ހުޅުމާލޭގައި ހުރި ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލްއަށް ނިސްބަތްވާ މީހާގެ ބަންޑުން 800 ގްރާމަށް ވުރެ ގިނަ ބަރުދަނުގެ މަސްތުވާތަކެތި ހުރި 78 ބުލެޓް ފެނިފައިވާކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.
ނޮވެމްބަރު 30 ވަނަ ދުވަހުގެ 12:57 އެހާކަންހާއިރު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވާ ފެނުނު މި މީހާއަކީ 40 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުން އަނިޔާގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.
މި މައުލޫމާތު ފުލުހުން ހާމަކޮށްފައިވަނީ، މަރުވި މީހާގެ ބަންޑުން ބަޔަކު އެ ޑްރަގް ބުލެޓުތައް ނަގާފައިވާކަމަށް ވާހަކަ ދެކެވެން ފެށުމާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. ފުލުހުން ހާމަކުރި ގޮތުގައި މަރުވި ނޭޕާލް މީހާއާއު އެކު، އިތުރު ދެ މީހަކު ނޮވެމްބަރު 26 ގައި ރާއްޖެއަށް އައިސްފައިވެއެވެ. އެ މީހުން މާލެ އަތޮޅު މާފުށީ ގެސްޓް ހައުސެއްގައި އުޅުމަށް ފަހު، ނޮވެމްބަރު 28 ގެ ހެނދުނުގެ ވަގުތެއްގައި ހުޅުމާލެ ގެސްޓް ހައުސްއަކަށް ޗެކިން ވިއެވެ. ނަމަވެސް، ނޭޕާލް މީހާއާއި އެކު ރާއްޖެ އައި އަނެއް ދެ މީހުން ހަމަ އެ ދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.
މަރުވި މީހާގެ ހަށިގަނޑުގެ ސްކޭނެއް ހެދިއިރު އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުންޏެވެ. މިކަމުގައި ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހޯދުމަށްފަހު، ޑިސެންބަރު 2 ވަނަ ދުވަހުގެރޭ ނިޔާވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ވަނީ ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައެވެ. ހޮސްޕިޓަލެއްގައި މި އޮޕަރޭޝަން ކުރިއަށް ނުގެންދެވުނީ، ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ. ޑްރަގް ބުލެޓުތައް ނެގުމުގެ އޮޕަރޭޝަން ކުރީ އެކަމަށް ހާއްސަ ސްޕެޝަލިސްޓުންގެ ލަފައާއެކު، ޑޮކްޓަރުންކަމަށް ފުލުހުން ހާމަކުރިއެވެ.
މި އޮޕަރޭޝަންގައި އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބުލެޓް ނަގާފައިވާއިރު، މިތަކެތީގެ ޖުމްލަ ބަރުދަނަކީ 818 ގްރާމު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގެ މައުލޫމާތު ކުރިން ހާމަ ނުކުރީ، މިއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމާއި، މައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށްޓަކައެވެ. މިކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.