ކައިވެނިކުރުމުން އެންމެ ބޮޑަށް ފައިދާކުރާނެ މީހާ-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ކައިވެނިކުރުމުން އެންމެ ބޮޑަށް ފައިދާކުރާނެ މީހާ-!

ކައިވެންޏަކީ ހަމަ ތިބެފައި ކޮށްލާ އާދައިގެ ކަމަކަށް ނުހަދާށެވެ! ކައިވެނިކުރާ ސަބަބަކީ ހަމައެކަނި އަނެކާ ރީތިވުން ކަމަށް ނުހަދާށެވެ! ކައިވެނީގެ އަޞްލު މަޤްޞަދު މާމަތިވެރިއެވެ. ކައިވެނީގެ އަޞްލަށް ބަލައިފިނަމަ އެއީ ސުވަރުގެ ހާޞިލުކުރުމަށް އެޅޭ އެންމެ ވަރުގަދަ ބިންގަލެވެ. 

އެ ބިންގާ ހަރުދަނާ ގޮތުގައި އާރާސްތު ކުރެވޭނީ ވަރަށް މަސައްކަތުންނެވެ. ވަރަށް ބޮޑަށް ހިތްވަރު ކޮށްގެންނެވެ. ކިތަންމެ ބުރަ ނަމަވެސް، ކިތަންމެ ގިނަ ދަތިތައް ހުރަސްކުރަން ޖެހުނު ނަމަވެސް ފަސް ނުޖެހި ހުރަސްކުރާށެވެ! އެ ޤްރުބާނީގެ ނަތީޖާ އަކީ ދެމަފިރިން އަތާއަތް ގުޅާލައިގެން ސުވަރުގެ ވަނުން ކަމަސް އުންމީދުކޮށް އެކަމުގެ ޢަޒުމުގައި މަސައްކަތްކުރާށެވެ! ކާމިޔާބު ކުރެވޭނެއެވެ! އިން ޝާ ﷲ! 

"ތިއަބައިމީހުންނަށްޓަކައި ހަމަތިއަބައިމީހުންގެ ނަފްސް ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިއަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިއަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބައަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." (އައްރޫމް: 21) 

ޙަޔާތުގެ ބައިވެރިޔާއެވެ ބުނުމުން އެއީ ދެ އަންހެނުން ނުވަތަ ދެ ފިރިހެނުން ކަމަށް ޤަބޫލުކުރާ ބައަކުވެސް އެބަ އުޅެއެވެ. މިއާޔަތުން އެނގިގެންދަނީ ދެ ބައިވެރިންނަކީ ފިރިމީހާ އާއި އަނބިމީހާ ކަމެކެވެ. އަންހެނަކާއި ފިރިހެނަކު ކަމެވެ. ޙަޤީޤީ އުފާވެރިކަން ޙާޞިލުކުރެވޭނީ ފިރިހެނަކާއި އަންހެނަކު ހިމެނޭ ދެމަފިރިންނަށް ކަމެވެ. ލޯތްބާއި އޯގާތެރިކަން ލިބުން އޮތީ އަންހެނަކާއި ފިރިހެނަކު ހިމެނޭ ދެމަފިރިންގެ ސަބަބުންކަމެވެ. 

ސުވަރުގެ ވަނުމަށް ބޭނުންވަނީ މައިގަނޑު 3 ކަމެކެވެ. އެއީ އެކަލާނގެ އެއްކައުވަންތަކުރުމާއި ރަސޫލް ()ގެ ސުންނަތަށް އަމަލުކުރުމާއި ނަފްސުގެ ޠާހިރު ކަމެވެ. މީގެ ތެރެއިން އިންސާނުންނަށް އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހެނީ ނަފްސް ޠާހިރު ކުރުމަށެވެ. 

ވަރަށް ފަސޭހައިން ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރެވިދާނެއެވެ. ސުންނަތަށް އަމަލުކުރަން މަސައްކަތް ވެސް ކުރެވިދާނެއެވެ. ނަމަވެސް މި ދެ ކަމަކީވެސް އިޚްލާޞްތެރި، ތަޤްވާވެރި ބައިވެރިއަކާއި ނުލައި އެހައި ފަސޭހަ ކަންކަމެއް ނޫނެވެ. 

ކޮންމެ އިންސާނަކީ ހަނދާން ނެތުން ހުންނާނެ މީހެކެވެ. ކަންކަމުގައި ފަރުވާވެސް ކުޑަ ކުރެވޭނެ މީހެކެވެ. އެ ހިނދުގައި ތިމާއަށް ހަނދާންކޮށްދޭނެ މީހަކު ބޭނުންވެއެވެ. ކަންނެތް ނުވެ އަޅުކަމުގައި ސާބިތުވާން ހިތްވަރުދޭނެ މީހަކުވެސް ބޭނުންވެއެވެ. އެހީތެރިވާނެ މީހަކު ބޭނުންވެއެވެ. 

ކައިވެނީގެ ބޭނުމަކަށްވާން ޖެހޭނީ ހަމައެކަނި ދުނިޔޭގައި ދެމީހުން މަޖާކުރުމެއް ނޫނެވެ. ތަނަވަސްކަމާއި ދަރިން ހޯދުމެއްވެސް ނޫނެވެ. ކައިވެނީގެ އެންމެ ބޮޑު މަޤްޞަދަކަށް ހަދަން ޖެހޭނީ ސުވަރުގެ ހާޞިލުކުރުމެވެ. ވީމާ ދިރިއުޅުމުގެ ހުރިހާ މަރުޙަލާތަކެއްގައިވެސް އެންމެ ކުރިއަށް ނެރެން ޖެހޭނީ ސުވަރުގެ ޙާޞިލުކުރަން ކުރާ މަސައްކަތްތަކެވެ. ވީމާ އެންމެ ބޮޑަށް ފައިދާކުރާނީ އެމަސައްކަތަށް އެހީތެރިވެ އެއްބާރުލުން ދޭނެ މީހަކާ ކައިވެނިކުރުމުންނެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

 

މިއަދު އޮންލައިން