ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުން އައި 11 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން މިއަދު ވަނީ ހާމަކުރައްވާފައެވެ.
ގައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯހުން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކަށްފަހު މިހާތަނަށް ޖުމްލަ 11 ވިޔަފާރި ބަންދުކޮށްފައިވާ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގައި ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ކަމުގެ ޝަކުވާ ހުށަހެޅުމަށް އެ ވުޒާރާއިން 27 ނޮވެމްބަރުގައި ކުރެވުނު އިއުލާނާ ގުޅިގެން، ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި، އެ ވުޒާރާ ހިމެނޭހެން ގައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯހުން ދަނީ ވިޔަފާރިތައް އިންސްޕެކްތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަގްސަދަކީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި، އަދި ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުދޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ބިދޭސީ ވިޔަފާރިތައް ހުއްޓުވުމެވެ. އަދި ޤާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަކީ ވެސް މި މަސައްކަތުގެ މުހިންމު ބައެއް ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ވުޒާރާއިން ވިދާޅުވީ، އެ އިއުލާނާ ގުޅިގެން މިހާތަނަށް 125 ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އެގޮތުން 20 ކެފޭ، 12 ރީޓެއިލް އައުޓްލެޓް، 2 ގަރާޖް އަދި 11 ގެސްޓްހައުސް ހިމެނޭހެން ޖުމްލަ 35 ތަނެއް ވަނީ އިންސްޕެކްޓް ކުރެވިފައެވެ. މި އިންސްޕެކްޝަންތަކަށްފަހު ގަވާއިދާ ހިލާފަށް ހިންގަމުން އައި 11 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.
މި މަސައްކަތް ކުރިއަށް އޮތްތަނުގައި ވެސް ވަރުގަދަކޮށް ކުރިއަށް ގެންދާނެ ކަމަށް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.