ޒަކާތުގެ ޙައްޤުދާރުންނަށް ޚާއްސަކޮށްގެން ތަޢާރަފު ކުރާ "ޒަކާތު ބެނެފެޝިއަރީ ކާޑް" އަންނަ ޖަނަވަރީ މަހު އިފްތިތާޙު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މި ކާޑަކީ ޒަކާތު ހައުސްއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ތަޢާރަފު ކުރާ ޒަމާނީ ނިޒާމެކެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ، މި ކާޑު އުފެއްދުމުގެ މައިގަނޑު މަޤުސަދަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާ ޙަވާލުކުރެއްވި މުހިންމު މަސްއޫލިއްޔަތެއް ކަމުގައިވާ ފަޤީރު ކަމުގައި ތިބި ފަރާތްތައް ތަނަވަސް ހާލަތަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުން ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ކާޑުގެ އެންމެ މުހިންމު ބޭނުމަކީ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ ނިޒާމު ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް، ފަސޭހަކޮށްލުމެވެ. މި ކާޑުގެ ޒަރީޢާއިން އެއީ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ މީހެއްކަން ދެނެގަނެވޭނެކަމަށާއި، ޒަކާތުގެ އެހީތެރިކަން ފޯރުކޮށްދިނުން މިހާރަށްވުރެ ފަސޭހަވެގެންދާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޒަކާތުގެ އެހީ ފޯރުކޮށްދޭނެ ގޮތުގެ މިސާލެއް ދެއްވަމުން ވަޒީރު ވިދާޅުވިއެވެ. "މިކާޑު އޮތީމަ އޭނާއަކީ، ކާކުކަން ދެނެގަނެވޭނެ. އެހެންވެ އޭނައަށް ލިބިދޭންޖެހޭ އެހީ، ޒަކާތު ހައުސްއިން އޭނައަށް ދޭ އެހީ އެކާޑުން އޭނައަށް ޕޭ ކުރެވޭނެ. މިސާލަކަށް ރަމަޟާން މަހުގައި އަޅުގަނޑުމެން ފަޤީރު މީހާއަށް މިދިނީ ކާބޯތަކެތި. އެ ކާބޯތަކެތީގެ ބަޖެޓަށް އެމީހަކަށް ކަނޑައަޅާފައި މިއޮތީ މިސާލަކަށް 5000 ރުފިޔާ. މި ރުފިޔާއާ ހަމައަށް ކަނޑައެޅިފަ ހުންނަ ފިހާރަތަކަކުން އޭނާއަށް ކާބޯތަކެތި ގަނެވޭނެ."
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، މި ނިޒާމުގެ ސަބަބުން ފަޤީރުން އެހީ ހޯދުމަށް އޮފީސްތަކަށާއި ތަންތަނަށް ހިނގަންޖެހޭ މިންވަރު މަދުވެ، ޚިދުމަތްތައް ފަސޭހަކޮށް ލިބިދޭނެ ކަމަށެވެ. މި ކާޑު ބޭންކުތަކުން ދޫކުރާ ވިސާ ކާޑުތަކާ އެއްފަދައިން ބަލައިގެން، ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް ބީއެމްއެލްއާ ގުޅިގެން ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަންނަ ޖަނަވަރީ މަހު މި ކާޑު ރަސްމީކޮށް ތަޢާރަފު ކުރެވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.