މަޙްޝަރަށް ގެންދާނެ ހެޔޮކަމެއް ނުލިބޭތަނުގައި ކައްވަޅު އަލިކުރާނެ ވޮށެއްވެސް ނުލައި މަރުވާން ޖެހިދާނެކަމަށް ބިރުނުގަންނަނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
މަޙްޝަރަށް ގެންދާނެ ހެޔޮކަމެއް ނުލިބޭތަނުގައި ކައްވަޅު އަލިކުރާނެ ވޮށެއްވެސް ނުލައި މަރުވާން ޖެހިދާނެކަމަށް ބިރުނުގަންނަނީ ހެއްޔެވެ؟

ކުޑަ އެހެނަސް ބޮޑުކަމެއް ފާހަގަކޮށްލާނަމެވެ. އަހަރެމެންގެ ތެރޭގައި ތިބި އެންމެ ބޮޑެތި މޮޔައިންގެ ވާހަކައެވެ.  

ދުނިޔޭގައި ކުރަން މަސައްކަތް ކުރާ ކަމެއް ނުވުމުން އެއީ ފޭލިވުމުން ކަމަށް ގިނަ ބައަކު ދެކެއެވެ. ނަމަވެސް ވިސްނާށެވެ! ދުނިޔަވީ އެއްވެސް ކަމަކުން އެއްވެސް މީހަކު ފޭލެއް ނުވާނެއެވެ. އެހެނީ ކުރަން މަސައްކަތްކުރާ އެއްވެސް ކަމެއް ނުވުމަކީ ފޭލްވުމެއް ނޫނެވެ. އެހެނީ އެކަމުން ފޭލްވީ އެމީހަކަށް އެއަށްވުރެ ބޮޑު ނިޢްމަތެއް ލިބެން އޮތުމުން ކަމަށްވުމަކީ ވަރަށް ގާތް ކަމެކެވެ. އަހަރެމެން މުސްލިމުން މިތިބީ އެކަން އެގޮތަށް ޤަބޫލުކޮށްގެންނެވެ.  

ދެން އޮތީ ޙަޤީޤީ ފޭލްވުމެވެ. ޙަޤީޤީ ފޭލްވުމަކީ ﷲ ތަޢާލާ އެންގެވި ގޮތަށް ދުނިޔޭގައި ނުއުޅުވުމެވެ. އާޚިރަތް ގެއްލިގެންދާނެ ގޮތަށް ދުނިޔޭގައި ހަޔާތް ހޭދަކުރެވުމެވެ. ކައްވަޅު އަލިކޮށްލައި ދޭނެ އެންމެ ކުޑަމިނުން އުއްބައްތިއެއްވެސް ނުލައި ކައްވަޅަށް ދާން ޖެހުމެވެ. ޙަޤީޤީ ފޭލްވުމަކީ އެ ހިފައިގެން އާޚިރަތަށް ދިއުމަށް ތިބާ އާއި ﷲ ތަޢާލާ ޙަވާލު ކުރެއްވެވި ބޮޑު މުއްސަނދިކަން ނުގެންގޮސް ، ދުނިޔެއަށް ދޫކޮށް ހުސްއަތާ މަރުވާން ޖެހުމެވެ.  

ﷲ ތަޢާލާ ތަނަވަސްކަން މިންވަރުފުޅު ކުރައްވަވަނީ އެ ތަނަވަސްކަން ހިފައިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމަށެވެ. އެތަނަވަސްކަން ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދިއުމަކީ ދެއްވެވި ތަނަވަސްކަމުގެ ބޭނުން ﷲ ތަޢާލާ އެންގެވި ގޮތުގައި ހިފުމެވެ. ތަނަވަސްކަމުން ހޭދަކުރަން އަނގަވާފައިވާ ކަންކަމަށް ހޭދަކުރުމެވެ. އެގޮތުގައި ހޭދަކޮށްފިނަމަ އެދެވެނީ އެ މުއްސަނދިކަން ހިފައިގެންނެވެ. އެގޮތުގައި ދެވިއްޖެ ނަމަ ﷲ ތަޢާލާ ނިޢްމަތްތައް އެތައް ގުނައަކަށް އިތުރުވެސް ކޮށްދެއްވަވައެވެ. 10 ގުނައިން ފެށިގެން 700 ގުނަ އާއި ހަމައަށެވެ. 

ވީމާ ދެއްވެވި ތަނަވަސްކަމުން ފުރަތަމަ އަނބިދަރިންނަށް ހޭދަކުރާށެވެ! ޢާއިލާއަށް ހޭދަކުރާށެވެ! މައިންބަފައިންނަށް ހޭދަކުރާށެވެ! ޞަދަޤާތް ކުރާށެވެ! ﷲ ތަޢާލާގެ މަގުގައި އެހެން ކަންކަމަށްވެސް ހޭދަކުރާށެވެ! އެއިރުން އާޚިރަތަށް އެދެވެނީ ކުރިންވެސް ބުނިފަދައިން ﷲ ތަޢާލާ ހަވާލުކުރެއްވެވި ތަކެތި ހިފައިގެންނެވެ. 

ހަމައެއާއިއެކު މުދަލުން ތަނަވަސްކަން ނެތް މީހުން މާޔޫސްވާކަށް ނުޖެހެއެވެ. ވީހައި ގިނައިން އަޅުކަންކުރަންވީއެވެ. ހެޔޮ ޢަމަލުތައްކުރަންވީއެވެ. ޛިކުރުކުރަންވީއެވެ. ހެޔޮބަސްބުނަންވީއެވެ. އެއިރުން އެޖަމާކުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދާނެ މުދަލެވެ. ނުލައި ހުސްއަތާ ދިއުމުން އެމީހާ ވާނީ އެންމެ ބޮޑު މޮޔަ މީހާކަމަށް ނޫންހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން