ގޭގެ އެންމެންނަށްވެސް އުފާވެރިކަމާ ބާއްޖަވެރިކަން ލިބެން އެންމެ ފަސޭހަ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ގޭގެ އެންމެންނަށްވެސް އުފާވެރިކަމާ ބާއްޖަވެރިކަން ލިބެން އެންމެ ފަސޭހަ މަގު-

ގެއެއްގެ ޙާލަތު ރަނގަޅުކުރަން އެދޭނަމަ އެކަމަށް ގޭގެ އެންމެންވެސް މަސައްކަތްކުރަންވާނެއެވެ. ވީމާ ގެއަށް ބޭނުންވާ ކާބޯތަކެތި ހޯދައި އެހެނިހެން ކަންކަން ކުރުމަކީ ޢާއިލާގެ އެންމެ އިސް މީހުންގެ މަސްއޫލިއްޔަތަކަށްހަދައި ދޫކޮށްނުލާށެވެ!

އެ މަސައްކަތުގައި ގޭގެ އެންމެން ބައިވެރިވާން އެބަޖެހެއެވެ. ޒިންމާ އުފުލަން އެބަޖެހެއެވެ. ޒިންމާ އުފުލަންކުރަން އޮތް ކަމަކީ ކުދިބޮޑު އެންމެން ވަޒީފާއަދާކުރަން ނުކުތުމެއް ނޫނެވެ. ކުޑަކުދިންނާއި އަންހެނުން އެކަމަށް މަސައްކަތްކުރަންވީ ގޭގައި ތިބެގެންނެވެ.   

އެގެއެއްގައި ކީރިތި ޤްރުއާން އުނގެނި، މުރާޖަޢާކޮށް، އެގެއެއްގެ އަހުލުވެރިން ކީރިތި ޤްރުއާނަށް ލޯބިކުރާ ނަމަ އެގެއަކަށް ﷲ ތަޢާލާގެ ރަހްމަތްފުޅު އިތުރު ކުރައްވަވާނެތެވެ. އެކަމުގެ ސަބަބުން އެގެއެއްގައި އޮންނާނީ ޞުލްހަވެރިކަމެވެ. އުފާ ފާގަތި ކަމެވެ. ފިތުނަ ފަސާދައިން އެގެއެއް ވާނީ ސަލާމަތްވެގެންނެވެ.  

ކޮންމެ ގެއެއްގައި ވެސް ކީރިތި ޤްރުއާނަށް ޚާއްޞަ ވަގުތު ކޮޅެއް ކަނޑައަޅާށެވެ. އެވަގުތުކޮޅުގައި ގޭގައި ދިރިއުޅޭ ކުދި ބޮޑު އެންމެން ހިމެނޭ ގޮތުން ވީހައި ގިނަ ބައަކު ބައިވެރިވެ ކީރިތި ޤްރުއާން މަތިވެރިކުރާށެވެ!  

ބައެއް ގޭގޭގައި އެކަން ހަދަނީ ހަމައެކަނި ކުޑަކުދިން ކުރަން ޖެހޭ ކަމަކަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ގޭގެ އެންމެންވެސް ބައިވެރިވާން ޖެހޭނެއެވެ. ބޮޑަށް އެނގޭ މީހުން އެހެން މީހުންނަށް ކިޔައިދީ އޮޅުންފިލުވައިދޭށެވެ! ގޭގައި އެންމެން އެކީ ތިބެގެން ބަލަންވީ ފިލްމެއް ނޫނެވެ. ކުޅެންވީ ގޭމެއް ނޫނެވެ. ކުރަންވީ ކަމަކީ ކީރިތި ޤްރުއާން މަތިވެރިކުރުމެވެ. 

ތިއަބައިމީހުން އަމިއްލައަށް ދިރާސާކުރާށެވެ! ކީރިތި ޤްރުއާން މަތިވެރިކުރާ ގެތަކުގެ މީހުން ދިރިއުޅޭނީ ޢާންމު ގޮތެއްގައި މާ އުފަލުގައެވެ. އެރަށެއްގެ މިސްކިތްތަކުގައި ކީރިތި ޤްރުއާން ކިޔަވައި މަތިވެރިކުރުން ގިނަ ނަމަ އެ ރަށަކަށް ތިޔާގި ކަމާއި އުފާ ފާގަތިކަން އިތުރުވާނެއެވެ. އެއީ އެބައެއްގެ މައްޗަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު އޮހެމުންދާތީއެވެ.  

މީސްތަކުންނޭވެ! ކީރިތި ޤްރުއާނުން ލިބި ނުގަނެވޭނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ. އެމީހަކު ބޭނުން ފައިދާއެއް ޙާޞިލުކުރެވޭނެއެވެ. މާލީ ތަނަވަސްކަން ނަމަވެސް އަދި ބަލީގެ ޝިފާ ނަމަވެސް ލިބިގަނެވޭނެއެވެ. އުނގެނި ޢިލްމުވެރިވުން ނަމަ އެކަންވެސް ޙާޞިލުކުރެވޭނެއެވެ.  

ހިތާމައަކީ އެކަން ޤަބޫލުކުރެވޭ މީހުން މިއަދު މަދުވަމުންދާ ކަމެވެ. ގިނަ މީހުންނަށް ޤަބޫލު ނުކުރެވެނީ އެއްވެސް ނޫނެވެ. ފަރުވާ ކުޑަކުރެވެނީއެވެ. ވީމާ ކީރިތި ޤްރުއާނަށް ސަމާލުކަން ދިނުމަށް އެންމެން ގަދައަޅައި މަސައްކަތްކުރަން ފަށަމާ ހިނގާށެވެ! ކާމިޔާބުކުރެވޭނީ ގޭގެ ކުދި ބޮޑު އެންމެންގެ ވެސް މަސައްކަތުންނެވެ. އެންމެން ބައިވެރިވެގެންނެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ޚުޠުބާއަކުން

 

މިއަދު އޮންލައިން