ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބައެއް ބަދަލުތައްގެނެސް ވީހާވެސް ގިނަ ރައްޔިތުންނަށް ގޯއްޗާއި ފެލްޓަށް ކުރިމަތިލެވޭނެގޮތް ހަދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބައެއް ބަދަލުތައްގެނެސް ވީހާވެސް ގިނަ ރައްޔިތުންނަށް ގޯއްޗާއި ފެލްޓަށް ކުރިމަތިލެވޭނެގޮތް ހަދަނީ

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބައެއް ފަހި ބަދަލުތައް ގެންނަވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ، ބޭނުންފުޅަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ގޯއްޗާއި ފްލެޓަށް ކުރިމަތިލެވޭނެ ފުރުޞަތު ފަހިކޮށްދިނުންކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި، ރައްޔިތުންގެ ފަރާތުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މިންވަރު ހާމަކޮށް ފާޅުކުރި ޝުއޫރުތަކާއި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކަލާފާނު ސްކޫލުގައި ބޭއްވި މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ފަރާތުން ވަނީ ބޯހިޔާވަހިކަން ނެތުމުގެ ސަބަބުން އަހަރުތަކެއް ވަންދެން އާއިލާތަކުން ތަހަންމަލުކުރަމުންދާ ދަތި އުނދަގޫތައް ޙިއްސާކުރައްވާފައެވެ.

ޚާއްޞަކޮށް، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލާއިރު ބައެއް އާއިލާތަކުގެ ހާލަތު ހުންނަ ގޮތުން ޝަރުތުތައް ފުރިހަމަނުވެގެން ދިމާވާ ދަތިތައް ރައްޔިތުން ވަނީ ފާހަގަކުރައްވާފައެވެ. މިކަމަށް އިޝާރާތްކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ، ފްލެޓާއި ގޯތި ދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ތަކުލީފުތައް ކުޑަކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، މާލެ ކައިރިން އެފަދަ މަޝްރޫއުތައް ހިންގަން ކަނޑައަޅާފައިވާ ބިންތައް ހިއްކުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށްވެސް ރައީސް މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި ބަދަލުތަކާއެކު، ބޯހިޔާވަހިކަމުގެ ސްކީމްތަކުން ލިބޭ ފައިދާ ފުޅާވެ، އިތުރު ރައްޔިތުންނަށް އެ ފުރުސަތުތައް ހުޅުވިގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން