ގަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލައިފާސްކުރުމުގެ މަސައްކަތާގުޅޭ އަދާހަމަ ހާމަކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ގަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލައިފާސްކުރުމުގެ މަސައްކަތާގުޅޭ އަދާހަމަ ހާމަކޮށްފި

ގަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލައިފާސްކުރުމުގެ މަސައްކަތާ ގުޅޭ އަދާހަމަ ހާމަކޮށްފިއެވެ.

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ކަމުގެ ޝަކުވާ ހުށަހެޅުމަށް ވުޒާރާއިން ނޮވެންބަރު 27 ގައި ކުރެުނު އިޢުލާނާ ގުޅިގެން، ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި އެ ވުޒާރާ ހިމެނޭހެން ޤައުމީ ފެންވަރުގައ ި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯހުން ވިޔަފާރިތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި، އަދި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުދޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ބިދޭސީ ވިޔަފާރިތައް ހުއްޓުވުމާއި، އަދި ޤާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމެވެ.

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނާ ގުޅޭ މަޢުލޫމާތު ރިޕޯޓުކުރުމަށް ކުރި އިޢުލާނާ ގުޅިގެން މިހާތަނަށް 125 ރިޕޯޓެއް ވަނީ ލިބިފައެވެ. މިގޮތުން 20 ކެފޭ، 12 ރީޓެއިލް އައުޓްލެޓް، 2 ގަރާޖު އަދި 1 ގެސްޓްހައުސް ހިމެނޭހެން ޖުމުލަ 35 ތަނެއް އިންސްޕެކްޓްކުރެވި 11 ވިޔަފާރިއެއް ވަނީ ބަންދުކުރެވިފައެވެ. ވިޔަފާރި ބަންދުކުރުމަށް ނޯޓިސްތައް ދީފައިވާ ސަބަބުތަކުގެ ތެރޭގައި، ވިޔަފާރީގެ ކުރުމުގެ ހއުްދަ ނެތުމާއި އަދި ދުންފަތުގެ ބާވަތް ވިއްކުމުގެ ހުއްދަ ނެތުން ހިމެނެއެވެ.

މީގެ އިތުރުން ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ދެނެގަތުމަށް ތަޙުޤީޤީ އިދާރާތަކާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.

ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ދެމެދު 3333199 އަށް ގުޅުއްވައިގެން ނުވަތަ ވުޒާރާގެ ވެބްސައިޓު trade.gov.mv މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ރިޕޯޓުކުރެވޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީން އިލްތިމާސްކުރަނީ ރިޕޯޓުކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން، ތަފްސީލް އަދި ސައްހަ މަޢުލޫމާތު އާންމުން ފޯރުކޮށްދިނުމެވެ. އަދި މިހާތަނަށް އާންމުންގެ ފަރާތުން ލިބިފައިވާ އެއްބާރުލުމަށް، މި ވުޒާރާއިން ޝުކުރު ދަންނަވަމެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، ގަވާއިދުތަކަށް ޢަމަލުކުރާކަން ކަށަވަރުކޮށް، ޤާނޫނާ ޚިލާފު ހަރަކާތްތައް ހުއްޓުވައި، ރާއްޖޭގައި ިވޔަފާރިތައް ހިންގުމަށްޓަކައި އިންސާފުވެރި އަދި ވާދަވެރި ވިޔަފާރީގެ މާހައުލެއް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އަރުވަމެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން