ދުޢާކުރުމަށް އަވަސްވެގަންނަންވީ ކިހާވަރަކަށްކަން ގިނަބައަކަށް ނުވެސް ވިސްނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ދުޢާކުރުމަށް އަވަސްވެގަންނަންވީ ކިހާވަރަކަށްކަން ގިނަބައަކަށް ނުވެސް ވިސްނޭ!

ﷲ ތަޢާލާގެ ޙަޟްރަތާއި ދުރުވަމުން ގޮސް މުސްލިމުންގެ ތެރެއިންވެސް ގިނަ ބައަކަށް މިވަނީ ﷲ ތަޢާލާގެ ޙަޟްރަތާއި ވަރަށް ބޮޑަށް ދުރުހެލިވެވިފައެވެ. އެކަން އެނގޭ އެންމެ ބޮޑު އެއް ސަބަބަކީ ކަމެއް ދިމާވުމުން ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރުމުގައިވެސް ލަސްކުރެވޭ ކަމެވެ. ދެން އެހެން ގޮތެއް ނެތި ހާސްވެ ކަންބޮޑުވާންޖެހުމާއި ހަމައަށް ދުޢާކުރުން ލަސްކުރެވޭކަމެވެ.  

މިކިޔައިދެނީ އިބިލީސްކުރި ދުޢާ އާ އާދަމްގެފާނު ކުރެއްވެވި ދުޢާގެ ވާހަކައެވެ. އިބިލީސް ގެއްލެނިކުރައްވަވައި އާދަމްގެފާނު މަތިވެރިކުރެއްވެވި ސަބަބުގެ ވާހަކައެވެ. އެދޭ ކަންކަން ޙާޞިލުކުރަން ބޭނުން މީހާއަށް އޮތީ އާދަމްގެފާނު ޢަމަލުކުރެއްވެވި ގޮތް ބަލައިގަތުމެވެ. އެގޮތަށް ޢަމަލުކުރުމެވެ.  

މުޅި އިންސާނިއްޔަތުގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ، އިބިލީސްވެސް ﷲ ތަޢާލާއަށް ދުޢާކުރިއެވެ. ނަމަވެސް ދުޢާކުރީ އޭނާއަށް ސަލާމަތްވެވޭނެ އެއްވެސް މަގެއް ނުފެނުމުންނެވެ.  

އާދަމްގެފާނަށް ސަޖިދަކުރަން ﷲ ތަޢާލާ އެންގެވުމުން ސަޖިދަ ނުކުރުމަށްފަހު އިބިލީސް ދެއްކީ ބަހަނާތަކެވެ. ފައުޅުކުރީ ބޮޑާކަމެވެ. ހާމަކުރީ އޭނާގެ މަތިވެރިކަމެވެ. އޭނާއަށްވުރެ އާދަމްގެފާނު ނިކަމެތިކަމެވެ.  

އިބިލީސް ﷲ ތަޢާލާއަށް ދުޢާކުރީ އެބަހަނާތައް ދައްކައިގެން ސަލާމަތްވާން ކުރި މަސައްކަތުން އެއްވެސް ކުރިއެރުމެއް ނުލިބި ސަލާމަތް ނުވެވޭނެކަން އެނގުމުން އެންމެ ފަހުވަގުތުގައެވެ. އެކަލޭގެ ކުރި ދުޢާއަކީ:  

"އެކަލޭގެ ދެންނެވިއެވެ. އެއުރެން ދިރުއްވައި، އަލުން ފޮނުއްވާނޭ ދުވަހާ ހަމައަށް ތިމަން ލަހައްޓަވާނދޭވެ!" (އަލްއައްރާފް: 14) 

މިނޫން ދުޢާއެއް ނުކުރެއެވެ.  

ދެން ބަލައިލަންވީ އާދަމްގެފާނަށެވެ! އިބިލީސް ވަސްވާސް ދިނުމުން ނަމަވެސް އާދަމްގެފާނަށް ފާފައެއް ކުރެއްވިއްޖެކަން އެނގިވަޑައިގަތުމުން ވަގުތުން ދުޢާކުރެއްވެވިއެވެ. ފާފަ ފުއްސަވައި ދެއްވެވުން އެދިއެވެ. ހަމަ އެއާއިއެކު އާދަމްގެފާނު މުޅި ޢުމުރުފުޅު ހޭދަކުރެއްވެވީ ދުޢާކުރެއްވެވުމުގައެވެ.  

އިބްލީސް ކުރި ހަމައެކަނި ދުޢާއަކީ އެއީއެވެ. އެ ދުޢާކުރީ އެހެން ގޮތެއް ނެތުމުންނެވެ. އަދި އެއިގެފަހުން އެއްވެސް ދުޢާއެއް ނުކުރެއެވެ.  

މީސްތަކުންނޭވެ! މިވާހަކައިން ޙާޞިލުކުރަންޖެހޭ ޢިބްރަތަކީ ދުޢާކުރަންވީ ދެން އެހެން ގޮތެއް ނެތުމުން ނޫންކަމާއި ވަގުތުން ކަމެވެ. އަދި އަބަދުވެސް ހުންނަންވީ ދުޢާކުރުންމަތީގައިކަމެވެ. ހިތާމައަކީ ޢަމަލުކުރަން އޮތީ މިގޮތަށް ނަމަވެސް ގިނަބައަކަށް މިއަދު ޢަމަލުކުރެވެނީ އިބިލީސް ޢަމަލުކުރިގޮތަށްކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ފުރަތަމަކަމަކަށް ހަދަންޖެހޭނީ ﷲ ތަޢާލާއަށް ދުޢާކުރުމެވެ. ކަންކަމަށް އެދި ގިނަގިނައިން ދުޢާކުރުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ވީމާ ކުށް ޤަބޫލުކުރުމާއި ދުޢާކުރުން ގިނަކުރާށެވެ! އެއީ ﷲ ތަޢާލާގެ އަޅާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި ގުޅުންތައް އިތުރުވެގެންދާ ކަމެކެވެ.  

އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ގިނަގިނައިން ދުޢާކުރުމަށެވެ. ދުޢާކުރުމުން ޢިޖާބަކުރައްވަވާނެ ކަމަށެވެ. ހަމައެއާއިއެކު ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ ދުޢާ ނުކުރުމަކީ ބޮޑާ، ކިބުރުވެރި މީހުންގެ ސިފައެއް ކަމެވެ. އެހެންކަމުން ދުޢާ ނުކުރާ މީހުން ހިމެނިގެންވަނީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އަޅުންގެތެރެއިންނެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން