ތިބާގެ ސަބަބުން ހިތްދަތިކަމާ އަނިޔާ ލިބޭ މީހުންގެ ބަދުދުޢާއިން ނުލިބޭނެ ދެރައެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ތިބާގެ ސަބަބުން ހިތްދަތިކަމާ އަނިޔާ ލިބޭ މީހުންގެ ބަދުދުޢާއިން ނުލިބޭނެ ދެރައެއް ނެތް!

ދުނިޔޭގައި އުޅެން ލިބޭ މަދު ދުވަސްކޮޅު ސަމާލުކަން ދޭންވީ މީސްތަކުންގެ ލޯބި ލިބޭނެ ގޮތަށް ދުނިޔޭގައި އުޅުމަށެވެ. ފުރިހަމަ ތަޤްވާވެރިއެއްގެ ގޮތުގައި ދުނިޔޭގައި އުޅުމަށެވެ. ތަޤްވާވެރިއަކަށް ވެވޭނީ އެހެން މީހުންނަށް ހިތްދަތިކަން ދިނުމާ އަނިޔާކުރުންވެސް ހުއްޓާލައިގެންނެވެ. 

ވަރަށް ބާރަށް ބުނަމެވެ. އަނބިދަރިންނަށް އަޅައިނުލާ މީހަކީ ތަޤްވާވެރިއަކަށް ނުވެވޭނެއެވެ. ދުރުގައި ތިއްބަސް ދަރިންނަށް އަޅައިނޫލާ މީހަކަށް ތަޤްވާވެރިއަކަށް ނުވެވޭނެއެވެ. މައިންބަފައިންނަށާއި އެމީހަކު ބަލަހައްޓަންޖެހޭ މީހުންނަށް އަޅައިނުލާ މީހަކަށް ތަޤްވާވެރިއަކަށް ނުވެވޭނެއެވެ. 

މީސްތަކުންގެ ލޯބި ލިބޭނީ ހަމައެކަނި ބަހާ ފައިސާއަކުން ނޫނެވެ. ފައިސާ ކިތަންމެ ގިނައިން ބެހި ނަމަވެސް އެމީހެއްގެ އަޚްލާޤް ނުބައިވެއްޖެ ނަމަ މީސްތަކުންގެ ހިތުގެ ލޯބި ނުލިބޭނެކަން އެއީ ޔަޤީންކަމެކެވެ. އަދި ބަހާނެ ފައިސާ އަތުގައި ނެތް މީހާގެ ވެސް އަޚްލާޤް ރަނގަޅު ނަމަ އެމީހަކަށް މީސްތަކުންގެ ލޯބި އަބަދުވެސް ދާނީ ލިބެމުންނެވެ. އިން ޝާ ﷲ  

އެމީހާގެ ކިބައިގައި ބާރާއި އަތުގައި ފައިސާ ހުރި ނަމަ ނުވަތަ ނުފޫޒު ގަދަ ބައެއްގެ ހިމާޔަތް ލިބިފައިވާނަމަ ދުނިޔޭގައި އެމީހަކު ބޭނުން ގޮތަކަށް އުޅެވިދާނެއެވެ. ބޭނުން ކަމެއްވެސް ކުރެވިދާނެއެވެ. ނަމަވެސް ބިރުވެތިވާންވީ ފައިކައްސާލައިގެން ކައްވަޅަށް ވެއްޓޭނެ ވަގުތަށެވެ. އެވަގުތު ކޮންމެ މީހަކާއިވެސް ބައްދަލުކުރާނެއެވެ! ވީމާ އެހެން މީހުންގެ ބަދު ދުޢާއިން ތިމާގެ އާޚިރަތް ގެއްލިއްޖެ ނަމަ ދުނިޔޭގައި ގަދަބާރުން ހޯދި އުފާތައް ވެގެންދާނީ ނަރަކައިގައި އެމީހަކު އަންދާނެ ދަރަށެވެ.  

މީސްތަކުން ދުނިޔޭގައި ހޭދަކުރާ ހަޔާތަކީ ދެފައި ބިންމަތީގައި އަޅައިގެން ހޭދަކުރެވޭ ދުވަސްތަކެއް ކަމުގައި ނުދެކޭށެވެ. ބުއްދިވެރިން ދެކެން ޖެހޭނީ އެއްފައި ހުރީ ލޮނދި ދޮންކެޔޮތޮށިގަނޑެއްގެ މަތީގައި ކަމަށާއި އަނެއްފައި ހުރީ ކައްވަޅުގައި ކަމަށެވެ. އެހެންކަމުން ކޮންމެ ވަގުތަކުވެސް ކައްވަޅަށް ވެއްޓިދާނެ ކަމަށެވެ. ސަލާމަތްވާނީ އެ ވިސްނުމުގައި ދުނިޔޭގަ އުޅޭ މީހުންނެވެ.

ނަމަވެސް ބައެއް މީހުން އެކަމަށް ސަމާލުކަމެއް ނުދެއެވެ. އަޅުކަން ނުކުރާތަނުގައި ދިރިއުޅެނީ މީސްތަކުންނަށް މުޞީބާތަކަށްވާ ގޮތަށެވެ. ނަތީޖާއަކަށްވަނީ މީސްތަކުން އަބަދުވެސް އެމީހާގެ ކިބައިން ސަލާމަތްވުމަށް އެދިއެދި ތިބުމެވެ. އަދި ގިނަ ބައަކު އެމީހާ އަވަހަށް މަރުވުމަށް އެދިއެދި ތިބުމެވެ. ގިނަ ބައަކު އެމީހާ އާއިމެދު މިގޮތަށް އެދޭނަމަ އެމީހަކަށް ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ!  

އިސްލާމް ދީނުގައި އޮތީ އެގޮތަށް ދުނިޔޭގައި އުޅުމެއް ނޫނެވެ. މީސްތަކުންގެ ލޯތްބާއި ރުހުން ލިބޭނެ ގޮތަށް ދުނިޔޭގައި އުޅުމެވެ.  ގިނަ ބައަކު މީހަކަށް ނަފްރަތުކުރާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެކަމުން އެނގެނީ އެމީހާގެ ކިބައިގައި އުނި ކަންތައްތަކެއް އެބަހުރިކަމެވެ. އިޞްލާޙްކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން