ޤިޔާމަތް ދުވަހު މަޙްޝަރުގެ އިދާނަށް މީސްތަކުން އެއްވެ ނިމުމުން ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވަވާނެތެވެ. "ހުރިހާ ޙާލަތެއްގައިވެސް ﷲ އަށް ޝުކުރުވެރިވެ ޙަމްދުކުރި މީހުން ކޮބައިހެއްޔެވެ؟ އެމީހުން ކުރިއަށް އަންނާށެވެ!"
މަޙްޝަރުގެ މައިދާނުގައި މިމޭރުމުން ގޮވައިލައްވަވާނެ އެހެން ޖަމާޢަތްތައްވެސް ވާނެއެވެ.
މިޖަމާއަތުގެ މީހުންނަކީ ހިތްދަތި ޙާލަތެއް ކުރިމަތިވުމުންވެސް އަދި އުފާވެރި ޙާލަތެއް ކުރިމަތިވުމުންވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވީ މީހުންނެވެ. އަލްޙަމްދުލިﷲ ކިޔައި ޙަމްދުކުރި މީހުންނެވެ.
އަހުރެމެންނަށް މިއަދު މިވާގޮތަކީ ﷲ ތަޢާލާ އެފާވެރިކަން ނުވަތަ ކިތަންމެ ބޮޑު ނިޢްމަތެއް ދެއްވެވިނަމަވެސް އެކަން ބަލައި ނުގަނެވެނީއެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިނުވެވެނީއެވެ. ވަކިންޚާއްޞަކޮށް ހިތްދަތި ޙާލަތެއް ކުރިމަތިވުމުން ނުވަތަ ތަކްލީފެއް އުފުލަން ޖެހިއްޖެނަމަ ނުރުހި ޝަކުވާވެސް ކުރެވެނީއެވެ.
ކިތަންމެ ބޮޑަށް އެކަމަށް އެދުނު ނަމަވެސް، އެކަން ބޭނުންވި ނަމަވެސް އުފާވެރިކަމުގައި އަބަދަކު ނުތިބެވޭނެއެވެ. ހިތްދަތިވާނެ ޙާލަތުވެސް ކުރިމަތިވާނެއެވެ. އެކަންކަން ކުރިމަތިކުރައްވަވަނީ އެއްވެސް ޙާލެއްގައި ވަކިމީހަކު ދެރަކުރައްވަވައި ނިކަމެތިކުރައްވަވާކަށް ނޫނެވެ. އިމްތިޙާން ކުރެއްވެވުމަށެވެ.
ވީމާ އެއިމްތިޙާނުން ފާސްވާން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ފާސްވެއްޖެ ނަމަ އެމީހަކު ޤިޔާމަތް ދުވަހު ވާހުށީ ﷲ ތަޢާލާގެ ޚާއްޞަ މެހްމާނުން ކަމުގައެވެ. ވީއައިޕީން ކަމުގައެވެ. އެފަދަ ބޮޑު ނިޢުމަތެއް ލިބުމަށްވުރެ ބޮޑު ނަޞީބަކީ ކޮބައިހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން