ބިރުގަތުމަކީ އިންސާނުންގެ ކިބައިގައި ހުންނަންޖެހޭވެސް ސިފައެކެވެ. މައްސަލައަކަށްވެގެން މިއުޅެނީ ބިރުގަންނަން ނުޖެހޭ ކަންކަމަށް ބިރުގަނެވޭތީއެވެ. ތިމާ ފަދަ އެހެން މީހުންދެކެ ބިރުގަނެވޭތީއެވެ. ނިކަން ބުނެބަލާށށެވެ! ތިމާ ފަދަ އެހެން މީހަކު ދެކެ ބިރުގަންނަން ޖެހެންވީ ކީއްވެގެން ހެއްޔެވެ؟
ކަން އޮތްގޮތް އެނގޭއިރުވެސް މިހާރަކަށް އައިސް އަބަދުހެން މިފެންނަނީ ގިނަ ބައަކު ކޮންމެވެސް މީހަކު ދެކެ ނުވަތަ ކޮންމެވެސް ބައަދު ދެކެ ނުވަތަ ކޮންމެވެސް ކަމެއް މެދުވެރިވެދާނެތީ ބިރުން އުޅޭތަނެވެ. ނަތީޖާއެއްގެ ގޮތުން ދިރިއުޅެން ކުރަންޖެހޭ ކަންކަން ނުކުރެވިގެން، ވަޒީފާ އަދާނުކުރެވިގެން އަދި އަޅުކަންވެސް ނުކުރެވިގެން އުޅޭތަން އެބަފެނެއެވެ.
ބުނަން ހެއްޔެވެ؟ ތިއަ ގަންނަ އެއްވެސް ބިރުގަތުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ފައިދާއެއް ނުކުރާނެ ތަނުގައި ދާނީ އިތުރު ގެއްލުންތައްވެސް ލިބެމުންނެވެ. ނިކަމެތިކަންވެސް އިތުރުވަމުންނެވެ. ހިތްދަތިކަންވެސް ބޮޑުވަމުންނެވެ.
ވިސްނާށެވެ! ތިބާގެ ގައަށް ހަރާލަން ހަންޖަރެއް ހިފައިގެން އައިނަމަވެސް އަދި އެހިފައިގެން އައީ ކިތަންމެ ބާރުގަދަ މީހަކު ނަމަވެސް އެމީހަކަށް އެކަން ކުރެވޭނީ ﷲ ތަޢާލާގެ އިޛްނަފުޅާއިއެކުގައެވެ. އިރާދަކުރައްވަވައިފިނަމައެވެ. ވަޒަންތައް ލޯޑުކޮށްފައި އޮތް ފިސްތޯލައެއް ޖަހަން އުޅުނަސްމެއެވެ.
އަދިވެސް ވިސްނާށެވެ! ﷲ ތަޢާލާ ކަމަކަށް އިރާދަކުރައްވަވައިފިނަމަ އެކަމަކުން ސަލާމަތްވުމަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ފިލަން ދެވޭނެ ތަނެއްވެސް ނުއޮންނާނެއެވެ. އެންމެބޯ ދަގަނޑު ދޮރުފަތްލީ ތިޖޫރީއަކަށްވަދެ ތަޅުލެވިގެން އޮތްނަމަވެސް ސަލާމަތެއް ނުވެވޭނެއެވެ.
އަހުރެމެން ކުރަން އޮތީ ހަމައެންމެ ކަމެކެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ބިރުގަންނަން ޖެހޭނެ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. އަދި ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތެއް ދެކެ ބިރުގަނެގެން ކުރާނެ ފައިދާއެއްވެސް ނެތެވެ.
މިވާހަކަ މިހައި ގިނައިން ދައްކަން މިޖެހެނީ ކޮންމެވެސް މީހަކު ދެކެ ނުވަތަ ކޮންމެވެސް ކަމެއް މެދުވެރިވެދާނެތީ އަބަދުހެން ބިރުވެރިކަމެއްގައި ތިބޭތީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން އުނދަގޫވާ ބައަކުވެސް އެބަ އުޅެއެވެ. ލިބިދާނެ ގެއްލުމަކާއިމެދު ހިތަށް ތަފާތު ވަސްވާސްތައް ވަންނަ މިންވަރު ގިންވެގެން ޛިކުރުކޮށް ނުލެވޭ މީހުންވެސް އެބައުޅެއެވެ. އަދި ހަނދާންނެތޭވަރުން ފިރިން، އަނބިން، ދަރިންގެ ވާޖިބުތައް އަދާކުރަން އުނދަގޫވާ މީހުންވެސް އެބައުޅެއެވެ.
އެންމެންނަށްވެސް ބުނެލަން އޮތީ ﷲ ތަޢާލާ ނޫން ފަރާތަކަށް ބިރުނުގަންނާށެވެ! ކޮންމެ ކަމެއްވެސް ކުރިމަތިވާނީ ﷲ ތަޢާލާ އިރާދަކުރެއްވެވުމުންކަން ޔަޤީންކޮށް ﷲ ތަޢާލާއަށް ވަކީލްކުރާ މީހަކު ކަމުގައިވާށެވެ. ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކޮށް ފުރިހަަމ ގޮތުގައި ވަކީލްކުރާ މީހަކަށް ވާށެވެ. އެގޮތް ނޫން އެއްވެސް ޙައްލެއް ބިރުގަތުމަކަށް ނުވެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން