އެއްވެސް މީހަކު ދެކެ ބިރުނުގަނެ ހިތްހަމަޖެހިގެން ހުންނަން ބޭނުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
އެއްވެސް މީހަކު ދެކެ ބިރުނުގަނެ ހިތްހަމަޖެހިގެން ހުންނަން ބޭނުންތަ؟

އެއްވެސް ޝައްކެއްނެތެވެ. ގިނަ ބައަކު ކޮންމެވެސް މީހަކު ދެކެ ނުވަތަ ކޮންމެވެސް ބައަކު ދެކެ ބިރުގަނެއެވެ. އެއީ ވަރަށް ބޮޑު މައްސަލައެކެވެ. މީހަކު ކޮށްފާނެ ކަމަކަށް ބިރުން އެމީހާ ބުނާހައި ކަމެއް ކުރުމަކީ ވަރަށް މޮޔަކަމެކެވެ. އަދި އެމީހާއަށް ފާރަލައިގެން އުޅެންޖެހުމަކީ ނަފްސާނީ ގޮތުންވެސް މީހާ ބަލިކަށިވާނެ ކަމެކެވެ. 

ތިބާއަކީ އެއްވެސް މީހަކު ދެކެ ބިރުނުގަންނަ އެންމެ ބިރުކުޑަ އަދި އެންމެ ބާރުގަަދ މީހާކަމަށްވުމަށް ބޭނުންހެއްޔެވެ؟ އެހެންކަމަށްވާނަމަ އަޑުއަހާށެވެ! އެއިރުން މިމައްސަލައިން ސަލާމަތްވެ އުފަލުގައި ހުރެވޭނެއެވެ. އިން ޝާ ﷲ 

އެންމެ ބިރުކުޑަ މީހުންނާއި އެންމެ ބާރުގަދަ މީހުން މިއަދު މިވަނީ ގިނަ ބައަކަށް ވަރަށް ބޮޑަށް އޮޅިފައެވެ. އެހެންކަމުން އެކަން އޮތްގޮތާއިމެދު ވިސްނައިލަމާ ހިނގާށެވެ! 

އެންމެ ބާރުގަދަ މީހަކީ އެންމެ ގިނަ ހަތިޔާރު ގެންގުޅޭ މީހާއެއް ނޫނެވެ. އެންމެ ގިނަ ސިފައިންނާއި ބޮޑީގާޑުން ވަށައިގެން ބައިތިއްބައިގެން އުޅޭ މީހާއެއްވެސް ނޫނެވެ. އެނގޭ ހެއްޔެވެ؟ އެއީ އެންމެ ބޮޑެތި ކުށްވެރިންގެ ސިފަތަކެވެ. ކުރެވޭ ކުށްތަކުގެ ސަބަބުން އެންމެ ބިރުގަންނަ ކުށްވެރިންގެ ސިފަތަކެވެ. 

އެންމެ ބިރުކުޑަ އަދި އެންމެ ބާރުގަދަ މީހަކީ އެއްވެސް މީހަކު ދެކެ ބިރު ނުގަންނަ މީހާއެވެ. ހަމައެކަނި ﷲ ތަޢާލާއަށް ބިރުވެތިވާ މީހާއެވެ! އެހެނީ ﷲ ތަޢާލާ ތިބާ އާއިއެކު ވޮޑިގެންވާނަމަ އެއްވެސް މީހަކަށް ތިބާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. އެއްވެސް ޤައުމެއް އަދި ޖަމާއަތަކަށްވެސް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. 

މީހާ ހުރީ ޙައްޤު ގޮތުގައި ކަމަށްވާނަމަ އެމީހަކަށް ﷲ ތަޢާލާ އަބަދުވެސް ހިމާޔަތާއި ރައްކައުތެރިކަން ދެއްވަވާނެއެވެ. އެމީހަކަށް ފައިދާ އާއި މަންފާ ލިބޭނެ ގޮތަކަށް ނޫނީ އެއްވެސް މީހަކަށް އެމީހާއަށް ހަމަ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. 

އެމީހާގެ އެންމެ ގާތް، އެންމެ ލޯބިވާ އަމަލަކީ އަޅުކަންކުރުން ކަމަށް ހަދާށެވެ! ހިތް ސީދާކޮށް އަމަލުތައް ސީދާކުރުން ކަމަށް ހަދާށެވެ! ހިތާއި އަމަލުތައް ސީދާ ކޮށްފި މީހަކު ގޯޅިއެޅުވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ހަމަ އެއާއިއެކު ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ވަކީލުކުރާ މީހަކު މާޔޫސްވާކަށް ނުޖެހޭނެއެވެ. 

ވީމާ ފައިސާ ހޭދަކުރަންވީ ހަތިޔާރަށާއި ބޮޑީ ގާޑުންނަކަށް ނޫނެވެ. އިތުރުކުރަންވީ ހެޔޮ އަމަލުތައް ގިނަކުރުމާއި ޞަދަޤާތް ކުރުމެވެ. އެފަދަ މީހުންނަށް ފެންނަ ނަތީޖާ ވަރަށް ތަފާތުވާނެއެވެ. ހީވެސް ނުކުރެވޭހައި އުފާވެރިވާނެއެވެ! އެހެނީ މީހާއަށް ބޭނުންވާ ރައްކައުތެރިކަމާއި ޙިމާޔަތް ދެވޭނީ ބޮޑީގާޑުންނަކަށް ނޫނެވެ! ﷲ ތަޢާލާއަށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން