މިއީ ބިރުހުރިކަމެއް! ބައިވެރިޔާއަށް ނަމަވެސް ދޮގުހަދާނަމަ އެވެވެނީ މުނާފިޤަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މިއީ ބިރުހުރިކަމެއް! ބައިވެރިޔާއަށް ނަމަވެސް ދޮގުހަދާނަމަ އެވެވެނީ މުނާފިޤަކަށް!

ރަނގަޅަށް ވިސްނައިލާށެވެ! ދޮގުހަދާ މީހުންނަށް އެންމެންވެސް ނަފްރަތުކުރާނެއެވެ. ދޮގުހަދާ މީހުންވެސް އެހެން މީހަކު ތިމާއަށް ދޮގުހަދައިފިނަމަ ރުޅިއަންނާނެއެވެ. އެކަމުން އެނގެނީ ދޮގުހެދުމަކީ އެންމެންވެސް ރުޅިއަންނަ ކަމެއްކަމެވެ.

އެހެން މީހުންގެ ނަފްރަތު ލިބެން މެދުވެރިވާ އަދި ދެމަފިރިންގެ މެދުގައިވެސް މައްސަލަތައް ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެއްކަމެއްގައި އެކިފަހަރު އެކިގޮތަށް ވާހަކަދެއްކޭ ކަމެވެ. އެއްކަމެއްގައި އެކިފަހަރު ދެކެވޭ ވާހަކަތަކުގައި ތަފާތު ގޮތްގޮތަށް ކަންކަން ބަޔާންކުރެވޭކަމެވެ.

އެގޮތަށް އެކަންތައް މެދުވެރިވަނީ އިޚްލާޞްތެރިކަމެއް ނެތުމުންނެވެ. ދޮގުހެދޭތީއެވެ. ބައެއް ފަހަރު ތިމާއަށް ކުރެވޭ ކަންކަން ފޮރުވަން މަސައްކަތްކުރެވޭތީ އެވެ. އެހެން މީހުންނަށް ކަންކަން އޮޅޫވާލަން މަސައްކަތްކުރެވޭތީއެވެ.

މިފަދަ ސަބަބުތަކަށްޓަކައި ބައެއް މީހުންނަކީ އެއްކަމެއްގައި ނަމަވެސް ދެފަހަރު އެއްގޮތަށް ވާހަކަ ދެއްކޭ ބައެއް ނޫނެވެ. ދެފަހަރު ދެގޮތަށް ވާހަކަ ދެއްކޭ ސަބަބު ކީރިތި ޤުރްއާނުން ފެންނަން އެބައޮތެވެ. ބަޤަރާ ސޫރަތުގެ 14 ވަނަ އާޔަތް ބައްލަޥާށެވެ!

"އަދި އީމާން ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ އީމާން ވެގެންނެވެ. އެއުރެންގެ ޝައިޠޯނުންނާ (އެބަހީ: ދެކޮޅުވެރިކަމާއި ކުފްރުވެރިކަމުގައި އެއުރެންގެތެރެއިން ކުރިއަށް ތިބިމީހުންނާ) އެއުރެން އެއްތަންވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިއަަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ، ފުރައްސާރަކުރާ ބަޔަކީމުއެވެ." (ބަޤަރާ: 14)

ދޮގު ބުނުމާއި ދެފަހަރު ދެގޮތަށް ވާހަކަދެއްކުމަކީ މުނާފިޤުންގެ ސިފައެއް ކަމުގައިވުމުން އެއީ ވަރަށް ބޮޑަށް ބިރުވެތިވެ އެކަމަކުން ސަލާމަތްވާން ޖެހޭނެ ކަމެކެވެ. އެއިރު އެހެން ބުނެވުނީކަމަށް ބުނެ އޮޅުވާލުމަކުން ނުފުދޭނެއެވެ. ޖަވާބުދާރީވާންޖެހޭނެ ދުވަސް އޮތީ ކުރިއަށެވެ.

---އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން