ދަރިފުޅު ލޮލަށްފެނުމުގެކުރިން މަރައިލާ އަންހެނުންނަށް އެކުރެވެނީ ބޮޑު ފާފައެއް! ﷲ ގެ ރަޙްމަތަށް އިތުބާރުނުކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 19ސ
ދަރިފުޅު ލޮލަށްފެނުމުގެކުރިން މަރައިލާ އަންހެނުންނަށް އެކުރެވެނީ ބޮޑު ފާފައެއް! ﷲ ގެ ރަޙްމަތަށް އިތުބާރުނުކުރަނީ ކީއްވެ؟

ކައިވެނި ރޫޅައިލެވޭ ފަހުން އިނީ ބަލިވެކަން އެނގުމުން ބައެއް އަންހެނުންނަށް ވަރަށް ބޮޑު ގޯހެއް ހެދެއެވެ. އެއީ ކައިވެނިކުރާނެ ރަނގަޅު މީހަކު ނުލިބިދާނެކަމުގެ ބިރަށް ދަރިފުޅު ވައްޓައލުމެވެ. ބައެއް ޢިލްމްވެރިން އެކަން ސިފަކުރައްވަނީ ލޮލުން ނުދެކި އަތްނުލައި ދަރިފުޅު މަރައިލުން ކަމަށެވެ.

ގިނަފަހަރު އެފަދަ ކަންކަން ކުރެވެނީ ޢާއިލާއާއި އެކުވެރިންގެ ނުފޫޒުގައެވެ. ކޮންމެ ގޮތަކަށް މެދުވެރިވެގެން ނަމަވެސް އެކަންވާނީ ކުރެވޭ ބޮޑު ފާފައަކަށެވެ. މިއީ ހޭލުންތެރިވާންޖެހިފައިވާ ކަމަކަށްވާތީ އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ.

އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާޢަކީ އަދި 30 އަހަރުގެ ޒުވާން އަންހެނެކެވެ. ބަލިވެއިންކަން އެނގުނީ ފިރިމީހާ ދުނިޔެއާއި ވަކިވިތާ މަހެއްހައިދުވަސްފަހުންނެވެ. ކައިވެނިކުރާނެ މީހަކު ނުވެދާނެކަމަށް ބިރުން އޭނާ ވިސްނަނަނީ ދަރިފުޅު ވައްޓާލުމަށެވެ. އެކުވެރިޔާއަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯ؟

ސުވާލުގެ ޖަވާބުގައި ފުރަތަމަ ކުރަން އޮތީ ސުވާލެކެވެ. ދަރިފުޅު ވައްޓާލިއްޔާ ދެން ލިބޭ ފިރިމީހާ އުފަލުގައި ގެންގުޅޭނެ ކަމުގެ ޔަޤީންކަން ދިނީ ކާކުތޯއެވެ؟ ދަރިން ތިއްބައި ކައިވެނިކޮށްގެން އުފަލުގައި އުޅޭ އަންހެނުން މަދީހެއްޔެވެ؟ ﷲ ތަޢާލާއަށް ބިރުވެތިވުމުން ލައްވަވާނެ ރަޙްމަތަށް ޝައްކުކުރަނީ ހެއްޔެވެ؟

ދެން ތިރީގައިވާ ލިޔުން ކިޔައިލާށެވެ! ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.

"އަހަރެމެންގެ ކައިވެންޏަށް 5 އަހަރުގައި އަހަރެންގެ ފިރިމީހާ ބަލިވިއެވެ. އަދި ޑައިގްނޯޒް ކުރެވުނީ ވަރަށް ނުރައްކާތެރި ބައްޔަކަށެވެ. ޑޮކްޓަރު ބުނީ އެއީ ފަސޭހްކުރެވޭ ބައްޔެއް ނޫން ކަމަށާއި އެބަލިޖެހުމުން ޢާންމު ގޮތެއްގައި ދުނިޔޭގައި ހުންނާނީ ގިނަވެގެން އަހަރެއްހައި ދުވަހު ކަމަށެވެ.

އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވަމުއެވެ. އެހެންނަމަވެސް ކަންކަން މެދުވެރިމިވީ ވަރަށް ދެރަގޮތަކަށެވެ. އެކަން އެނގުނު ހިނދުން ފެށިގެން އަހަރެން އެންމެ ބޮޑަށް ބޭނުންވީ ދަރިއަކަށެވެ. ފިރިމީހާގެ ޚިޔާލުތަފާތެވެ. އޭނާ ބުނަމުން އައީ ދަރިފުޅަށް އެހީތެރިވާނެ ބައްޕައަކު ނުހުންނާނެއިރު ދަރިއަކު ބެލުމަކީ މައަކަށް އެކަނި ކުރެވޭވަރުގެ ކަމެއް ނޫން ކަމަށެވެ.

ކޮންމެއަކަސް ކަންތައް މެދުވެރިވީ އަހަރެން އެދުނު ގޮތަށެވެ. އަހަރެން ބަލިވެއިނީއެވެ. ދެވަނަ މަހު ފިރިމީހާ ދުނިޔެ ދޫކޮށްފިއެވެ. އެކަނިވީއެވެ. އަހަރެންގެ މައިންބަފައިން މަޖުބޫރުކުރަމުން އައީ ދަރިފުޅު ވައްޓައިލުމަށެވެ. ދަރިއަކު އޮތުމުން ރަނގަޅު ފިރިއަކު ނުލިބޭނެ ކަމަށް ބުނަމުންނެވެ.

ކޮންމެއަކަސް އަހަރެން ބޭނުންވީ ކޮންމެ ޙާލެއްގައިވެސް ވިހާށެވެ. ފިރިމީހާގެ ހަނދާނުގައި އޭނާގެ ދަރިއަކު ގެންގުޅެ ބޮޑުކުރާށެވެ. އެންމެ ބޮޑު ޙައިރާންކަމެއް ލިބުނީ ލިބެން އުޅެނީ އެންމެ ދަރިފުޅެއް ނޫންކަމާއި 4 ދަރިންކަން އެނގުމުންނެވެ. އެކަމުގައިވެސް ރަނގަޅެއް އޮންނާނެ ކަމަށް ބަލައި ކެތްތެރިވީއެވެ.

ވިހެއުމުން މަންމަމެން ބުނީ 4 ދަރިން ބެލެހެއްޓުމަކީ ބުރަ މަސައްކަތެއް ކަމަށާއި އަދި ވަރަށް ބޮޑު ޚަރަދެއް ކަމަށެވެ. އެހެންކަމުން 3 ކުދިން ޔަތީމްޚާނާއަކަށް ދިނުމަށާއި އެއް ދަރިފުޅު ގެންގުޅުމަށެވެ. އެއީ އެއްގޮތަކަށްވެސް އަހަރެން ކުރާނެ ކަމެއް ނޫންކަމަށް ބުނީމެވެ.

އެންމެފަހުން އަހަރެންނަށް އެންގީ ގެއިން ނުކުތުމަށެވެ. އެންމެ ދަރިއަކު ދޫކޮށްލަންވެސް އަހަރެން ބޭނުމެއް ނުވެއެވެ. އެހެންވެ އަހަރެން ވިސްނީ 4 ދަރިން ގޮވައިގެން ޔަތީމްޚާނާއަކަށް ގޮސް އެތަނުގައި އުޅޭށެވެ. އެކަމަށް ތައްޔާރުވަމުން ދަނިކޮށް ފެނުނީ ކުއްލިއަކަށް ފިރިމީހާގެ މަންމަ އަހަރެމެން ހޯދަން އައިސް ހުއްޓައެވެ. ފުރަތަމަ އަހަރެން ގަތީ ބިރެވެ. އެއީ ފިރިމީހާ ބުނިގޮތުން މަންމައަކީ ވަރަށް ރުޅިގަދަ މީހެކެވެ. ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. އަދި އޭނާގެ އުމުރުން 20 އަހަރުން ފެށިގެން މަންމަ އާއި ބައްދަލުވެފައެއްވެސް ނުވެއެވެ.

އެހެންވެ ވަރަށް ބިރުންހުރެ އޭނާ އައި ބޭނުމެއް އެހީމެވެ. "އަހަރެން މިއައީ އަހަރެންގެ ދަރިފުޅުގެ އަނބިމިހާ އާއި މާމަދަރިން ބަލައެވެ. އަންނާށެވެ. އެއްވެސް ކަމަކަށް ދަތިވިއަކަ ނުދޭނަމެވެ. އުފަލުގައި ގެންގުޅޭނަމެވެ. އާނއެކެވެ. އަހަރެންނަކީ ދަރިފުޅަށް ނުބައި މަންމައަކީމެވެ. އެއިގެ ބަދަލުގައި އަހަރެން ބޭނުމީ މާމަދަރިންނަށް ރަނގަޅު މާމައަކަށްވާށެވެ."

އެހެން ގޮތެއްވެސް ނެތުމުން އަހަރެން 4 ކުދިން ގޮވައިގެން އަމިއްލަ މައިންބަފައިންގެ ގެއިން ނުކުމެގެންދިއައީއެވެ. ދަރިންގެ މާމަ އޭނާ ބުނިފަދައިން ޢަމަލުކުރިއެވެ. އަހަރެމެން 5 މައިން ވަރަށް ލޯބިން ގެންގުޅުނެވެ. އަދި މަރުވީ އޭނާގެ މުދާ މާމަ 4 ދަރިންނަށް ހަދިޔާކޮށްފައެވެ. ހިބައިންދީފައެވެ."

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑު މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާކުރަން ބޭނުންވީ މިއީ ރާއްޖޭގައިވެސް މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައަކަށްވާތީއެވެ.

ފިރިމީހާ ވަރިކުރުމުން ނުވަތަ މަރުވުމުން ވިހައިފިނަމަ ދަރިފުޅު ނުބެލޭނެ ކަމަށް ބަލައި ނުވަތަ ދަރިއަކު އޮތުމުން އިންނާނެ މީހަކު ނުވާނެ ކަމަށް ބަލައި ވަރަށް ގިނަ އަންހެނުން އެބަ ދަރިން ވައްޓާލައެވެ. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ދަރިން ބަނޑުގައި ބާއްވައިގެން ޤަތުލުކުރުމެވެ.

އިންނާނެ މީހަކު ނުވެދާނެކަމަށް ނުވަތަ ދަރިފުޅު ނުބެލިދާނެކަމަށް ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ އިންސާނަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ ކައިވެނިކުރެވޭނެ މީހުންނާއި ދުވަސް ވެސް ލިޔުއްވަވާފައެވެ. އެކަން ބަދަލުކުރެވޭނެކަމަށް ހީކުރުމަކީ ނުވަތަ ޤަބޫލުކުރުމަކީ ތަޤްދީރު ޤަބޫލު ނުކުރުމެވެ. އަދި ކޮންމެ ކުއްޖަކުވެސް އުފަންވަނީ އެކުއްޖާގެ ރިޒުޤާއިވެސް އެކުގައެވެ. ލިޔުއްވަވާފައިވާ މިންވަރަށް ދެއްވަވާނެކަމާއިމެދު ކުޑަވެސް ޝައްކެއް ނެތެވެ. މިވާހަކައިގައިވާ ކަންކަން ހިނގާފައިވަނީ ރާއްޖޭގައި ނޫން ނަމަވެސް މިއީ ހަމަ ވިސްނައިލުން މުހިންމު ޢިބްރަތްތެރި ވާހަކައެކެވެ. ތިމާގެ ހިތުގައި ސާބިތުކަން އޮތްނަމަ އަދި ކެތްތެރިވެއްޖެނަމަ މަގެއް ދައްކަވާނެ ކަމުގެ އަގުހުރި ފިލާވަޅެކެވެ.

--ޝަކީބާ މޫސާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން