މުޅި ޤައުމުގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބިދޭސީންގެ ދުޅަހެޔޮކަން ޔަގީންކުރަންޖެހޭ ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު ހާމަކުރެއްވީ، އާންމު ސިއްޙަތުގެ ދާއިރާއިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "އާންމު ސިއްޙަތުގެ ހެލްތު ކޮންފަރެންސް" ގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން ކޮންމެ ހަތަރު މީހަކުން އެކަކީ ބިދޭސީއެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އުޅޭއިރު، މުޅި ޤައުމުގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ބިދޭސީންގެ ސިއްޙީ ދުޅަހެޔޮކަން ޔަގީންކުރުން މުހިއްމުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ބިދޭސީންގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މުހިއްމުކަން އިތުރަށް ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ، ބިދޭސީންގެ ނިސްބަތުން ގިނައީ އަވައްޓެރި ޤައުމުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ. "ރާއްޖޭގައި ނެތް ނުވަތަ ނައްތާލެވިފައިވާ ބަލިތައް އެޤައުމުތަކުގައި އުޅޭއިރު، ރާއްޖެއަށް އަންނަ ބިދޭސީންގެ ސިއްޙީ ދުޅަހެޔޮކަން މުހިއްމު." ވަޒީރު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ހުރިހާ މުވައްސަސާއެއް ގުޅިގެން މިއަދު ބިދޭސީންގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތް ނުކުރެވިއްޖެނަމަ، އާންމު ސިއްޙަތުގެ ދާއިރާއިން ބޮޑު ޗެލެންޖަކާއި ކުރިމަތިލާންޖެހިދާނެ ކަމަށެވެ. ވުމާއެކު، ޤައުމީ ފެންވަރުގައި ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބިދޭސީ މަސައްކަތްތެރިންގެ ސިއްޙީ ހާލަތު ރަނގަޅުކުރުމަށް އިސްކަންދިނުމަކީ ވަރަށް ބޮޑަށް ބޭނުންތެރި ކަމެއްކަން ވަޒީރުގެ ވާހަކަފުޅުން ހާމަވިއެވެ.