ރާއްޖެއިން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ލަންކާ ރައްޔިތުންގެ ބޮޑު އެއްވުމެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ރާއްޖެއިން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ލަންކާ ރައްޔިތުންގެ ބޮޑު އެއްވުމެއް ބާއްވައިފި

ތޫފާން ”ޑިޓުވާ“ގެ ސަބަބުން އަވަށްޓެރި ސްރީލަންކާއަށް ދިމާވި ބޮޑު ގެއްލުމުން އަރައިގަތުމަށް ދިވެހިރާއްޖެއިން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން، މާލެގައި ދިރިއުޅޭ ލަންކާ ރައްޔިތުންގެ ބޮޑު އެއްވުމެއް މިއަދު ބާއްވައިފިއެވެ. މި އެއްވުން ބާއްވާފައިވަނީ ބޮޑުތަކުރުފާނު މަގުގައި މާލެ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާއި ބެހޭ ބައިގެ ކުރިމަތީގައެވެ. މި ހަރަކާތަށް ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ޖަމާވެފައިވެއެވެ.

މި އެއްވުމުގައި ބައިވެރިވި ލަންކާގެ ރައްޔިތުން ތިބީ، ރާއްޖެއަށް ޝުކުރު އަދާކުރުމުގެ ޕޯސްޓަރުތައް ހިފައިގެންނެވެ. މިއަދު ހަވީރު 5:00 ގައި ފެށި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހަމަހިމޭން އެއްވުމެއްގެ ގޮތުގައެވެ. އެމީހުން ފާހަގަކުރި ގޮތުގައި، ދިވެހިން ދިން އެހީތެރިކަމުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ ކަމަށާއި، ދިވެހިންގެ އެހީތެރިކަން ޝުކުރުގެ ހިތަކުން ބަލައިގަންނަ ކަމަށް ވަނީ ބުނެފައެވެ.

ސްރީލަންކާއަށް ދިމާވި ކާރިސީ ހާދިސާގައި އެޤައުމަށް އެހީތެރިވި އެންމެ ފުރަތަމަ އެއް ޤައުމަކީ، އަވަށްޓެރި ދިވެހިރާއްޖެކަން މި އެއްވުމުގައި ލަންކާ ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ދިވެހިން ދިން އެހީތެރިކަން ބޮޑުކަން އެމީހުން ފާހަގަކުރިއެވެ.

މިފަދަ ދަނޑިވަޅެއްގައި ރާއްޖެއިން ދެއްވި އަވަސް އެހީތެރިކަމަކީ، ދެޤައުމުގެ ގާތް ގުޅުން އިތުރަށް ބަދަހިކޮށްދިން ކަމެއްގެ ގޮތުގައި ލަންކާ ރައްޔިތުން ދެކެއެވެ.

މިއަދު އޮންލައިން