ދަތުރުފަތުރުގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް މޯލްޑިވިއަންއާއި، އެއަރ އިންޑިއާއިން އެއްބަސްވުމެއް ޤާއިމްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ދަތުރުފަތުރުގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް މޯލްޑިވިއަންއާއި، އެއަރ އިންޑިއާއިން އެއްބަސްވުމެއް ޤާއިމްކޮށްފި

ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަންއާއި، އިންޑިއާގެ ގައުމީ އެއަރލައިން، އެއަރ އިންޑިއާއާއި ދެމެދު ދަތުރުފަތުރުގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކޮށް، ފަސެންޖަރުންނަށް ލިބޭ ފަސޭހަތައް އިތުރުކުރުމަށްޓަކައި ޤާއިމްކުރެވުނު އެއްބަސްވުމެއް ކަމަށް މޯލްޑިވިއަނުން ވަނީ ހާމަކުރައްވާފައެވެ.

މޯލްޑިވިއަނުން ވިދާޅުވެފައިވާ ގޮތުގައި، މި އެއްބަސްވުމަކީ ސަރަޙައްދީ އަދި އެތެރޭގެ އުދުހުންތަކުގައި ފަސެންޖަރުންގެ ދަތުރުފަތުރުގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ޤާއިމްކުރެވުނު އެއްބަސްވުމެކެވެ. މީގެ ސަބަބުން ދެ އެއަރލައިންގެ ދަތުރުތައް ގުޅުވާލެވި، ފަސެންޖަރުންނަށް އެއް ޓިކެޓެއްގައި އެތައް މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން އެއަރ އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް، މޯލްޑިވިއަންއިން ރާއްޖޭގެ 16 ސަރަހައްދަކަށް ދަތުރުކުރާ ފްލައިޓްތަކުގައި ފަސޭހަކަމާއިއެކު ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ. އަދި މި ބައިވެރިވުމުގެ ސަބަބުން މޯލްޑިވިއަންއިން އިންޑިއާއަށް ކުރާ ދަތުރުތަކުގައި ދިއްލީއާއި، މުމްބާއީ ފަދަ ބޮޑެތި ސިޓީތަކުން އިތުރު ފަސެންޖަރުން ހޯދުމަށް ވެސް މަގުފަހިވެގެންދާނެއެވެ.

މޯލްޑިވިއަނުން ފާހަގަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރާ ފަސެންޖަރުންނަށް ވައިގެ ދަތުރުފަތުރުގެ ގުޅުންތަކާއި، ލިބޭ ފަސޭހަތައް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ. މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ އަދި ފަތުރުވެރިކަމުގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

މިއަދު އޮންލައިން