މިޒަމާނުގަ ބާރަ އަހަރުވުމުން އަންހެން ދަރިންނަށް ދޭންޖެހޭ އެންމެ މުހިންމު ތަޢުލީމަކީ ރަނގަޅު ބައިވެރިއަކު ހޯދަން ދަސްކޮށްދިނުން!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
މިޒަމާނުގަ ބާރަ އަހަރުވުމުން އަންހެން ދަރިންނަށް ދޭންޖެހޭ އެންމެ މުހިންމު ތަޢުލީމަކީ ރަނގަޅު ބައިވެރިއަކު ހޯދަން ދަސްކޮށްދިނުން!

ޢުމުރަށް ބަލައިފިނަމަ 12 އަހަރަކީ ވަރަށް ހަގު ޢުމުރެކެވެ. އެއީ ހަމަ ކުޑަކުއްޖެކެވެ. އޭނާއަށް ޢިލްމް އުނގަންނައިދޭން މަސައްކަތްކުރަންވާނެއެވެ. ޚާއްޞަކޮށް ދީނީ ޢިލްމް އުނގަންނައިދޭން މަސައްކަތްކުރަންވާނެއެވެ. އާޚިރަތް ލިބިގަތުމަށްޓަކައި ތަޤްވާވެރިކަމާއި ތަޤްވާވެރިވާން ދަސްކޮށްދީ އަޅުކަންކުރަން ތަރުބިއްޔަތުކުރަންވާނެއެވެ.  

ހަމަ އެއާއިއެކު މައިން ކޮށްދޭންޖެހޭނެ ކަމަކީ ޢުމުރާއި ގުޅޭ ގޮތުން ކައިވެނީގެ ވާހަކަތައް ކިޔައިދީ ހޭލުންތެރިކުރުވުމެވެ. ފާޙިޝް ޢަމަލުތައް ކިޔައިދީ މުންކަރާތްތައް ދަސްކޮށްދިނުމެވެ. މިވެނިކަމަކީ ޙަރާމް ކަމެއްކަމަށް ދަސްކޮށްދިނުމަކުން އަދި ނުފުދެއެވެ. މުސްލިމް ސްކޫލްތަކުން އެކަން ކުރެއެވެ. ނަމަވެސް އެވަރުން ނުފުދޭކަން މިދަނީ ފެންނަމުންނެވެ.  

ވީމާ މައިން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމަކީ ކައިވެނީގެ ކަންކަން ދަސްކޮށްދިނުމެވެ. މިބުނަނީ ކައިވެނިކުރާނެ ގޮތް ދަސްކޮށްދިނުމެވެ. ރަނގަޅު ލޯބިވެރިއަކު އިޚްތިޔާރުކުރާނެ ގޮތް ދަސްކޮށްދިނުމެވެ. މީހަކު ދެކެ ލޯބިވާނެ ގޮތް ދަސްކޮށްދިނުމެވެ. ލޯތްބަކީ ކައިވެނީގެ ބޭރުން ގައިގައި ބީހުން ނޫންކަމާއި ލޯތްބަކީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވުންކަން ދދަސްކޮށްދިނުމެވެ.  

މިކަންކަން ކުރެވޭނީ މައިންނަށެވެ. ކުޑަކަމުން ދަސްކޮށްނުދިނީމާ މެދުވެރިވަނީ އެންމެ ހިތާމަވެރިގޮތެވެ. ސޯޝަލްމީޑިއާއިން ދަސްވާ ގޮތަށް އުޅެވެން ފަށަނީއެވެ. އެކަމުގައި ކުރިއަށްދެވި 14 އަހަރުގައި ބަލިވެވެސް އިންނަނީއެވެ. އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތަފާސްހިސާބުތަކުން މިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.  

ސޯޝަލް މީޑިއާ ނެތް ދުވަވަރުގައި މިމައްސަލައެއް ނެތެވެ. އެދުވަސްވަރު ޕާކުތަކުންނާއި މަގުމަތިން މިހާރު މިފެންނަ ކަންކަމެއް ނުފެންނާނެއެވެ. އެހެންވީމާ އެއިރު މަގުފުރެދިއުން މަދެވެ. ނަމަވެސް މިއަދު މިކަންކަން މިވަނީ ފެތުރިފައެވެ. ޢާންމުވެފައެވެ. ހުއްޓުވޭނެ ގޮތެއްވެސް ނެތެވެ.  

ޢުމުރުން 14 އަހަރުން ފެށިގެން ނަޙަލާލަށް ބަލިވެ އިނުމުގެ މައްސަލަ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޮޑުވެ މިހާރު އޮސްޓްރޭލިޔާގައި އެވަނީ 16  އަހަރުން ދަށުގެ ކުދިން ސޯޝަލްމީޑިޢާ ބޭނުންކުރުން މަނާކޮށްފައެވެ. ސިންގަޕޫރުފަދަ އެހެން ބައެއް ޤައުމުތަކުންވެސް ގެންދަނީ އެކަމަށް ވިސްނަމުންނެވެ.  

މިއީ މުސްލިމް ޤައުމުތަކުން ލަދުގަންނަން ޖެހޭނެ ކަމެކެވެ. މުސްލިމް ޤައުމުތަކުން ކުރަންޖެހޭ ކަމެއް ކުރަން މުސްލިމް ނޫން ޤައުމުތަކުން އިސްނަގައި ޢަމަލުކުރީތީއެވެ. މުސްލިމް ޤައުމުތަކުގެ ތެރެއިން ސޯޝަލްމީޑިޢާގެ އިންތައް ހިފަހައްޓަން އީރާން ނޫން ޤައުމަކުން އެކަށީގެންވާ މަސައްކަތެއް ނުކުރެއެވެ. 

ވީމާ އަހުރެން އިލްތިމާސްކުރަން ބޭނުންވަނީ މައިން ހޭލުންތެރިވާށެވެ. ދަރިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދެވޭނީވެސް އަދި ޤިޔާމަތް ދުވަހު ދަރިންނާއި ސުވަރުގެއިން ބައްދަލުކުރެވޭނީވެސް ޝައިޠޯނާގެ ކިބައިން ދަރިން ސަލާމަތްކުރެވިގެންނެވެ. މިކަންކަމަށް ދަރިން ހޭލުންތެރިކުރުވިގެންނެވެ.

 

މަޢުލޫމާތު: އުސްތާޛާ މަރްޔަމް ލެމޫ

މިއަދު އޮންލައިން