ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ފައިސާ ހޯދުމަށް ފޮނުވާ ސައްޙަ ނޫން މެސެޖުތަކަށް ސަމާލުވުމަށް އެދިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ފައިސާ ހޯދުމަށް ފޮނުވާ ސައްޙަ ނޫން މެސެޖުތަކަށް ސަމާލުވުމަށް އެދިއްޖެ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ފައިސާ ހޯދުމަށް ފޮނުވާ ސައްޙަ ނޫން މެސެޖުތަކަކާއި ކުރާ ފޯނު ކޯލުތަކަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މި މެސެޖުތަކަކީ ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުކުރުމަށް އިތުރު ފައިސާ ދައްކަން ޖެހޭ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް ކުރަމުންދާ ކަންކަން ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޙައްޖަށް ދިއުމަށް އިތުރަށް ފައިސާ ދެއްކުމުން ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ، އޮޅުވާލައިގެން ފައިސާ ހޯދުމަށް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އާންމުންގެ ފޯނުތަކަށް މެސެޖުތައް ކުރަމުންދާ މައްސަލަ އެ ކޯޕަރޭޝަނަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، މިފަދަ މަކަރާއި ހީލަތުގެ ޢަމަލުތަކަށް ނުހެއްލުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ހަރުކަށި އިބާރާތުން އިންޒާރު ދީފައެވެ.

ނަމަވެސް، ޙައްޖު ކޯޕަރޭޝަނުން ޔަގީންކޮށްދެއްވާފައިވާ ގޮތުގައި، ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެއްވެސް ފައިސާއެއް ނުނަގާނެއެވެ. ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، އިސްލާމްދީނުގެ މާތް އަޅުކަމާ ގުޅުވައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މިފަދަ ކަންކަމަކީ އެ ކޯޕަރޭޝަނުން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި މިފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

 

މިއަދު އޮންލައިން