އެހެން މީހުންގެ ސަބަބުން ދެރައާއި ހިތްދަތިކަމާއި ނިކަމެތިކަން ލިބެންޖެހި އެކަންކަމުގެ ސަބަބުން ވޭނުގައި އުޅެންޖެހިފައިނުވާ މީހަކު ވަރަށް މަދުކަމަށް އެންމެންވެސް ޤަބޫލުކުރެއެވެ. އެއީ އެހައިވެސް ގިނަބައަކަށް އަނިޔާ ލިބި ހިތްދަތިކަމުގައި އުޅެމުން އަންނާތީއެވެ. އެހެންކަމަށްވާއިރު ކަމުގެ ޙައްލާއިމެދުގައިވެސް ބަލައިލަން އެބަޖެހެއެވެ.
ބުނަންހެއްޔެވެ؟ އަނބިން، ފިރިން، ދަރިން އަދި ތިބާގެ ވަށައިގެންވާ އެންމެންވެސް ތިބާ ދެރަކޮށް ނިކަމެތިކޮށްލާނެއެވެ. މިއީ ދުނިޔެއިން އަބަދުވެސް ފެންނަމުން އަންނަ ކަންކަމެވެ.
އެހެން އެވަނީ ކީއްވެގެންހެއްޔެވެ؟ ތިމާގެ ހަށިގަނޑުގައިވާ ހިތާއިމެދު ތިމާއަށް ޢަމަލުކުރެވޭ ގޮތުންނެވެ. އެހިތް ޙަޤީޤީ މާނައިގައި ދޭންޖެހޭ މީހުންނަށް ނުދީ ދޭންނުޖެހޭ މީހުންނަށް ދެވޭތީއެވެ.
ތިބާގެ ހިތް ދޭންޖެހޭ ޙަޤީޤީ ފަރާތަކީ ތިބާ އުފެއްދެވި ﷲ ތަޢާލާއެވެ. ތިބާއަށް ހިތް ދެއްވެވީވެސް ﷲ ތަޢާލާއެވެ. ތިބާއަށް ބޭނުންވާ އެހެން ނިޢުމަތްތައްވެސް ދެއްވަވަނީ ހަމަ ﷲ ތަޢާލާއެވެ. އެކަމަކު ހިތާމައަކީ އެކަން އަހުރެމެންނަށް ނުވިސްނޭ ކަމެވެ. ޤަބޫލުނުކުރެވޭ ކަމެވެ.
ތިބާގެ ހިތް ނިކަން ﷲ ތަޢާލާއަށް މިލްކުކޮށްދީބަލާށެވެ! އެއިރުން ތިބާއަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމުން، ފިރިން، އަނބިން، ދަރިން އަދި އެމީހެއްގެ ކިބައިން ތިބާ ލޯތްބަށް އެދޭ އެންމެންގެ ލޯބިވެސް ތިބާއަށް ލިބިގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން