ޙަޤީޤީ ފައިދާ ނުކުރާނެ ކަންކަމަށް ޚަރަދު ނުކޮށް އެއްކުރާނަމަ ބައިވެރިޔާ ގޮވައިގެން ދިރިއުޅޭނެ ފްލެޓެއް ގަންނަން އެޑްވާންސް 3 އަހަރުން އެއްކުރެވޭނެ މީހުން ވަރަށް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޙަޤީޤީ ފައިދާ ނުކުރާނެ ކަންކަމަށް ޚަރަދު ނުކޮށް އެއްކުރާނަމަ ބައިވެރިޔާ ގޮވައިގެން ދިރިއުޅޭނެ ފްލެޓެއް ގަންނަން އެޑްވާންސް 3 އަހަރުން އެއްކުރެވޭނެ މީހުން ވަރަށް ގިނަ!

މަސައްކަތްކުރަންކެރޭ ގިނަ ޒުވާނުންނަށް މިއަދު ލިބޭ މުސާރައަށް ބަލާއިރު ލިބޭ މުސާރައިން ތިމާއަށް ޙަޤީޤީ ފައިދާ ނުކުރާނެ ކަންކަމަށް ޚަރަދު ނުކޮށް އެއްކުރާނަމަ ބައިވެރިޔާ ގޮވައިގެން ދިރިއުޅޭނެ ފްލެޓެއް ގަންނަން އެޑްވާންސް ދެއްކޭނެ 3 އަހަރުން އެއްކުރެވޭނެ މީހުން ވަރަށް ގިނައެވެ. 

އަހުރެން މިހެން މިބުނަނީ ކޮފީއަށާއި ސިގިރޭޓް ފަދަ ކަންކަމަށް ދުވާލަކު 300 ރުފިޔާއަށްވުރެ މާގިނައިން ޚަރަދުކުރާ ޒުވާނުން ގިނަވީމައެވެ. އެއީ މަހަކަށް 9000 ރުފިޔާއެވެ. އަހަރަކަށް އެއް ލައްކަ އަސްހާސް ރުފިޔާއެވެ. 3 އަހަރަށް ބަލައިފިނަމަ ތިން ލައްކަ ސައުވީސްހާސް ރުފިޔާ ވީމައެވެ. މިއަދަދަށް އަތުގައި ހުރިނަމަ ދެން އިތުރަށް ކޮންމެވެސް ވަރެއް ބޭނުންވިޔަސް މީހަކަށް އާދޭސް ނުކުރިޔަސް ބޭންކުންވެސް ދޭނެތީއެވެ.    

ހަރުބަހެއްގައި ބުނެއެވެ. "ކޮކާ ހިފަން ފަހަތުން ނުދުވާށެވެ! ކޮކާ އުދުހި ދުރަށްދާނީއެވެ. އެކަމަކު ތިބާ ރީތި މައު އަޅާ ބަގީޗާގަސްތަކެއް ހައްދައިފިނަމަ ކޮކާތައް ތިބާ ގާތަށް އަންނާނެއެވެ." 

މިބަސް އަމިއްލަ ދިރިއުޅުމަށް ބަދަލުކޮށްލާށެވެ! ރީތި އަންހެނުން ނުވަތަ ފިރިހެނުން ހޯދަން އެމީހުންގެ ފަހަތުން ނުދުވާށެވެ! ތަޤްވާވެރިކަމާއި ރިވެތި އަޚްލާޤްގެ ވެރިއަކަށް ވެއްޖެނަމަ ތިބާ ބޭނުންވެގެން ތިއައުޅޭ އަންހެނުން، ފިރިހެނުން ތިބާގެ ފަހަތުން އަންނާނެއެވެ. 

ވީމާ އޮތީ ކޮފީތަކަށް ގޮސް އާވާރާއެއް ފަދައިން އުޅުމެއް ނޫނެވެ. ފިރިހެނުންނަށް އޮތީ ހަރުދަނާ މީހަކަށްވެ ފައސާ އިޝްރާފްނުކޮށް ލިބޭ މިންވަރަކުން ތަނަވަސްކަން އިތުރުކޮށް ހަރުދަނާ ދިރިއުޅުމެއް އުޅެން މަސައްކަތްކުރުމެވެ. އަންހެނުންނަށް އޮތީ އެންމެންގެ ތުންފުއްސަކަށްވެ އަގުވައްޓާނުލައި ގޭގައި އިނުމެވެ. ޙަޔާތް އުފާވެރިކޮށްދޭނެ ބައިވެރިޔާ އައިސް ތިބާގެ އަތުގައި ހިފާނެއެވެ. އިން ޝާ ﷲ 

ހަރުދަނާ ބައިވެރިއަކު ލިބުން ގާތީ އެމީހަކު ހަރުދަނާވީވަރަކުންނެވެ. ހަރުދަނާ މީހުން އިތުބާރުކުރާނީ ޒީނަތްތެރިކަމަށާއި ދެއްކުންތެރިކަމަކަށް ނޫނެވެ. އެމީހަކުގެ ކިބައިގައި ހުންނަ ހަރުދަނާ ސިފަތަކަށެވެ. 

މިހާރަކަށް އައިސް ގިނައީ މިކަންކަމަށް ނުވިސްނައި ހިތްއެދޭހައި ގޮތަކަށް އުޅޭ މީހުންނެވެ. ވީމާ އެމީހުންނަށް ހަރުދަނާ ބައިވެރިން އޮންނަނީ ނުލިބިފައެވެ. ގިނަފަހަރު ލިބެނީ ހަމަ އެމީހާ ފަދަ ބައިވެރިންނެވެ. އެއީ އެކަންވާނެވެސް ގޮތެވެ. އެކަން ބަދަލުކުރުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން