ފުލުހުންގެ އެޕްލިކޭޝަން "ޕޮލިސް އެމްވީ" އަލުން އިފްތިތާޙުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ފުލުހުންގެ އެޕްލިކޭޝަން "ޕޮލިސް އެމްވީ" އަލުން އިފްތިތާޙުކޮށްފި

އައު ޚިދުމަތްތަކާއި ފީޗަރސްތަކާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ އެޕްލިކޭޝަން ކަމަށްވާ "ޕޮލިސް އެމްވީ" މިއަދު އަލުން އިފްތިތާޙުކޮށްފިއެވެ. މި އެޕްލިކޭޝަން އަދާހަމަކޮށްފައިވަނީ، ފުލުހުންގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބިގަނެވޭނެ ގޮތަށާއި، ޚިދުމަތަށް އެދެވޭނެ ގޮތަށެވެ. މި އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، "ޕޮލިސް އެމްވީ" އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ، އީފާސް މެދުވެރިކޮށް ލޮގިންވެވޭ ގޮތަށް، މޯލްޑިވްސް 2.0 އުސޫލުތަކާ އެއްހަމަކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތުގެ ދުވެލި ހަލުވިވާނެ ގޮތަށެވެ. މިކަމުގެ ސަބަބުން މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވި، ޚިދުމަތްތައް ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަލަށް ތަޢާރަފުކުރެވުނު ޚިދުމަތްތަކުގެ ތެރޭގައި މައްސަލަ ހުށައެޅުމާއި، ތަހުޤީޤު ކުރާ މައްސަލަތަކާ ގުޅޭ ހެކި ހުށަހެޅުމުގެ ފުރުސަތު ހިމެނެއެވެ. މީގެ އިތުރުން، ދިރިއުޅޭ ވެށީގައި ހިނގާ ކުށްތަކުގެ މަޢުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް ރިޕޯޓް ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ. މައްސަލަ ތަޙުގީގު ކުރާ އޮފިސަރުގެ މަޢުލޫމާތާއި، އެފަރާތާއި ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއްވެސް އެޕްލިކޭޝަންގެ ތެރެއިން ފަހިވާނެއެވެ.

އެޕްލިކޭޝަނަށް އިތުރުކުރެވުނު މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަށް ނުވަތަ ބަންދުގައިވާ މީހެއްގެ ޤާނޫނީ ވަކީލަކަށް އައްޔަންވުމަށް އެދި އޮންލައިންކޮށް އެޕްލައި ކުރުމުގެ ޚިދުމަތް ހިމެނެއެވެ. އަދި ގެއްލިގެން ރިޕޯރޓް ކޮށްފައިވާ ތަކެއްޗާއި، ޓޯކޮށްފައިވާ އުޅަނދުފަހަރުގެ މަޢުލޫމާތާއި، ފުލުހުންނާއެކު ކޮށްފައިވާ އެކިއެކި މުޢާމަލާތްތަކާއި ހުށަހަޅާ ސިޓީތަކުގެ އަދާހަމަ މައުލޫމާތުތައް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.

މީގެ އިތުރުން ޕޮލިސް ސެޓްފިކެޓް އަދި ރެކޯޑް ކްލިއަރެންސް ފަދަ ޚިދުމަތްތަކަށް އޮންލައިންކޮށް އެޕްލައި ކުރުމުގެ ނިޒާމް މި އެޕްލިކޭޝަން މެދުވެރިކޮށް އިތުރަށް ހަރުދަނާކޮށްފައިވެއެވެ. މިގޮތުން، މި ސެޓްފިކެޓްތައް ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ޑައުންލޯޑް ކުރެވޭނެ ގޮތް ވަނީ ޤާއިމުކޮށްފައެވެ. މި އަދާހަމަކުރުމުގެ ސަބަބުން ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް ލިބިގަތުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން