ދިރާސީ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ތަޢުލީމީ ވުޒާރާއިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދިރާސީ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ތަޢުލީމީ ވުޒާރާއިން ފަށައިފި

އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ތަޢުލީމީ ވުޒާރާއިން ރަސްމީކޮށް ފަށައިފިއެވެ. މިއީ އަހަރުތަކަކަށް ފަހު އިހު އޮތްގޮތަށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާ އަހަރަކަށް ވާތީ، ވުޒާރާއިން ވަނީ މިކަމަށް ޚާއްސަ އިސްކަމެއް ދީފައެވެ.

އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަތޮޅުތަކުގެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ދުރާލާ ސްކޫލްތަކާއި އެ ވުޒާރާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވުޒާރާއިން ހާމަކުރެއެވެ.

ސްކޫލު ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމުމަކީ ތަޢުލީމީ ވުޒާރާގެ އަމާޒެވެ. އަދި ދިރާސީ އަހަރެއް ފެށުމުގެ ކުރިން ވުޒާރާއިން އަންނަނީ ދަރިވަރުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ޚާއްސަކޮށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ކިޔެވުން ފެށުމުގެ ކުރިން ފޯރުކޮށްދިނުމާއި، މުދައްރިސުން ހަމަކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށޭނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ޗުއްޓީ ނިންމުމަށް ފަހު އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ.

ވުޒާރާއިން މިހާރުން މިހާރަށް ފޮތްތައް ފޮނުވަން ފެށުމަކީ، އައު ދިރާސީ އަހަރު ފެށުމުގެ ކުރިން އެއްވެސް ދަރިވަރަކަށް ފޮތެއް ނުލިބުމުގެ މައްސަލައެއް ދިމާނުވުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން