ޢަލީ އިޙްޞާން ފިރާޤް
ފަޅުވެފައިވާ ރަށެއްގެ ކައިރިން ލައްވައިފައި ވަޑައިގެންނެވި ބޭކަލެއްގެ ވާހަކަ ޤުރްއާނުގައި ބަޔާން ކުރައްވައިފައިވެއެވެ. އެ ރަށަކީ ހިޔާވަހިކަންދޭ ފުރާޅުތަކާއި عمارات ތައް ވެއްޓިފައިވާ ރަށެކެވެ. އެބޭކަލަކު ވަޑައިގެންނެވީ އެރަށް އަލުން ވީރާނާވުމަށްފަހު އަލުން ދިރުއްވާނެ ގޮތަކާމެދު ވިސްނަވާ ފިކުރު ކުރައްވަމުންނެވެ. މިވާހަކަ ބަޔާން ކުރައްވާ ބަޤަރާ ސޫރަތުގެ 259 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
أَوْ كَالَّذِي مَرَّ عَلَىٰ قَرْيَةٍ وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحْيِي هَٰذِهِ اللَّهُ بَعْدَ مَوْتِهَا ۖ فَأَمَاتَهُ اللَّهُ مِائَةَ عَامٍ ثُمَّ بَعَثَهُ ۖ قَالَ كَمْ لَبِثْتَ ۖ قَالَ لَبِثْتُ يَوْمًا أَوْ بَعْضَ يَوْمٍ ۖ قَالَ بَل لَّبِثْتَ مِائَةَ عَامٍ فَانظُرْ إِلَىٰ طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ ۖ وَانظُرْ إِلَىٰ حِمَارِكَ وَلِنَجْعَلَكَ آيَةً لِّلنَّاسِ ۖ وَانظُرْ إِلَى الْعِظَامِ كَيْفَ نُنشِزُهَا ثُمَّ نَكْسُوهَا لَحْمًا ۚ فَلَمَّا تَبَيَّنَ لَهُ قَالَ أَعْلَمُ أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٥٩﴾
މާނައީ: [ނުވަތަ، ހިޔާވަހިކަންދޭ ފުރާޅުތަކާއި عمارات ތައް ވެއްޓި ފަޅުވެފައިވާ ރަށެއްގެ ކައިރިންލާފައި ވަޑައިގަތް ބޭކަލެއްގެ ވާހަކަޔާމެދު ކަލޭގެފާނު ވިސްނައި فكر ނުކުރައްވަމުތޯއެވެ؟ އޭނާ ވިދާޅުވިއެވެ. މިރަށް މަރުވުމަށްފަހު، (އެބަހީ: ފަޅުވެ ވީރާނާ ވުމަށްފަހު) اللَّه، އަލުން އެރަށް ދިރުއްވާނީ ކޮންފަދައަކުން ހެއްޔެވެ؟ ދެން، اللَّه، ސަތޭކަ އަހަރަށް، އޭނާ މަރުގެންނެވިއެވެ. ދެން އަލުން އޭނާ ދިރުއްވައި حياة އަށް ފޮނުއްވިއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނު އަވަހާރަވެފައި އޮންނެވީ ކިތައްދުވަހުތޯއެވެ؟ އޭނާ ދެންނެވިއެވެ. ތިމަންއަޅާ އޮތީ އެންމެ ދުވަހަކުއެވެ. ނުވަތަ ދުވަހަކުން ބަޔެއްގައެވެ. އެކަލާނގެ وحى ކުރެއްވިއެވެ. އަދި ކިޔެއްހެއްޔެވެ! ސަތޭކަ އަހަރު ވާނދެން ކަލޭގެފާނު އޮންނެވީމުއެވެ. ފަހެ، ކަލޭގެފާނުގެ ކާތަކެއްޗަށާއި ބޯތަކެއްޗަށް ބައްލަވާށެވެ! އެތަކެއްޗަށް ބަދަލެއްނާދެއެވެ. އަދި، ކަލޭގެފާނުގެ حمار އަށް ބައްލަވާށެވެ! (އެކަން އެގޮތަށް ކުރެއްވީ ކަލޭގެފާނު ދެނެވަޑައިގަތުމަށްޓަކައެވެ.) އަދި، މީސްތަކުންނަށް ހެތްކެއްކަމުގައި ކަލޭގެފާނު ލެއްވުމަށްޓަކައެވެ. އަދި، ތިމަންރަސްކަލާނގެ އެ ކަށިތައް އެއްކުރައްވައި، ދެން، އެ ކަށިތަކުގައި މަސް ލައްވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގެން ބައްލަވާށެވެ! ދެން، އޭނާއަށް އެކަން بيان ވެ އެނގިވަޑައިގަތްހިނދު ދެންނެވިއެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ކަލާނގެކަން يقين ކޮށް ދެނެގަންނަމެވެ.]
މިދެންނެވި އާޔަތުގައި ބަޔާންކުރައްވައިފައިވާ ބޭކަލަކީ ކޮބައިކަމާމެދު މުފައްސިރުންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. އެގޮތުން އަލްޙާފިޡް އިބްނު ކަޘީރު ބަޔާން ކުރައްވައިފައިވެއެވެ. އެންމެ މަޝްހޫރުބަހުގައި އެ އާޔަތުގައި ބަޔާން ކުރައްވައިފައިވާ ބޭކަލަކީ ޢުޒައިރުގެފާނެވެ. އަދި އެބޭކަލަކީ أَرْمِيَا بْنُ حَلْقِيَا ކަމުގައިވެސް ބުނެވެއެވެ. ހަމައެހެންމެ އެބޭކަލަކީ حِزْقِيلُ بْنُ بُورَا ކަމުގައިވެސް ބުނެވެއެވެ. {އިބްނު ކަޘީރު، ތަފްސީރުލް ޤުރްއާނިލް ޢަޡީމް، ބަޤަރާ ސޫރަތުގެ 259 ވަނަ އާޔަތުގެ ތަފްސީރު}
މި އާޔަތުގައި ބަޔާންވެގެންވާ ރަށަކީ ބައިތުލްމަޤުދިސްކަމުގައި ތަފްސީރުލް ޖަލާލައިނީގައި ބަޔާންވެގެންވެއެވެ. މި ތަފްސީރުގައިވެސް ބަޔާވެގެންވަނީ އެ އާޔަތުގައި ބަޔާންކުރައްވައިފައިވާ ބޭކަލަކީ ޢުޒައިރުގެފާނުކަމަށެވެ.
އަލްބިދާޔަތު ވައްނިހާޔަތުގައި އަލްޙާފިޡް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. އިބްނު ޢައްބާސްގެ އަރިހުން ِ إسْحَاقُ بْنُ بشر، ރިވާ ކުރައްވައިފައިވެއެވެ. އިބްނު ޢައްބާސްގެފާނު ވިދާޅުވެފައިވެއެވެ.
ޢުޒައިރުގެފާނަކީ ޞާލިޙު ޙިކުމަތްތެރި ބޭފުޅެކެވެ. އެއްދުވަހަކު އެކަލޭގެފާނު އެކަލޭގެފާނުގެ ދަނޑަކަށް ވަޑައިގެންނެވުމަށް ނުކުމެވަޑައިގެންނެވިވެއެވެ. އެ ދަނޑުގެ ކަންތަކުން އަވަދިވެވަޑައިގެން އެނބުރިވަޑައިގެން މަގުމަތީގައި ސަހަރާތެރޭގައިވާ ހަލާކުވެ ވީރާނާވެފައިވާ ރަށެއްކައިރިން ލައްވައިފައި ވަޑައިގެންނެވިއެވެ. އެވަގުތަކީ މެންދުރުގެ އެންމެ ހޫނުގަދަ ވަގުތުކަމުން އަރާމުކޮށްލެއްވުމަށްޓަކައި އެރަށަށް އަރާވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެރަށަށް އަރާވަޑައިގެން ސަވާރުވެވަޑައިގެން އިންނެވި ޙިމާރުން ފައިބައިވަޑައިގެން ގަހެއްގެ ހިޔަލުގައި އިށީންދެވަޑައިގެންނެވިއެވެ. އެއަށްފަހު އެކަލޭގެފާނު ގެންނެވި ވައްތީނި ޓުކުރިއަކާއި، މޭބިސްކަދުރު ޓުކުރިއަކުން ފަރީއްކުޅުއްވަން ފެއްޓެވިއެވެ. އެކަމުން އަވަދިވެވަޑައިގެން ތެދުވެވަޑައިގެން ރަށުގެން ކަންކޮޅުތަކަށް ނަޒަރު ހިންގަވައިލެއްވިއެވެ. އެތަނުން ފީވެވީރާނާވެފައިވާ ކަށިތަކެއް ދެކެވަޑައިގެން ވިދާޅުވިއެވެ.
