ކާމިޔާބު ދިރިއުޅުމަކަށް އެދިގެން މަސައްކަތްކުރާނަމަ ފުރަތަމަ ކަމަކަށްވެސް އިސްކަންދޭންވީ ތިން ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ކާމިޔާބު ދިރިއުޅުމަކަށް އެދިގެން މަސައްކަތްކުރާނަމަ ފުރަތަމަ ކަމަކަށްވެސް އިސްކަންދޭންވީ ތިން ކަންތައް-

ޒަވާޖީ ޙަޔާތުގެ ކުރިންވިޔަސް ޒަވާޖީ ޙަޔާތަށްފަހުގައި ކަމަށްވީނަމަވެސް ދިރިއުޅުމާއިގެން ކުރިއަށްދިއުމަށް އެންމެ ބޮޑަށް ހުރަސްއެޅޭ އެއްކަމަކީ މިވެނި ކަމެއް ތިމާއަށް ޙާޞިލް ނުކުރެވޭނެ ކަމަށް އަމިއްލައަށް ޤަބޫލުކުރެވުމެވެ. މިއީ އިންސާނަކަށް ލިބޭނެ އެންމެ ނުބައި އަދި ގެއްލުންހުރި ވިސްނުމެވެ. 

ދިރިއުޅުމާއިގެން ކުރިއަށް ދިއުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ. ވިސްނަން އޮތީ ހަމަ އެންމެ ކަމެކެވެ. އެކަމަކީ ދުނިޔޭގެ އެންމެން ދިރިއުޅޭނީ އެއްފެންވަރެއްގައި ނޫން ކަމެވެ. ކޮންމެ މީހަކަށްވެސް ދިރިއުޅެވޭނީ އެމީހަކު ލައްވަވާފައިވާ ފެންވަރުގައިކަމެވެ. 

މިޘާލަކަށް ކާރެއް ގަނެވޭނެ ފެންވަރު ނެތް މީހަކަށް ވަޤުތުން ކާރެއް ނުގަނެވިދާނެއެވެ. ނަމަވެސް ކާރެއް ގަތުމަކީ އަމާޒެއް ކަމަށް ކަނޑައަޅައިގެން ދިރިއުޅުން ކުރިއަށް ގެންދަން މަސައްކަތްކުރާނަމަ އެމީހަކަށް ކާރެއް ލިބުމުގެ ފުރުޞަތު އެބައޮތެވެ. ހަމައެފަދައިން އަމިއްލަ ފްލެޓެއްގައި ދިރިއުޅުމަކީ އަމާޒެއް ކަމަށް ކަނޑައަޅައިގެން ދިރިއުޅުން ކުރިއަށް ގެންދަން މަސައްކަތްކުރާނަމަ އެމީހަކަށް އަމިއްލަ ފްލެޓެއް ލިބުމުގެ ފުރުޞަތު އެބައޮތެވެ. 

ދިރިއުޅުމުގައި ކާމިޔާބީ ހޯދަން މަސައްކަތްކުރާނަމަ އެންމެ ފުރަތަމަ ކަމަކަށްވެސް އިސްކަންދޭންވީ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. 

- ކައިވެނިކުރުމަށްފަހު ދެމީހުން ލޯބިން ދިރިއުޅުމަށެވެ. ތަޤްވާވެރިކަން އިތުރުކޮށްގެން ދިރިއުޅުމަށެވެ.

- ދެމަފިރިން އެކުގައި ރޭއަޅުކަންކޮށް ދުޢާކުރުން ގިނަކުރުމަށެވެ.

- ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލްކުރަން ފައިސާ ޖަމާކުރުމަށްޓަކައި އިޝްރާފްކުޑަކޮށް ޚަރަދުތައް ކުޑަކުރުމަށެވެ. 

މި 3 ކަންތައް ކުރުމުގައި ދެމިތިބެއްޖެނަމަ އެދޭ ކަންކަން ޙާޞިލްކުރަން މަގުފަހިކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ

ނިންމާލަމުންވެސް ބުނާނަމެވެ. ދުނިޔޭގެ އެންމެންނަށް އެއްފެންވަރެއްގައި ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ މާތް ﷲ މީސްތަކުންނަށް ނިޢުމަތްތައް މިންވަރުކުރައްވަވަނީ އެކި ފެންވަރަށެވެ. ނިޢުމަތްތައް ދެއްވަވަނީ އެކި މިންވަރަށެވެ. އެކަން އެންމެންވެސް ޤަބޫލުކުރަންވާނެއެވެ. ނިޢުމަތްތަކަށް އެދިގެން މަސައްކަތް ކުރުމުން ކޮންމެ މީހަކަށްވެސް ނިޢުމަތްތައް ދެއްވަވާނެތެވެ. އިން ޝާ ﷲ 

މިޘާލަކަށް ކޮންމެ މީހަކަށް ބިލިއަނަރަކަށް ނުވެވިދާނެއެވެ. ނަމަވެސް އުފަލުގައި ދިރިއުޅެވޭނެ މަގު ތަނަވަސްކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން