ތިމާގެ ހިތް މަޑުމައިތިރިކޮށް، އަދި ﷲ އާ ކުއްތަންވުމަށް ކުރެވިދާނެ ކަންކަން-: ޝައިޚް އާސިމް އަލް ޙަކީމް

ކިޔުމަށް ހޭދަވާނީ 2މ 49ސ
ތިމާގެ ހިތް މަޑުމައިތިރިކޮށް، އަދި ﷲ އާ ކުއްތަންވުމަށް ކުރެވިދާނެ ކަންކަން-: ޝައިޚް އާސިމް އަލް ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

އަހަރެންގެ ހިތް މަޑުމައިތިރިކޮށް، އަދި ﷲ އާ ގާތްވާނީ ކިހިނެއް؟  

ޖަވާބު:

ހިތުގެ މުހިންމުކަން: ޞަޙީޙު މުސްލިމްގައިވާ ޙަދީޘަކުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ތިޔަބައިމީހުންގެ ހަށިގަނޑުތަކަށް އަދި މުދަލަށް ބައްލަވާވޮޑިއެއް ނުގަންނަވައެވެ. އެހެނެއްކަމަކު، އެކަލާނގެ ބައްލަވައިވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ޢަމަލުތަކަށެވެ." 

ހިތް މަޑުމައިތިރިކުރުމުގެ ގޮތްތައް: 

·  އެހެން މީހުންނަށް ހެޔޮކޮށް ހިތުން: އިޚްލާޞްތެރިކަމާއެކު، ﷲގެ ވަޖުހަފުޅަށްޓަކައި އެހެން މީހުންނަށް (ޚާއްޞަކޮށް ހުވަފަތް އަންހެނުން، ޔަތީމުން، ގޭދޮރު ނެތް މީހުން، ފަޤީރުން އަދި ބަނޑުހައި ހޫނުކަމުގައި ތިބޭ މީހުންނަށް) އެހީތެރިވެ ހެޔޮކަންތައް ކުރުމަކީ ހިތް މަޑުމައިތިރިވާނެ ކަމެކެވެ.

·  ގިނަގިނައިން ޙައްޖާއި ޢުމްރާވުން: މިއީ ފާފަ ފުއްސަވައިދީ ރިޒުޤު އިތުރުކޮށްދޭ ކަމެކެވެ.

·  ގިނަގިނައިން އިސްތިޣްފާރުކުރުން: ފާފަފުއްސެވުމަށް އެދި ދުޢާކުރުމަކީ ހިތް މަޑުމައިތިރިވާނެ ވަރަށް މުހިންމު ކަމެކެވެ. ނަބިއްޔާ  ދުވާލަކު ސަތޭކަ ފަހަރަށް ވުރެ ގިނައިން އިސްތިޣްފާރުކުރެއްވިއެވެ. 

އިބްނުލް ޤައްޔިމް - އިސްލާމްދީނުގެ މަތިވެރި ޢިލްމުވެރިޔާ އިބްނު ތައިމިއްޔާއާ ސުވާލެއް ކުރެއްވިއެވެ. އެ ސުވާލަކީ: "އޭ ޝައިޚް، އެންމެ މާތްވެގެންވަނީ 'ސުބްޙާނަﷲ' ކިޔައިގެން މާތްﷲ އަށް ތަސްބީޙަ ކިޔުންތޯ ނުވަތަ 'އަސްތަޣްފިރުﷲ' ކިޔައިގެން މާތްﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދުންތޯއެވެ؟" 

އިބްނު ތައިމިއްޔާ އޭނާއަށް ދޭހަވާނޭ މިސާލެއް ދެއްވަމުން ވިދާޅުވިއެވެ: "ހެދުން ސާފުވެފައިވާ ހިނދު، އެއަށް މީރުވަސް ދުއްވުމަކީ އެންމެ ރަނގަޅު ކަމެވެ. އަހަރެންގެ ހެދުން ސާފުވެ، ހުދުކޮށް، އެއްވެސް ތަޣައްޔަރުކަމެއް ނެތި، އަދި އެއްވެސް ވަހެއް ނުވާނަމަ، އެއަށް މީރުވަސް ދުއްވުމަކީ އެންމެ ރަނގަޅު ކަމެވެ. އެހެނެއްކަމަކު ހެދުން ހަޑިވެ، ތަޣައްޔަރުވެފައިވާނަމަ، އެއަށް މީރުވަސް ދުއްވުމަކީ މަންޠިޤީ ކަމެއްތޯ؟ ނޫނެކެވެ. އެއަށް އެންމެ ރަނގަޅީ ހޫނު ފެނާއި ސައިބޯނި ބޭނުންކޮށްގެން އެ ދޮވުމެވެ." 

އިބްނު ތައިމިއްޔާ އިބްނުލް ޤައްޔިމަށް އިތުރަށް ތަފްޞީލުކޮށްދެއްވަމުން ވިދާޅުވިއެވެ: "ތިބާގެ ފާފައެއް ނެތި، ތިބާއަކީ ޞާލިޙު މީހެއްނަމަ، 'ސުބްޙާނަﷲ' ކިޔުމަކީ ތިބާއަށް އެންމެ އަފްޟަލު ކަމެކެވެ. އެހެނެއްކަމަކު ތިބާއަކީ އަޅުގަނޑުމެންފަދަ ފާފަވެރި މީހެއްނަމަ، އަޅުގަނޑުމެންގެ ފާފަތަކުގެ ފޮތްތައް ސާފުކޮށް، އަޅުގަނޑުމެންގެ ހިތްތައް ޠާހިރުކުރުމަށްޓަކައި މާތްﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދުމަކީ އެންމެ އަފްޟަލު ކަމެވެ. އެހެންކަމުން މާތްﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދުމަކީ ތިބާގެ ހިތް މަޑުމައިތިރިކުރުމަށް އެންމެ ރަނގަޅު ކަންތައްތަކުގެ ތެރެއިން ކަމެކެވެ." 

·  ނަބިއްޔާގެ ސީރަތާއި ޞަޙާބީންގެ ޙަޔާތް ދިރާސާކުރުން: އެބޭކަލުންގެ ދިރިއުޅުއްވުމާއި ކުރިމަތިލެއްވި ދަތިތައް ދެނެގަތުމުން ހިތަށް މަޑުމައިތިރިކަން ލިބި، ﷲއަށް ކުއްތަންވާނެއެވެ.

·  ޤުރުއާން ކިޔެވުމާއި އޭގެ މާނަ ދަސްކުރުން: ގިނަގިނައިން ޤުރުއާން ކިޔަވައި އޭގެ މާނަ އާއި ތަފްސީރު ދަސްކުރުމަކީ ﷲ ތަޢާލާއާ ކުއްތަންވެ، ހިތް އާރާސްތުވާނެ ކަމެކެވެ. 

މިކަންކަމަކީ ހިތް މަޑުމައިތިރިކޮށް، ދިރިއުޅުމުގައި ބަރަކާތް ލިބިގަތުމަށް ބޭނުންތެރި ކަންކަމެވެ. 

މިއަދު އޮންލައިން