މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަކޮށްގެން، ވަގުތީ ޕާކިންގ ޒޯނެއް އާންމުންނަށް ހުޅުވާލައިފިއެވެ. މި ޕާކިންގ ޒޯން ގާއިމުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ އޮޅުހިޔާއާ ޖެހިގެން ހުސްކޮށް އޮންނަ ސަރަހައްދުގައެވެ. މި ޕާކިންގ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީންއެވެ. މި މަސައްކަތަކީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
މި ޕާކިންގ ޒޯންއަކީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ޕާކުކުރުމަށް ހުޅުވާލެވޭ ޖާގައެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ. މި ސަރަހައްދުގައި 1200 އަށްވުރެ ގިނަ ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމުގެ ގާބިލިއްޔަތު ލިބިގެންވެއެވެ. ނަމަވެސް މި ޕާކިންގައި ޕާކު ކުރެވޭނީ ހަމައެކަނި 4 ފުރޮޅުލީ އުޅަނދުތަކަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، ވެހިކަލްތައް ޕާކު ކުރާނެ ތަނެއް ނެތިގެން މަގުތަކާއި އާންމުން އެއްވާ ތަންތަނުގައި އުނދަގޫވާ ގޮތަށް ވެހިކަލްތައް ޕާކުކޮށްފައި ހުންނަ މައްސަލަ ހައްލުކުރުމަށް މި ޕާކިންގ ޒޯން އެހީތެރިވެދޭނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ޕާކިންގ ޒޯންއާއިއެކު މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ.
ވަޒީރު އަމީން އިތުރަށް ވިދާޅުވީ، މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނީ، ޕާކިންއަށް ހުޅުވާލާފައިވާ ސަރަހައްދުތަކުގައި އާންމުން ޕާކު ކުރުމުން ކަމަށެވެ. އެހެންކަމުން، މި އާ ޕާކިންގ ސަރަހައްދުގައި ޕާކު ކުރެވޭ އުޅަނދުތައް އެތަނުގައި ޕާކު ކުރުމަށް އާންމުންގެ ކިބައިން ވަޒީރު ވަނީ އެދިވަޑައިގެންފައެވެ. މި ވަގުތީ ހައްލަކީ މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ކުޑަކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.