[މިރަށް މަރުވުމަށްފަހު، (އެބަހީ: ފަޅުވެ ވީރާނާ ވުމަށްފަހު) اللَّه، އަލުން އެރަށް ދިރުއްވާނީ ކޮންފަދައަކުން ހެއްޔެވެ؟]
އެކަލޭގެފާނު މިހެން ވިދާޅުވީ މާތްﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކުކުރައްވާތީއެއް ނޫނެވެ. ނަމަވެސް އެކަންތައް ހިނގާނެ ގޮތަކާމެދު އުފެދިފައިވާ ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ. ދެން އަރަހުށި މާތްﷲ މަރުހިއްޕަވާ މަލާއިކަތާ ފޮނުއްވައި އެކަލޭގެފާނުގެ މަރުހިއްޕެވިއެވެ. 100 އަހަރުވަންދެން އެކަލޭގެފާނުގެ މަރުހިއްޕަވައިފައި ބޭއްވެވިއެވެ. 100 އަހަރުގެ ތެރޭގައި ބަނީއިސްރާއީލުންގެ ކަންތައްތައް ވަރަށް ބޮޑަށް ބަދަލުވެގެންދިޔައެވެ. އެއަށްފަހު މަރުގެ މައިލާއިކަތާ ފޮނުއްވައި އެކަލޭގެފާނުގެ ހަށިކޮޅަށް ފުރާނައެޅުއްވިއެވެ. އެއީ މަރުއްވާ އަދި ދިރުއްވާނެގޮތް އެކަލޭގެފާނުގެ ހިތްޕުޅަށް ތަސައްވުރުކުރެވި، ލޯފުޅުން ދެކެވަޑައިގެންނެވުމަށްޓަކައެވެ. މަރުގެމައިލާއިކަތާ އެކަލޭގެފާނަށް ދެންނެވިއެވެ.
[ކަލޭގެފާނު އަވަހާރަވެފައި އޮންނެވީ ކިތައްދުވަހުތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. [ތިމަންއަޅާ އޮތީ އެންމެ ދުވަހަކުއެވެ. ނުވަތަ ދުވަހަކުން ބަޔެއްގައެވެ.]
އެހިނދު މަރުގެ މައިލާއިކަތާ އެކަލޭގެފާނަށް ދެންނެވިއެވެ.
[އަދި ކިޔެއްހެއްޔެވެ! ސަތޭކަ އަހަރު ވާނދެން ކަލޭގެފާނު އޮންނެވީމުއެވެ. ފަހެ، ކަލޭގެފާނުގެ ކާތަކެއްޗަށާއި ބޯތަކެއްޗަށް ބައްލަވާށެވެ! އެތަކެއްޗަށް ބަދަލެއްނާދެއެވެ. އަދި، ކަލޭގެފާނުގެ حمار އަށް ބައްލަވާށެވެ!]
ދެން ޢުޒައިރުގެފާނު އެކަލޭގެފާނު ގެންނެވި ވައްތީންޏާއި، މޭބިސްކަދުރު ޓުކުރިއަށް ބެއްލެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ ގެންނެވިއިރު ހުރިގޮތަށް ތާޒާކޮށް ހުރިތަނެވެ. އެކަލޭގެފާނު ހިއްޕެވުމަށްޓައި އެތަކެތިން ފެލުއްވި ދިޔަތައްވެސް ކަންވާރުގައި ތާޒާކަމާއެކު ހުއްޓެވެ. ފަރީއްކުޅުއްވަން ބޭނުންކުރެއްވި ރޮށިތައްވެސް ބަދަލެއްނައިސް ތާޒާކަމާއެކު ހުއްޓެވެ. އެހިނދު މަލާއިކަތާ ވިދާޅުވިއެވެ.
[ތިމަންކަލޭގެފާނު މިދެންނެވި ކަންތައްތަކާމެދު ޝައްކު ކުރައްވަނީތޯއެވެ. ނިކަން ކަލޭގެފާނުގެ ޙިމާރަށް ބައްލަވާށެވެ.]
ޢުޒައިރުގެފާނު އެކަލޭގެފާނުގެ ޙިމާރަށް ބެއްލެވުމުން ފެނިވަޑައިގަތީ އޭގެ ކަށިތައް ހިކި ވީރާނާވެފައިވާ މަންޒަރެވެ. ދެން މަލާއިކަތާ ގޮވައިލެއްވުމުން މާތްﷲ ގެ އިޒުނަފުޅާއެކު ޙިމާރުގެ ކަށިތައް އެއްވެ، އެތަކެއްޗަށް މަހާއި ހަންލެވިއްޖެއެވެ. ދެން މަލާއިކަތާ ފުމެލެއްވުމުން އެ ޙިމާރަށް ފުރާނައެޅިއްޖެއެވެ. މި މަންޒަރު ދެކެވަޑައިގެން އެކަލޭގެފާނު ވިދާޅުވިއެވެ.
[މާތްﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ.]
މިދެންނެވި ކަންތައްތަކަށްފަހު عُزَيْرُ عليه السّلام އެކަލޭގެފާނުގެ ޙިމާރަށް ސަވާރުވެވަޑައިގެން ރަށަށްވަޑައިގެންނެވިއެވެ. އެރަށުގެ އެއްވެސް މީހަކަށް އެކަލޭގެފާނު ވަކިކުރައްވާކަށް އެނގިވަޑައެއްނުގެންނެވިއެވެ. އެންމެ މީހަކު ފިޔަވައެވެ. އެއީ އެކަލޭގެފާނުގެ ޚާދިމާއަކަށް އުޅުނު އަންހެންކުއްޖެކެވެ. އޭނާވެސް އޭރުއިނީ މުސްކުޅިވެ އަބަހައްދަވެފައެވެ. ޢުޒައިރުގެފާނު އެރަށުން ނުކުމެވަޑައިގެންނެވިއިރު އެ ޚާދިމާގެ އުމުރަކީ 20 އަހަރެވެ. އެކަލޭގެފާނު އޭނާގެ ގާތަށް ވަޑައިގެން ސުވާލުކުރެއްވިއެވެ. [މިއީ ޢުޒައިރުގެފާނުގެ ގެކޮޅު ހެއްޔެވެ؟] އޭނާ ދެންނެވިއެވެ. [އާނއެކެވެ. ނަމަވެސް މިހާރު މީސްތަކުން ޢުޒައިރުގެފާނުގެ ވާހަކަ ނުދައްކާތާ އެތައް ދުވަހެއްވެއްޖެއެވެ. މީސްތަކުން މިހާރު އެކަލޭގެފާނު މަތީން ހަނދާންނެތިއްޖެއެވެ.] މިހެންބުނެ އޭނާ ރޯންފެށިއެވެ. عُزَيْرُ عليه السّلام ވިދާޅުވިއެވެ. [ތިމަންކަލޭގެފާނަކީ ޢުޒައިރުއެވެ. މާތްﷲ، ތިމަންކަލޭގެފާނު ސަތޭކަ އަހަރު މަރުގެންނެވުމަށްފަހު އަލުން ދިރުއްވީއެވެ.]
އެ ޚާދިމާ ދެންނެވިއެވެ. [سُبْحَانَ اللَّهِ އެވެ. މާތްﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. ތިމަންމެންނަށް ޢުޒައިރުގެފާނު ގެއްލުނުފަހުން މިހާރު 100 އަހަރުވެއްޖެއެވެ. މިހާރު މީހަކު އެކަލޭގެފާނުގެ ވާހަކަ ދައްކާ އަޑެއްވެސް ނާހަމެވެ.]
عُزَيْرُ عليه السّلام ވިދާޅުވިއެވެ. [ތިމަންކަލޭގެފާނަކީ ޢުޒައިރުއެވެ.] ޚާދިމާ ދެންނެވިއެވެ. [ޢުޒައިރުގެފާނަކީ ދުޢާ އިޖާބަ ބޭކަލެކެވެ. އެކަލޭގެފާނު ﷲ ގެ ޙަޟުރަތަށް ދުޢާ ދެންނެވުމުން ބަލިމީހުންނަށް ޝިފާ ލިބެއެވެ. މުޞީބާތް ޖެހިފައިވާ މީސްތަކުންގެ މުޞީބާތް ފިއްލަވައެވެ. ވީމާ އަޅުގަނޑުގެ ލޮލުގެ ފެނުން ދެއްވުން އެދި ކަލޭގެފާނު ﷲ ގެ ޙަޟުރަތަށް ދުޢާ ދަންނަވައިދެއްވާށެވެ. އަޅުގަނޑަށް ޢުޒައިރުގެފާނު ފެނިއްޖެނަމަ ވަކިކުރަން އެނގޭނެއެވެ.]
ދެން عُزَيْرُ عليه السّلام ދުޢާފުޅު ކުރައްވައިފައި ޚާދިމާގެ ލޮލުގައި އަތްޕުޅު ބީއްސަވައިލެއްވުމުން އޭނާގެ ލޮލަށް ފެންނަންފަށައިފިއެވެ. އެކަލޭގެފާނު އޭނާގެ އަތުގައި ހިއްޕަވައި ވިދާޅުވިއެވެ. [ﷲ ގެ އިޒްނަފުޅާއެކު ތެދުވާށެވެ.] މިހެން ދެންނެވުމުން އޭނާއަށް ހިނގޭ ގޮތްވެއްޖެއެވެ. އޭނާ عُزَيْرُ عليه السّلام އާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [ކަލޭގެފާނަކީ ޢުޒައިރުކަމަށް އަޅުގަނޑު ހެކިވަމެވެ.] މިހެން ބުނެފައި ބަނީއިސްރާއީލުންގެ މަޖިލިސްކުރާތަނަށް ދިޔައެވެ. މަޖިލިސްތަކުގެ ބޮޑުންނަށް ތިބީ ޢުޒައިރުގެފާނުގެ ދަރިކަލުންގެ ދަރިންނާއި ދަރީންގެ ދަރީންނެވެ. އޭރު ޢުޒައިރުގެފާނުގެ ދަރިކަލުން ހުންނެވީ ސަތޭކައެތައް އަހަރެއްވެފައެވެ. އޭނާ އެތަނަށް ގޮސް ގޮވައިލިއެވެ. [ޢުޒައިރުގެފާނު އަތުވެއްޖެއެވެ.] އެބައިމީހުން އެންމެފުރަތަމަ ހީކުރީ އޭނާ އެހަދަނީ ދޮގުކަމަށެވެ. ނަމަވެސް އޭނާ ބުންޏެވެ. [ތިމަންނާއަކީ ތިޔަބައިމީހުންގެ މުސްކުޅި ޚާދިމާއެވެ. އެކަލޭގެފާނު ދުޢާފުޅު ކުރެއްވުމުން ތިމަންނާއަށް ހިނގޭގޮތްވެއްޖެއެވެ. ލޮލުގެ ފެނުން އަނބުރާ ލިބިއްޖެއެވެ. މާތްﷲ އެކަލޭގެފާނު 100 އަހަރު މަރުގެންނެވުމަށްފަހު އަލުން ދިރުއްވީއެވެ.]
އެވަގުތު عُزَيْرُ عليه السّلام ގެ ދަރިކަލުން ވިދާޅުވިއެވެ. [ތިމަންނާގެ ބައްޕަގެ ދެބޮނބިފުޅު ދެމެދުގައި ކަޅުލަފެއް ހުންނާނެއެވެ.] ދެން عُزَيْرُ عليه السّلام އެކަލޭގެފާނުގެ ހެދުންކޮޅު ކަޝްފުކުރައްވާ އެތަން ދެއްކެވިއެވެ. ދެން އެބައިމީހުން އެއީ ޢުޒައިރުގެފާނުކަމުގައި ޤަބޫލުކުރިއެވެ. ބަނީއިސްރާއީލުންގެ މައްޗަށް ބުޚްތުނަސްރު ފާވެގަނެ އެގޮތްމިގޮތް ހެދިދުވަސްވަރުގައި އޭނާވަނީ އެބައިމީހުން ގެންގުޅުނު ތައުރާތުގެ ކޮޕީތައްވެސް އަންދާ ހުސްކޮށްފައެވެ. އެބައިމީހުން عُزَيْرُ عليه السّلام އަށް ދެންނެވިއެވެ. [ޢުޒައިރުގެފާނު ފިޔަވާ ތިމަންމެންގެ ތެރޭގައި ތައުރާތު ހިތްޕުޅުން ދަސްބޭކަލަކު ނުވެއެވެ. ވީމާ ތިމަންމެންނަށްޓަކައި ތައުރާތު ލިޔެދެއްވާށެވެ.] ދެން އޭގެފަހުން އެބައިމީހުން އެދުނުގޮތަށް عُزَيْرُ عليه السّلام ތައުރާތު ލިޔެދެއްވިއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު}