ކާޑުލިމިޓްގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ބޭނުންކުރާކަން ފާހަގަކުރޭ: ބީއެމްއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 36ސ
ކާޑުލިމިޓްގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ބޭނުންކުރާކަން ފާހަގަކުރޭ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކާޑުލިމިޓްގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ، އަމިއްލަ ކާޑު އެހެން ފަރާތްތަކުން ފައިދާ ނެގުމުގެ ފުރުސަތު ނުދިނުމަށް ބީއެމްއެލް އިން އިލްތިމާސްކޮށްފިއެވެ.

ބޭންކުން މިކަން ފާހަގަކޮށްފައި މިވަނީ، ނޮވެމްބަރު 11 އިން ފެށިގެން ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓްކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ އަދަދު ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބަލައި އިތުރުކޮށްދިނުމަށްފަހުގައެވެ. މި ބަދަލާއެކު ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓް، ހޮޓެލް ބުކިންގ އަދި ޞިއްހީފަރުވާ އަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާއި ހަމަޔަށް ލިމިޓް ކަނޑައެޅިފައިވެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި، މި ލިމިޓްތައް ނަހަމަގޮތުގައި ބޭނުންކުރާކަން ބޭންކަށް ފާހަގަކުރެވިފައިވެ އެވެ. މިގޮތުން ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް ނަންގަވާފައިވާ ކާޑުތައް، އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ދިނުން ފާހަގަކުރެވިފައިވެ އެވެ. މީގެ ތެރެއިން އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް، ބޭރުފައިސާ ހޯދުމަށްޓަކައި ވަކި މާޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްގެން މުޢާމަލާތްތައް ހިންގިކަން ވަނީ ފާހަގަކުރެވިފަ އެވެ. އަދި ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަށް ޓިކެޓް އަދި ހޮޓެލް ބުކިންގއަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރުން ވެސް ހިމެނެ އެވެ.

ބޭންކުން ހަނދާންކޮށްދީފައިވާ ގޮތުގައި، މިގޮތަށް ތިންވަނަ ފާރަތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ހިލާފު އަމަލެކެވެ. ޕަރސަނަލް ކާޑުން ބޭރުގެ މުޢާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ ހަމައެކަނި ކާޑުގެ ވެރިފަރާތުގެ އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެކެވެ. މިފަދަ މުޢާމަލާތްތަކަކީ އާންމުކޮށް ފައިސާގެ މުޢާމަލާތް ހިންގުމުގެ އުސޫލުތަކާ ހިލާފު މުޢާމަލާތްތަކަށްވާތީވެ، ކުރިޔަށް އޮތްތާނގައި މިފަދަ މުޢާމަލާތްތައް ބަލައި، ފިޔަވަޅު އެޅުމަށްޓަކައި ކަމާބޭހޭ ފަރާތްތަކަށް ހުށަހަޅަމުންގެންދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

މިފަދަ ނަހަމަ ބޭނުންތައް ހުއްޓުވުމަށްޓަކައި، ބޭންކުން ވަނީ އިންޒާރު ދީފައެވެ. އެގޮތުން، މިގޮތަށް ބޭނުން ކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި އެފަދަ މާރޗެންޓްތަކުގައި މުޢާމަލާތް ނުކުރެވޭގޮތް ހެދުންފަދަ ފިޔަވަޅުތައް ބޭންކުން އަޅަންޖެހިދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ބޭންކުން ބުނާގޮތުގައި، ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ބޭރުފައިސާ ވިއްކޭ އަދަދު ބޮޑުކުރީ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމުގެ ބޭނުމުގައެވެ. އެހެންކަމުން، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ދެވޭނީ، ނަހަމަގޮތުގައި ކާޑު ބޭނުންކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެން ކަމަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިއަދު އޮންލައިން