ގދ. ތިނަދޫ ސިޓީއަށް ރޭގެ ވަގުތެއްގައި ބޯކޮށް ވާރޭ ވެހި، ގިނަ އަދަދެއްގެ ގެތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ތިނަދޫ ސިޓީގެ މޭޔަރ ސަޢުދު ޢަލީ ވިދާޅުވެއްޖެ އެވެ. ރެއިން ފެށިގެން މިއަދު ހެނދުނު 8:30 އާ ހަމައަށް އެ ސިޓީއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ގިނަ ގެތަކަށް ފެން ވަދެ ބައެއް ގެތަކުން ކަރަންޓް ވެސް ކެނޑިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރ ސަޢުދު ޢަލީ ވިދާޅުވީ، ވިއްސާރާގައި ގިނަ އަދަދެއްގެ ގެތަކަށް ފެން ވަދެ، އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ އެރަށުގެ ދެކުނު އަވަށަށް ކަމަށްވިޔަސް، އުތުރު އަވަށަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެންބޮޑުވުމާއި ގުޅިގެން މިހާރު ތިނަދޫ ސިޓީގެ ހާލަތު އަދި އާއްމު ހާލަތަކަށް އައިސްފައި ނުވާ ކަމަށް މޭޔަރ ވިދާޅުވިއެވެ. އެރަށުގައި ފެން ހިންދުމުގެ މަސައްކަތް މިހާރު ދަނީ ފުލުހުންނާއި، އެމްއެންޑީއެފްގެ އިތުރުން އާންމު ރައްޔިތުން ގުޅިގެން ކުރިއަށް ގެންދަމުންނެވެ. އަދި މި ވިއްސާރާގައި ސިޓީއަށް ލިބިފައިވާ ގެއްލުންތަކުގެ އެސެސްމެންޓް ހެދުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.