ސްރީލަންކާއަށް ކުރިމަތިވި ނުރައްކާތެރި މޫސުމީ ހާލަތުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއިން ހަދިޔާކުރި 25،000 ކޭސް މަސްދަޅު އެ ގައުމާއި މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި އެހީގެ ދަށުން ލަންކާއަށް ފޮނުވާފައިވާ މަސްދަޅު ކޭސްތައް ބަނދަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖޭގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގަލެނާ ކާގޯ ބޯޓުގައެވެ.
ރާއްޖޭގެ ފަރާތުން މިތަކެތި ލަންކާއާ ރަސްމީކޮށް ޙަވާލުކޮށްދެއްވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދެވެ. އަދި ލަންކާގެ ފަރާތުން މިތަކެއްޗާ ޙަވާލުވެވަޑައިގަތީ އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީ.އެމް.ސީ)ގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ބްރިގޭޑިއަރ ރޯޝަން ދަރްމާވަކްރަމާއެވެ.
ދިވެހި ސަރުކާރުން މި އެހީތެރިކަން ފޯރުކޮށްދިނީ ދިތުވާ ތޫފާނާ ގުޅިގެން ލަންކާއަށް ކުރިމަތިވި ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުންނެވެ. މި އެހީގެ ދަށުން ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 މަސް ދަޅު ކޭސް އެ ޤައުމަށް ހަދިޔާކުރައްވާފައެވެ.
މި މަސްދަޅު ކޭސްތައް ލަންކާއަށް ފޮނުވާފައިވަނީ 14 ކޮންޓެއިނަރުގައެވެ. މި އެހީތެރިކަމަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގާތް ގުޅުން ދައްކުވައިދޭ ކަމެއްގެ އިތުރުން، ކާރިސާތަކުގައި އަވަށްޓެރި ގައުމުތަކަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.