ގދ. ގައްދޫ ހޮސްޕިޓަލްގެ އައު އިމާރާތް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ގައްދޫގައި ބާއްވައިފިއެވެ.
މި މުހިންމު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު، އޮނަރަބަލް ޢަބްދުالله ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ގައްދޫ ދާއިރާގެ ޢިއްޒަތްތެރި މަޖްލިސް މެންބަރު މުޙައްމަދު ޢަލީ އާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް މުޙައްމަދު ޖަމްޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ގައްދޫ ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ 101.70 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެއް ކަމަށްވާއިރު، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 600 ދުވަސްތެރޭ ނިންމާށެވެ. މި މަޝްރޫޢުގެ ދަށުން ތިން ބްލޮކެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި 18,613 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ 30 އެނދުގެ ސިއްޙީ ހިދުމަތްދޭ ބްލޮކެއް ހިމެނެއެވެ. އަދި 2563 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ އެހެނިހެން ޙިދުމަތްދޭ ބްލޮކަކާއި، 3573 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ.
ގައްދޫގައި މިހާރު ހުންނަނީ ސިއްޙީ މަރުކަޒެކެވެ. 2700 މީހުންގެ އާބާދީއެއް އޮންނަ ގައްދޫއަށް މި ހޮސްޕިޓަލްގެ އައު އިމާރާތް ނިމުމާއެކު، ސިއްޙީ ފަރުވާގެ ފެންވަރު ވަރަށް ބޮޑަށް ފުޅާވެގެންދާނެއެވެ. މީގެ ސަބަބުން ގައްދޫ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ގިނަ ބަލިތަކަށް ފަރުވާ ހޯދުމުގެ މަގު ފަހިވެ، ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢު ހަވާލުކޮށްފައިވާ އެމްޓީސީސީއަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. 1980 ވަނަ އަހަރު އުފެދުނު މި ކުންފުނިން ވަނީ ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމައި، ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިއްމު ޚިދުމަތްތަކެއް ކޮށްފައެވެ.