އެކިއެކި ކަންކަން މެދުވެރިވެގެން ލަފާ ހޯދަން އަންނަ މީހުންނަށްބަލާއިރު ގިނަ ބައަކަށް ހެދިފައި އޮންނަ އެންމެ ބޮޑު އެއް ގޯހަކީ ކުރިމަތިވާ ކަންކަމާއި ގުޅިގެން މަޝްވަރާކުރަން ނުޖެހޭ، ނުވަތަ ފައިދާއެއް ނުކުރާނެ މީހުންނާއި މަޝްވަރާކުރެވޭ ކަމެވެ.
އެހެންވެ ބުނެލަން އޮތީ މީހުންނާއި މަޝްވަރާ ކޮށް ލަފާ ހޯދަން ޖެހޭ ކަންކަމުގައި މަޝްވަރާ ނުކުރުމަކީ ސްޓްރެސް އިތުރުވާ ކަމެކެވެ. މާނައަކީ ހިތަށް ނުތަނަވަސްކަން ލިބުން އިތުރުވާ ކަމެކެވެ. ހިތަށް ނުތަނަވަސްކަން ލިބުމުން ދާނީ މާޔޫސް ބައްޔާއި ދިމާއަށެވެ.
ނަމަވެސް ކަންކަމުގައި މަޝްވަރާ ކުރަންވާނީ އެކަމެއް ރަނގަޅަށް އެނގޭ އަދި ޢަމަލުކުރާ މީހުންނާއިއެވެ. މިޘާލަކަށް ދީނީ ކަންކަމުގައި މަޝްވަރާކުރަންވާނީ ދީން ރަނގަޅަށް އުނގެނިވަޑައިގެން ތިއްބެވި، ދީނަށް ޢަމަލުކުރައްވާ ޢިލްމުވެރިންނާއިއެވެ. ޖަމާޢަތުގައި ނަމާދުކުރައްވާ ޢިލްމުވެރިންނާއިއެވެ.
ބަހަނާތައް ދައްކައި ޖަމާޢަތުގައި ނަމާދުނުކުރާ މީހުންނަކީ ބަންގިއަށް ޢިޖާބަދޭ ބައަކަށް ނުވާތީއެވެ. ލޯފަން މީހާއަށް ބަންގީގެ އަޑު އިވޭނަމަ ޖަމާޢަތުގައި ނަމާދުކުރަން ކުރެއްވެވި ޙަދީޘްފުޅުން އެކަން އެނގިގެންދެއެވެ.
ދެން އޮތީ ޢާއިލީ މައްސަލަތަކެވެ. ޢާއިލީ މައްސަލަތަކުގައި މަޝްވަރާކުރަންވާނީ ކަމުގެ ތަޖުރިބާހުރި، ރިވެތި ގޮތުގައި ޢާއިލީ ދިރިއުޅުން ކުރިއަށް ގެންދާ މީހުންނާއިއެވެ. ކިތަންމެ ގާތް އެކުވެރިން ކަމުގައިވީނަމަވެސް ޢާއިލީ ދިރިއުޅުމުގެ މައްސަލަތައް ޙައްލުނުކުރެވޭ، މީހުންނާއި މަޝްވަރާކޮށްގެން ކުރާނެ ފައިދާއެއް ނެތެވެ. ލިބޭނީ ގެއްލުމެވެ.
ހަމަ އެއާއިއެކު ތިމާގެ ސިއްރުތައް ހިފަހައްޓައިދޭނެކަން ޔަޤީންކުރެވޭ މީހުންނާއި މަޝްވަރާކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިއީ ރުޤްޔާކުރަން ދިއުމުގައިވެސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ބައެއް މީހުންނަކީ އެއްވެސް ހިފެހެއްޓުމެއް ނެތި އެހެން މީހުންނަށް ވާހަކަތައް ކިޔައިދޭ މީހުންކަމަށްވާތީއެވެ. އެކަމުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވާނެތީއެވެ. ކަމުގެ އަޞްލަށް ބަލައިފިނަމަ މީހުންގެ ސިއްރުތައް ހާމަކުރުމަކީ އެއްވެސް މީހަކަށް ހުއްދަވެސް ކަމެއް ނޫނެވެ. ވީމާ އެފަދަ މީހުންނަށް ތިމާއަށް ކުރިމަތިވެފައިވާ މައްސަލަތައް ކިޔައިދިނުމަކީ އެކަމުގެ ނޭދެވޭ އަސަރު ކުރާކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން