ދެމީހުންވެސް ސަމާލުވާތި!: އެކުވެރިން ބުނާގޮތަށް އުޅެގެން ދެމަފިރިންގެ ދިރިއުޅުން ކާމިޔާބެއް ނުކުރެވޭނެ! ކާމިޔާބުކުރެވޭނީ މިގޮތަށް ޢަމަލުކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދެމީހުންވެސް ސަމާލުވާތި!: އެކުވެރިން ބުނާގޮތަށް އުޅެގެން ދެމަފިރިންގެ ދިރިއުޅުން ކާމިޔާބެއް ނުކުރެވޭނެ! ކާމިޔާބުކުރެވޭނީ މިގޮތަށް ޢަމަލުކޮށްގެން!

ޒަވާޖީ ހަޔާތް ކާމިޔާބު ނުކުރެވޭ އެންމެ ބޮޑެތި ސަބަބުތަކުގެ ތެރެއިން އެއްސަބަބަކީ ކައިވެންޏަށްފަހުގައިވެސް އެކުވެރިން ބުނާ ގޮތަށް ކަންކަން ކުރުމެވެ. އެކުވެރިންގެ ލަފައަށް އިސްކަން ދިނުމެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ކައިވެންޏަށްފަހު ދެމީހުންވެސް ކަންކަން ކުރަންވާނީ ބައިވެރިޔާދޭ ލަފައަށެވެ. ބައިވެރިޔާ ބޭނުންވާ ގޮތަކަށެވެ.  

މީގެ މާނައަކީ ހެޔޮލަފާ އެކުވެރިން ދޭ ރަނގަޅު ނަޞީޙަތް ޤަބޫލުނުކުރުމެއް ނޫނެވެ. ހެޔޮނަޞީޙަތް އަޑުއަހަންވާނެއެވެ. ނަމަވެސް ޢަމަލުކުރަންވާނީ ބައިވެރިޔާގެ އިޙްޞާޞްތަކަށް ވިސްނައިގެންނެވެ.  

މިޘާލަކަށް ބައިވެރިޔާ ކަމެއް ކުރަން ނުވަތަ ނުކުރަން ބުނީއެވެ. އެކަމުގައި ﷲ ތަޢާލާއަށް އުރެދުމެއް ނުވާނަމަ އޮތީ އެކަމެއް ބައިވެރިޔާ ބުނި ގޮތަށް ބަލައިގަތުމެވެ. އަދިވެސް ތިލަކޮށްލާނަމެވެ. ބައިވެރިޔާ ވަކިތަނަކަށް ނުދާން ބުނީއެވެ. ވަކިމީހަކާ ޚާއްޞަ ގުޅުމެއް ނުބާއްވަން ބުނީއެވެ. ނުވަތަ ދުރުހެލިވާން ބުނީއެވެ. އެކަމަށް އެކުވެރިންގެ ލަފައެއް ބޭނުމެއް ނުވާނެއެވެ. އޮންނާނީ ބައިވެރިޔާބުނި ގޮތަކަށް އެކަން ކުރުމެވެ.  

ކޮންމެ މީހެއްގެވެސް އެކުވެރިން ތިބޭނެއެވެ. ނަމަވެސް ކައިވެންޏަށްފަހު އެމީހުންގެ ދަރަޖަ ތަފާތުކުރަންވާނެއެވެ. އެންމެ މަތީދަރަޖައިގައި ނުބައިތިއްބާށެވެ! އެންމެ މަތީ ދަރަޖަ ބައިވެރިޔާއަށްދޭށެވެ.  

ކައިވެނިކުރާ ހިސާބުން އެފެށެނީ ރަސްކަމެކެވެ. ރަސްގެފާނަކީ ފިރިމީހާއެވެ. ރާނީއަކީ އަނބިމީހާއެވެ. އެކުވެރިންނާއި އެހެން މީހުން ބައިތިއްބަންޖެހޭނީ ތިރީ ދަރަޖަ ތަކުގައެވެ. ރަސްކަމުގެ ހުރިހާ ކަމަކާއިބެހޭ ވަޒީރުންގެ ގޮތަކުވެސް ނޫނެވެ. ލަފައަކަށް ބޭނުންވުމުން ލަފާދޭ ބައެއްގެ ގޮތުގައެވެ. އަދި ދޭލަފާގެ ބޭނުންކުރަންވާނީވެސް ދެމަފިރިންގެ މެދުގައި މަޝްވަރާކޮށް އެންމެ ހެޔޮގޮތުގައެވެ. ރަސްކަން ފުރިހަމަ ބާރާއިއެކު ދެމިއޮންނާނީ އެއިރުންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން