ކުރަން އުޅުނު ފާފައެއް ނުކުރެވި ސަލާމަތްވިޔަސް ކިތަންމެ ކުޑަ ހެޔޮކަމެއް ކުރެވުނަސް ﷲ ޙަމްދުކޮށް ޝުކުރުވެރިވާ އަޅަކަށްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ކުރަން އުޅުނު ފާފައެއް ނުކުރެވި ސަލާމަތްވިޔަސް ކިތަންމެ ކުޑަ ހެޔޮކަމެއް ކުރެވުނަސް ﷲ ޙަމްދުކޮށް ޝުކުރުވެރިވާ އަޅަކަށްވާށެވެ!

އެއީ އަހުރެންގެ ޒުވާން ޢުމުރެވެ. ލޯބިވެރިއަކު ހުރެއެވެ. ގޭގެ އެންމެ ދިއަ ދަތުރަކު ނުގޮސް މަޑުކުރީ މަންމަމެން ދަތުރު ދިއުމުން ލޯބިވެރިޔާ ގެއަށް ގެނެސް ބައްދަލުކުރުމަށެވެ. އެހެންވެ ލޯބިވެރިޔާއަށް ވަރަށް އާދޭސްކޮށްގެން ގެއަށް ގެނުވީމެވެ. ޙަޤީޤަތުގައި އެކަންކުރީވެސް ފާފައެއް ކުރާކަށް ނޫނެވެ. ދެމީހުން އެކުގައި ވަޤުތުކޮޅެއް ހޭދަކުރުމުގެ ބޭނުމުގައެވެ.  

ލޯބިވެރިޔާ އާއި ދެމީހުން ބައްދަލުވުމުން ވިސްނުން ބަދަލުވިއެވެ. ގައިގައި އަތްލަން ބޭނުންވިއެވެ. ބައްދައިލަން ބޭނުންވިއެވެ. އެކަން ކުރުމުގެ ހިތްވަރު ލިބިގަންނަން މަސައްކަތްކުރަމުން ދަނިކޮށް މީހަކު ދޮރުގައި ޓަކިޖަހައިފިއެވެ. ހުޅުވިއިރު އަވަށްޓެރިއެކެވެ. މަންމަ ފަދަ އަންހެނެކެވެ. ބުނީ މިއައީ މަންމަ ބުނެފައި އޮތީމައި ގޭތެރޭގެ ކަންކަން ކޮށްލައިދޭން ކަމަށެވެ.  

ދެކޮޅު ހަދަން ބުނެވޭނެ ބަހެއް ނެތެވެ. އެހެންވެ މަރުޙަބާކީމެވެ. އެއްބަސްވެފައިވާ ވަޤުތު ހަމަވެގެން ލޯބިވެރިޔާ ދިއައިރުވެސް އެދައްތަ ގޭގައި އުޅެއެވެ. ލޯބިވެރިޔާ ދިއުމުން ކޮޓަރިއަށް ވަދެ 2 ރަކްއަތް ނަމާދެއްކުރީމެވެ. ޝުކުރުގެ ސަޖިދަވެސް ޖެހީމެވެ. އެއީ ކުރެވެން އުޅުނު ފާފައިން ސަލާމަތްކޮށްދެއްވެވިކަމަށްޓަކައެވެ.  

މިއީ އެކުވެރިއަކު ބުނި ވާހަކައެކެވެ. ރަނގަޅަށް އަޑުއަހާށެވެ!  

ތިމާއަށް ކިތަންމެ ކުޑަ ނަމަވެސް ހެޔޮކަމެއް ކުރެވިއްޖެނަމަ ﷲ ތަޢާލާއަށް ޝުކުރުވެރިވެ ޙަމްދުކުރަން އަވަސްވެގަންނަން ޖެހޭނެއެވެ. އެހެނީ އެކަން ކުރުމަށް ތިބާއަށް ވިސްނުން ލިބުނީ ﷲ ތަޢާލާ އެކަމަށް އިރާދަކުރެއްވެވުމުންނެވެ.  

ވިސްނާށެވެ! ހަމައެކަނި ހެޔޮ ޢަމަލެއް ނުކުރެވުމަކުން ނޫނެވެ. ކުރެވެން އުޅުނު ފާފައެއް ނުކުރެވުނަސް ޙަމްދުކޮށް ޝުކުރުވެރިވާންޖެހޭނެއެވެ. 

ނުބައި ޢަމަލުތައް ކުރެވުން ގިނަވެގެން އެދަނީ އެމީހާ ކުރާ ނުބައި ޢަމަލުތަކުގެ ސަބަބުން ﷲ ތަޢާލާ އެމީހަކަށް ފަރުދާވެވޮޑިގަންނަވާތީއެވެ. އެޙާލަތުގައި މިކުރެވެނީ ނުބައިކަމެއް ކަމަށް އެމީހަކަށް ނުވިސްނޭނެއެވެ. އަދި ނުބައި ކަންކަން ކުރަން ބިރެއްވެސް ނުގަންނާނެއެވެ.  

ވީމާ ކިތަންމެ ކުޑަ ނަމަވެސް ނުބައި ކަންކަން ނުކުރަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ފުރަތަމަ ކުރެވޭނީ ކުދިކުދި ފާފަތަކެވެ. އެކަމުގައި ދެމިހުރެއްޖެނަމަ ބޮޑެތި ފާފަތައް ކުރަން ޖެހިލުންވުން ކުޑަވެ ބޮޑެތި ފާފަތައް ކުރެވެން ފަށާނެއެވެ.  

ދޮގުބުނުން އާދަވަނީވެސް އެފަދަ ގޮތަކަށެވެ. ފުރަތަމަ ދޮގުބުނަން ފެށޭނީ ކުދިކުދި ކަންކަމުގައެވެ. ދުވަސްކޮޅަކުން ބޮޑެތި ކަންކަމުގައިވެސް ދޮގުބުނަން ފެށޭނެއެވެ. ބޮޑެތި ދޮގުތައް ހެދެން ފެށޭނެއެވެ. އެހިސާބުން ވައްކަންކުރުމާއި މަކަރުހެދުމަކީ އާދައަކަށްވެގެން ހިނގައިދާނެއެވެ. އެއްވެސް ބިރެއް ނެތި އެކަންކަން ކުރެވެން ފަށައިފާނެއެވެ.  

ކުރެވޭ ފާފައިގެ ކުޑަމިނަށް ނުބަލަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީވެސް ހަމައެއީއެވެ. މިކުރެވެނީ ކުޑަކުޑަ ފާފައެއް ކަމަށް ދެކެގެން ފާފަކުރަން ފަށައިފިނަމަ ދުވަސްކޮޅަކުން ބޮޑެތި ފާފަތައް ކުރަން ބިރުވެތިނުވެވޭނެތީއެވެ.  

އަހުރެމެންނަށް އޮތީ ކުރާ ކޮންމެ ޢަމަލަކީވެސް ހެޔޮ ޢަމަލަކަށް ހެދުމެވެ. ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް އެކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ޢަމަލެއްކަން ޔަޤީންކުރާނަމަ އެމީހަކަށް އަބަދުވެސް ކުރެވޭނީ ހެޔޮ ޢަމަލުތަކެވެ. ނުބައި އެއްވެސް ޢަމަލެއް ނުކުރެވޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން