އަހުރެންވެސް މީހަކު ދެކެ ލޯބިވީމެވެ. އެއީ ވަރަށް ތަނަވަސް މީހެކެވެ. އަހުރެންނަކީ ފަޤީރެކެވެ. އެހެންވެ އޭނާ ގާތު އެވާހަކަ ނުބުނަމެވެ. އޭނާ އަންހެނަކު ދެކެ ލޯބިވެގެން އުޅޭކަން އެނގޭތީއާއިވެސް އެކުގައެވެ.
އަހުރެން އޭނާ ދެކެ ލޯބިވީ ޢޭނާގެ ތަނަވަސްކަމަކަށް ނޫނެވެ. ހިތުގެ ލޯބިންނެވެ. ހިތުގެ އެންމެ އަޑީންނެވެ. އެހެންކަމުން އެހެން މީހަކު ދެކެ ލޯބިވުމުގެ ހިތްވަރެއް ނުލިބުނެވެ. މީހުން ލޯބި ހުށަހެޅިއެވެ. އެކަމަކު ހިތް އެއިން އެއްވެސް މީހަކު ޤަބޫލުނުކުރުމުން ހުރީއެވެ.
އަހުރެން މަސައްކަތްކުރީ ތަނަވަސް އަންހެނަކަށްވުމަށެވެ. އެހެންވެ ގޭގައި ހެދިކާ ހެދުމުގެ މަސައްކަތް ފެށީމެވެ. އެމަސައްކަތުގައި ކުރިއަށް ދަމުންގޮސް ކުޑަ ވަރެއްގެ ތަނެއްގެ ހުޅުވައިގެން ހެދިކާ ވިއްކީމެވެ. އެކަމުން ލިބުނު އާމްދަނީން ރެސްޓޯރަންޓެއްވެސް ހުޅުވީމެވެ.
އޭނާ ކައިވެނިކުރިކަން އެނގުނެވެ. ދަރިއަކު ލިބުނުކަންވެސް އެނގުނެވެ. އެއިގެ ފަހުން ޚަބަރެއް ނުލިބެއެވެ. އެހެންކަމާއިއެކުވެސް ޢޭނާގެ ލޯބީގެ މަސްތުގައި ދުވަސްތައް ވޭތިކުރަމުންދަނިކޮށް އޭނާ ޢާއި ބައްދަލުވީ އަހުރެންގެ ރެސްޓޯރަންޓުންނެވެ. އެކަނި ކާން އިންދައެވެ.
އެއީ ރޭގަނޑުގެ ވަޤުތުކަމުން އެކަނި ކާން އިނީ ކީއްވެގެންތޯ އާއި އަނބިމީހާއާއި ަދރިފުޅު ކޮބައިތޯ ސުވާލުކުރުމުން ކިޔައިދިނެވެ. "ތަނަވސް މީހަކު ލިބުމުން އަހުރެންނަށް ދަރިފުޅު ދީފައިތާ 4 އަހަރުވެއްޖެއެވެ. ދަމުން ދިއައީ ބޮޑު ވައްކަމެއްވެސް ކޮށްގެންނެވެ. އެހެންވެ ދަރަނިވެރިވެ ފިހާރަވެސް ވިއްކާލަން ޖެހުނީއެވެ. މިހާރު މިއުޅެނީ އެކުވރިއެއްގެ ވަޒީފާގައެވެ."
އެހިސާބުން އަހުރެންގެ ހިތުގެ ލޯބީގެ ފަސާނާ ބަންޑުންކޮށްލީމެވެ. އަހުރެން އަދިވެސް މިއިންތިޒާރުކުރަނީ އޭނާއަށް ކަމަށް ބުނީމެވެ. ދަރިއަކު ހުއްޓަސް ކައިވެނިކުރަން ބޭނުންކަމަށް ބުނީމެވެ.
އަހުރެން ދެއްކި ވާހަކަތަކުން އޭނާއަށް ވަރަށް ބޮޑު ޙައިރާންކަމެއް ލިބުނެވެ. އަދި އެއީ ޙަޤީޤަތްކަމަށްވާނަމަ ކައިވެނިކުރަން ބޭނުންކަމަށްވެސް ބުނުމުން ކައިވެނީގެ ކަންކަން އަވަހަށް ހަމަޖައްސަން ބުނެ ކައިވެނިކުރީއެވެ.
ކައިވެންޏަށް މިހާރު 16 އަހަރެވެ. ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ. އަހުރެންގެ ވާހަކަ ކިޔާފައި މަލާމާތްކުރާނެ ބައަކުވެސް ތިބޭނެއެވެ. އެކަމަކަށް އެއްވެސް މައްސަލައެއް ނެތެވެ. ބުނެލަން ބޭނުމީ ލޯތްބަކީ ކިހައި ބާރުގަދަ އެއްޗެއްކަން އެނގޭނަމަ މަލާމާތެއް ނުކުރާނެއެވެ. ތެދިވެރި ލޯބިވާ މީހުން މަދުވީމާ ލޯބީގެ އަގާއި ބުރަދަން ވަޒަން ނުކުރެވޭތީ ގިނަބައަކަށް ނުއެނގެނީއެވެ.
ޙަޤީޤީ ލޯބި ޙާޞިލުކުރެވޭނީ ޤުރްބާނީތަކެއް ވެގެނެންނެވެ. އަހުރެންވީ ޤުރްބާނީގެ އަގު ލިބި ދިރިއުޅެމުން މިއަންނަނީ އެކަމުގެ ހިތްހަމަޖެހުމާއިވެސް އެކުގައެވެ. އިން ޝާ ﷲ
- ޒަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް