ކޮންމެ ކަމެއް ކުރިމަތިވިޔަސް ސަލާމްތަވެވޭނެ މަގެއް ދައްކަވާނެ މީހަކަށް ވެވިދާނެ ގޮތް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކޮންމެ ކަމެއް ކުރިމަތިވިޔަސް ސަލާމްތަވެވޭނެ މަގެއް ދައްކަވާނެ މީހަކަށް ވެވިދާނެ ގޮތް! އިން ޝާ ﷲ

އަބަދުވެސް ބުނާފަދައިން ކަންބޮޑުވާންޖެހޭ ކަންކަން އަބަދުވެސް ކުރިމަތިވާނެއެވެ. ދުނިޔޭގައި ހުރިހާ ދުވަހަކު އެކަމަކުން ސަލާމަތެއް ނުވެވޭނެއެވެ. ކޮންމެވެސް ސިފައެއްގައި ކަންކަން އަބަދުވެސް ދާނީ ކޮންމެ މީހަކާއިވެސް ބައްދަލުކުރަމުންނެވެ.  

އެއީ ބިރުގަންނަން ޖެހެންވީ ކަމެއްވެސް ނޫނެވެ. ސަބަބަކީ އެއީ އެކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތެވެ. ދުނިޔޭގެ ކަންކަން ހިނގަމުންދާނީ އެ ނިޒާމުގެ ތެރެއިންނެވެ. ވީމާ އެއީ އެއްވެސް މީހަކަށް ހުއްޓުވޭނެ ކަމެއް ނޫނެވެ.  

އަހުރެމެންނަށް އޮތީ ކުރިމަތިލާންޖެހޭ ކަންބޮޑުވުންތަކުން ސަލާމަތްވެވޭނެ ގޮތަށް ދިރިއުޅެމުން ގެންދިއުމެވެ. އެކަމަށް ކުރަން އޮތް ކަމަކީ ﷲ ތަޢާލާގެ ހެޔޮ ރަޙްމަތުގައިވާހިނދު ﷲ ތަޢާލާއަށް ޝުކުރުވެރިވެ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކަންކަން ކުރުމެވެ. ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމެވެ. އެއިރުން ތިމާއަށް ނިކަމެތި ޙާލަތެއް ނުވަތަ ކަންބޮޑުވާންޖެހޭ ޙާލަތެއް ކުރިމަތިވާހިނދު ﷲ ތަޢާލާ އެމީހެއްގެ މަތިން ހަނދުމަފުޅު ކުރައްވަވާނެތެވެ. އެމީހަކަށް ކުރިމަތިވި ކަންތަކުން މިންޖުވެވޭނޭ މަގެއް ދައްކަވައިދެއްވަވާނެތެވެ. އިން ޝާ ﷲ 

ކިތަންމެ ބޮޑު އުފާވެރިކަމެއް ލިބިގެން ދުނިޔޭގައި އުޅެން ފުރުޞަތު ލިބުނަސް ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްގެން ހެޔޮ ޢަމަލުތައް ކުރުންމަތީގައި ދެމިހުންނަންވީ އެސަބަބަށްޓަކައެވެ. ﷲ ތަޢާލާގެ ޙަޟްރަތުން މެނުވީ އަހުރެމެން އެއްވެސް މީހަކަށް އެއްވެސް އުފާވެރިކަމެއް ނުލިބޭނެއެވެ. އަދި ހިތްހަމަޖެހުމެއްވެސް ނުލިބޭނެއެވެ. ކާމިޔާބީއެއްވެސް ނުލިބޭނެއެވެ.  

އެހެނަސް ގިނަ ބައަކު އެކަން ހަނދާނެއް ނުހުރެއެވެ. ގަދަވެ ސަލާމަތުން ހުރެވޭނަމަ ބަލިވެދާނެކަމަކަށް ނުވިސްނައެވެ. ތަނަވަސްކަން ލިބިއްޖެނަމަ މާދަމާވެސް ފަޤީރުވެދާނެ ކަމަކަށްވެސް ނުވިސްނައެވެ. އަދި އެހެން ނިޢުމަތެއް ދެއްވެވިނަމަވެސް ބެލެވިފައި އޮންނަނީ އެނިޢުމަތެއް ދުވަހަކުވެސް ތިމާ އާއި ވަކިނުވެ އަބަދުވެސް އެކުގައި ދެމިއޮންނާނެ ކަމަށެވެ.  

މިނުބައި އާދަދޫކޮށްލާށެވެ! ކޮންމެ ވަޤުތަކުވެސް ކޮންމެ ފަދަ ކަމެއްވެސް ކުރިމަތިވެދާނެކަމަށް ވިސްނައިގެން އެކަމަށް ތައްޔާރަށް ހުރުމެވެ. އެކަމަށް ތައްޔާރަށް ހުރުމަކީ އަބަދުވެސް ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ހުރުމެވެ.

 

- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން