ހަމައެކަނި ފަރުޟާ ވާޖިބު އަދާކުރުމަކުން ނުފުދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ހަމައެކަނި ފަރުޟާ ވާޖިބު އަދާކުރުމަކުން ނުފުދޭނެ!

ބައެއް މީހުންނަށް އަދިވެސް ވިސްނެނީ ސުންނަތަށް ޢަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ނޫން ކަމަށެވެ. އެއީ އެކަމުގެ ޙުކުމް ރަނގަޅަށް ނުއެނގޭތީއެވެ. ކީރިތި ޤުރްއާން ކިޔެވި ނަމަވެސް މާނަ ހިތަށް ނުވެއްދޭތީއެވެ.  

"މިހުރީ ﷲ ތަޢާލާއަށް އީމާންވެގެންނެވެ! ސުންނަތަށް ޢަމަލުކުރަންޖެހޭ ހެއްޔެވެ؟" މިސުވާލު ބައެއް ފަރާތްތަކުން ކުރަމުން ގެންދާތީ ޖަވާބުގައި ބުނެލަމެވެ. ކީރިތި ޤުރްއާނުގެ  އަލްއަޢްރާފް ސޫރަތުގެ 157 ވަނަ އާޔަތް ހިމެނޭ ލިޔުން ކިޔާލާށެވެ. ޖަވާބުލިބޭނެކަމަށް އުންމީދުކުރަމެވެ.   

ކީރިތި ޤުރުއާނާއި ރަސޫލް ()ގެ ސުންނަތަކީ ވަކި ނުކުރެވޭނެ ދެއެއްޗެއްކަން ޔަޤީންކުރަން ބޭނުން މީހާ ފުރަތަމަ މިއާޔަތަށް ވިސްނައިލާށެވެ!  

"އެއުރެންނީ، އުއްމިއްޔަ ނަބިއްޔާ ކަމުގައިވާ ރަސޫލާއަށް ތަބަޢާވާ މީހުންނެވެ. އެ ރަސޫލްއާއި، އެއުރެންގެ ގާތުގައިވާ ތައުރާތާއި އިންޖީލުގައި (ރަސުލާގެ ސިފަފުޅުތައް) ލިޔެވިގެންވާތީ، އެއުރެންދެކޭ ރަސޫލްއެވެ. އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލް ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމްކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށްހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ. ފަހެ، އެކަލޭގެފާނަށް އީމާންވެ ، އެކަލޭގެފާނަށް ވާގިވެރިވެ، ނަޞްރު ވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބަޢަވީ މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ." (އަލްއަޢްރާފް: 157) 

(މިއާޔަތުގައި އެކަލޭގެފާނަށް އީމާންވުމުގެ މާނައަކީ ރަސޫލް ()ގެ ބަސްފުޅުތައް ޤަބޫލުކުރުމެވެ.)  

ރަސޫލް () ކުރެއްވެވީ ކޮން ކަމެއް؟ އިތުރު އެކަލޭގެފާނު () ކުރެއްވެވި ކަމަކީ: "އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލް ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމްކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށްހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ."  

ދެން ނިކަން ބުނެބަލާށެވެ! ސުންނަތުން އެއްވެސް ކަމެއް ދޫކޮށްލެވެން އެބަ އޮތް ހެއްޔެވެ؟ ޙަދީޘްފުޅުތަކުން އެންމެ ޙަދީޘްފުޅަކަށްވެސް ޢަމަލު ނުކޮށްވާން އެބަ އޮތް ހެއްޔެވެ؟ އިންކާރު ކުރެވޭނެ ކަމެއް އެބަ އޮތް ހެއްޔެވެ؟  

ދިންނަވާނީ ކޮން ބައެއް؟ "އެކަލޭގެފާނަށް އީމާންވެ ، އެކަލޭގެފާނަށް ވާގިވެރިވެ، ނަޞްރު ވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބަޢަވީ މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ."  

"އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބަޢަވުމަކީ" ކީރިތި ޤުރްއާނަށް އަމަލުކުރުމެވެ.  

މިފަދައިން ބަޔާން ކުރައްވަވާފައިވާ އެތައް އާޔަތްތްކެއް ކީރިތި ޤުރުއާނުގައި އެބަހުއްޓެވެ. ކިޔަވާށެވެ! މާނައަށް ވިސްނާށެވެ! ސުންނަތާއި އިސްލާމް ދީނާއި ވަކިކުރަން ކުރަމުން އެގެންދާ ޖާހިލު މަސައްކަތްތަކުން ސަލާމަތްވެ ތިބެވޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން