ތިބާ މަޝްހޫރުވާން މަސައްކަތް ތިއަކުރަނީ ތިބާއަށް ޙަޤީޤީ ފައިދާއެއް ކުރާނެ ކަމަކުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ތިބާ މަޝްހޫރުވާން މަސައްކަތް ތިއަކުރަނީ ތިބާއަށް ޙަޤީޤީ ފައިދާއެއް ކުރާނެ ކަމަކުން ހެއްޔެވެ؟

މަޝްހޫރުވާން ބޭނުންނުވާނީ މަދުމީހެކެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. މިޘާލަކަށް ދީނަށް ނަޞްރު ދިނުމުގައިވެސް މަޝްހޫރުވުމުން ފައިދާކުރެއެވެ. ސަބަބަކީ ދަރުސްތަކާއި ފަތުވާ ބަލައިގަތުމުގައިވެސް ގިނަ މީހުން ސަމާލުކަންދޭނީ އެންމެ މަޝްހޫރު ޢިލްމުވެރިންނަށް ކަމުގައިވާތީއެވެ. 

މަޝްހޫރުވުމުގައި ދެގޮތެއް އެބަ އޮވެއެވެ. އެއީ ދުނިޔޭގައި މަޝްހޫރުވުމާއި އާޚިރަތަށް ފައިދާކުރާނެ ގޮތަކަށް، ކައްވަޅުގައި އޮންނައިރުވެސް ޘަވާބު އިތުރުވޭވެ ހުންނާނެ ގޮތަކަށް މަޝްހޫރުވުމެވެ. 

ފުޓްބޯޅަ ނުވަތަ އެނޫންވެސް ކުޅިވަރެއް ކުޅެން ނުވަތަ ލަވަކިޔުން، ފިލްމްކުޅުން ފަދަ ކަމަކުން ކިތަންމެ ބޮޑަށް މަޝްހޫރުވި ނަމަވެސް އާޚިރަތަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ނަމަވެސް ޤުރްއާން ކިޔެވުން ފަދަ ކަމަކުން، ނުވތަ ދީނީ ޢިލްމުވެރިއެއްގެ ގޮތުން ފަދަ ކަމަކުން މަޝްހޫރުވެއްޖެނަމަ އާޚިރަތަށް ފައިދާކުރާނެއެވެ.   

ޤުރްއާން ކިޔެވުމުން މަޝްހޫރުވެއްޖެނަމަ އެމީހަކު ކިޔަވާ ރާގު ރީތިވެ އެރާގަށް ކިޔަވަން ގިނަބައަކު މަސައްކަތްކުރާނެއެވެ. ދީނީ ޢލްމުވެރިން މަރުވެދިއަ ނަމަވެސް އެމީހުންގެ ދަރުސްތައް މީހުން އަޑުއަހާނެއެވެ. ލިޔެފައިވާ ފޮތްތައް މީހުން ކިޔާނެއެވެ. މިއިން ކޮންމެ ކަމަކީވެސް އެމީހަކު މަރުވި ނަމަވެސް އެމީހަކަށް ޘަވާބު ލިބިލިބި ހުންނާނެ ކަންކަމެވެ. 

ކަންމިހެން އޮތްނަމަވެސް ގިނަބައަކަށް ސަމާލުކަން ދެވެނީ ދުނިޔަވީ ފައިދާއަށް މަޝްހޫރުވުމަށެވެ. މިއީ ކޮންމެ މީހަކުވެސް ވިސްނައިލުން މުހިންމު ކަމެކެވެ. ދުނިޔޭގައި ހޭދަކުރަން މިލިބެނީ ވަރަށް ކުރު މުއްދަތެކެވެ. މަރުވުމުން ދެން އޮތް ހަޔާތަކީ ނިމުމެއްވާ ޙަޔާތެއް ނޫނެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަންވީ ނުނިމޭނެ ޙަޔާތް ކާމިޔާބުކުރުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން