތަކުރުފާނު މަގުގައި މިހާރު ތަރައްޤީކުރަމުންދާ ސަރަޙައްދުގެ ހުރިހާ މަސައްކަތްތައް ނިންމާ، އަންނަ ހޯމަ ދުވަހު އާއްމުކޮށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ވިދާޅުވެއްޖެއެވެ. މި މަސައްކަތްތައް ނިންމުމަށްފަހު، އެ ސަރަހައްދު އާއްމު ދަތުރުފަތުރަށް ހުޅުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ދެ ފިޔަވައްސަކަށެވެ. މިހާރު މަސައްކަތް ކުރިއަށްދަނީ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1 ގައެވެ. ސެގްމަންޓް 1 ގައި ހިމެނޭ 140 މީޓަރުގައި ތާރު އެޅުމުގެ ހުރިހާ މަސައްކަތެއް އިއްޔެ ވަނީ ނިންމާފައެވެ.

އެމްޓީސީސީން ވިދާޅުވީ، މިއަދު ކުރިއަށްދާނީ މަގުގައި ޓްރެފިކް ނިޝާންތަކުގެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތަކާއި އަދި މަގުގައި ޓްރެފިކް ނިޝާން ކުރެހުމުގެ މަސައްކަތްތައްކަމަށެވެ. މި މަސައްކަތްތައް ނިމުމުން، އަންނަ ހޯމަ ދުވަހު މި ސެގްމަންޓް އާއްމުކޮށް ބޭނުންކުރުމަށް ހުޅުވާލެވޭނެއެވެ.

މި މަސައްކަތް ނިމުމަށްފަހު، ދެން ފަށާނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. މި މަސައްކަތުގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަޙައްދެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކުގައި، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެއެވެ.

ފޭސް 1 ގައި ހިމެނޭ، ލޯކަލް މާރުކޭޓުން ފަށައިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ 5 ސެގްމަންޓަކީ ޖުމްލަ 838 މީޓަރެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށް އެމްޓީސީސީން ވަނީ ހާމަކުރައްވާފައެވެ.

މިއަދު އޮންލައިން