މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ނިންމާލައިފި

މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ނިމިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މި ދަފްތަރު އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ، އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި މަސްވެރިން ކަނޑައެޅުމެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ދަފްތަރު އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވައިގެން މަސްވެރިންނަކީ ދައުލަތުން ބަލައިގަންނަ ބައެއްގެ ގޮތުގައި ހެދުމަށް ފެށްޓެވި މުހިންމު މަސައްކަތެއްކަމަށެވެ. މަސްވެރިންގެ ޤައުމީ ދަފްތަރު އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މި މަސައްކަތް މިހާރު ނިމިފައިވާކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

މިސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ މަސްވެރިންގެ ޤައުމީ ދަފްތަރުގެ އިތުރުން ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސަވާނޭކަމަށް ވިދާޅުވެފައެވެ. މިއީ މަސްވެރިކަމުގެ ދާއިރާގެ ހުރިހާ ބައިތަކެއްގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، ދަފްތަރު އެކުލަވާލުމުގެ މައިގަނޑު މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އިތުރަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކާއި އަލަށް މަސްވެރިކަމަށް ނިކުންނަ ފަރާތްތައް ރަޖިސްޓްރީކުރުމުގެ މަސައްކަތްކަމަށެވެ. މި ދަފްތަރުގެ ސަބަބުން މަސްވެރިންނަށް ލިބޭ އިޖްތިމާޢީ އަދި އިޤްތިޞާދީ ފައިދާތައް އިތުރުވެގެންދާނެކަމަށް ވުޒާރާއިން އުންމީދުކުރެއެވެ.

މިއަދު އޮންލައިން